ގޭތެރޭ ކުރާ ކުދިކުދި މަސައްކަތުންވެސް ހަށިގަނޑުން ކެލޮރީ އަންދާލެވޭނެ!

ފޮޓޯ: ފެމެލީ ޝެއާ

ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. އޭގެ ސަބަބުން ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެއްވެސް މެއެވެ. ގޭތެރޭގެ މަސައްކަތް ކުރުމަކީ ހަށިގަނޑުން ކެލޮރީ އަންދާލާ، ހަށިިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް އެހީވެދޭ ކަމެއް ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

މިސާލަކަށް ފާޚާނާ ސާފުކުރުމަށް 15 ވަރަކަށް މިނެޓް ހޭދަކުރާނަމަ ހަށިގަނޑުން ގާތްގަނޑަކަށް 90 ވަރަކަށް ކެލޮރީ އަންދާލެވޭނެއެވެ. ގޭތެރެ ތަރުތީބުކޮށްލާ ހަދާލުމަކީވެސް ހަށިގަނޑުން ކެލޮރީ އަންދަލާ ކަމެއް ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ. މިސާލަކަށް ސިޓިންގ ރޫމްގެ އެރޭންޖްމެންޓް ބަދަލުކޮށްލައި، ކޮޓަރީގެ ތަރުތީބު ބަދަލުކޮށްލައި ހެދުމަށް ފަރުނީޗަރު އުފުލުމާއި، އެހެނިހެން މަސައްކަތްތައް ކުރުމަށް ހޭދަކުރާ ވަގުތުގެ ތެރޭގައި އެވްރެޖްކޮށް 100 ވަރަކަށް ކެލޮރީ އަންދާލާނެއެވެ. ސިޑިން އަރާ ފޭބުމާއި ސިޑިމަތިން އެއްޗެހި އުފުލުން މިކަމުގައި ހިމެނޭނަމަ ކެލޮރީ އަންދާލާ މިންވަރު އިތުރުވާނެއެވެ.

މީގެ އިތުރުން ގޭތެރޭގައި ކުލަ ލުމަށް ގަޑިއެއްހައި އިރު ހޭދަ ކުރުމުން އެދުވަހު ޖިމް އަށް ގޮސްގެން ކުރާ މަސައްކަތާއި އެއްވަރަށް ހަށިގަނޑުން ކެލޮރީ އަންދާލާނެއެވެ. އެއީ ގާތްގަނޑަކަށް ގަޑިއަކަށް 300 ކެލޮރީއެވެ.

ޒަމާނަށް އައިސްފައިވާ ބަދަލާއެކު ދިރިއުޅުމުގައި މިވަނީ ކަންނެތް ގޮތް އިހްރިޔާރު ކުރާމީހުން ގިނަވެފައެވެ. ކާ ތަށި ދޮންނަންވެސް ހަވާލު ކުރަނީ އެކަމަށް ހާއްސަ މެޝިނަކާއެވެ. ނަމަވެސް ޑިޝްވޮޝަރ އާއި ހަވާލުނުކޮށް އަމިއްލަ އަތުން ކާ ތަށިތައް ދޮވުމަކީވެސް ހަށިގަނޑުން ކެލޮރީ އަންދާނެ ކަމެއް ކަމަށްވެއެވެ. ތަށި ދޮވުމަށް 30 މިނެޓް ހޭދަކުރާނަމަ 77 ކެލޮރީ އަންދާލެވޭނެ ކަމަށް "ލިވް ސްޓްރޯންގް" ގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގޭތެރެ ވެކިޔުމް ކުރުމަށް ގަޑިއެއްހައިއިރު ހޭދަކުރާނަމަ 200 ކެލޮރީ 60 މިނެޓު ތެރޭ އަންދައިލެވޭނެއެވެ.

މަސްދަރު: ފެމެލީ ޝެއާ

comment ކޮމެންޓް