މާލެ އިން ވިއްކަން އިއުލާނު ކުރި ބިންތަކުގެ އަގު ދަށްކޮށް އަލުން ބީލަމަށް ހުޅުވާލައިފި

ތޮއްޖެހިފައިވާ މާލެ އިން ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭން ބިމެއް -- ސަން ފޮޓޯ: މުހައްމަދު ސަމާހް

މާލެ އިން ވިއްކުމަށް ހަމަޖެއްސި ބިންތަކުގެ އަގު ހެޔޮކޮށް އަލުން އެބިންތައް ބީލަމުގައި ވިއްކުމަށް ހައުސިންގް މިނިސްޓްރީ އިން އިއުލާނު ކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެެއްގައި ބުނީ ތީމުގޭ ކުރިމަތިން އޮންނަ ދަންޑެހިލް ގެއިން ތިން ބިމަކާއި ބޮޑުތަކުރުފާނުމަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމަކާއި ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ކޮންކްރީޓް މިކްސް ތައްޔާކުރާ ބިމުން 10 ބިމެއް ވިއްކަން ކުރިން ކަނޑައެޅި އަގު ހެޔޮކޮށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުރިން އެ ބިންތައް ބީލަމުގައި ވިއްކާލުމަށް ހުށަހެޅީ، ފެށޭ އަގު އަކަ ފޫޓަކަށް 15،000 ރުފިޔާގެ ރޭޓުންނެވެ. ނަމަވެސް ހައުސިން މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނުގައި ބުނީ އަލުން އެ ބިންތައް ވިއްކާނީ، ފެށޭ އަގު އަކަ ފޫޓަކަށް 12،000 ރުފިޔާގެ ރޭޓުން ކަމަށެވެ.

އެ ބިންތަކަށް ބީލަމުގެ އުސޫލުން އަގު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އިން 31ގެ ނިޔަލަށް ހުޅުވަލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ އިއުލާންގައި ބުނީ ބިން މިލްކު ކުރުމަށް ޓަކައި އަގު ދައްކަން ޖެހޭނެ ކަމަށާއި ބިން ގަތުމަށް އެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން، ހައުސިން މިނިސްޓްރީގެ ނޯޓިސް ބޯޑާއި އެމިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށެވެ. ބީލަން ކާމިޔާބު ވާނީ އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ބިންވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ވިއްކާ ބިންތަކާ ބެހޭ މައުލޫމާތު ޝީޓް މި މަހުގެ 15 އިން ފެށިގެން ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް