މަޝްރޫއުތައް ހިންގުމަށް ސަރުކާރުން 14 ކައުންސިލަކަށް ތިން މިލިއަން ރުފިޔާދީފި

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ/ ފަޔާޒް މޫސާ

ކައުންސިލްތަކުން ކުރިއަށްގެންދާ ކުދިކުދި މަޝްރުއުތަކަށް ސަރުކާރުން އެހީ ފޯރުކޮށްދިނުމުގެ ގޮތުން މިއަދު 14 ކައުންސިލަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިއަދު މެންދުރު ހޯމް މިނިސްޓްރީގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ ކައުންސިލްތަަކަށް ފައިސާ ލިބުނު ކަމުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އެ މަޝްރޫއުގެ ދަށުން ރަށްރަށުގެ ރަށްވެހި ކަމަށް ބޭނުންވާ ކުދިކުދި ތަރައްގީގެ މަޝްރުއުތައް ކުރިއަށް ގެންދިޔުމަށް އެދި 51 ރަށަކުން ހުށައަޅާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ރަށްރަށުން ޖުމުލަ 71 ޕްރޮޕޯސަލް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިއަދު ފައިސާ ހަވާލު ކުރި ކައުންސިލްތަކަށް ޖުމުލަ ތިން މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ވަނީ ހަދިޔާކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރުއު ކުރިއަށް ދަނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ދެ ފަހަރަކު އެ އެހީ ކައުންސިލްތަކަށް ފޯރުކޮށްދީފައިވާ އިރު ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ކައުންސިލްތަކުން ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މިގޮތަށް ކައުންސިލްތަކަށް ފައިސާ ހަދިޔާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު ފައިސާ ހަދިޔާ ކުރީ ހއ ، ބ، ގއ، އދ ، ފ. އަދި މ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.

ހޯމް މިނިސްޓްރީން ބުނީ ފައިސާ ދިނުމުގައި މީގެ ކުރިން އެ ފަދަ އެހީތައް މިނިސްޓްރީ މެދުވެރިކޮށް ލިބިފައިނުވާ ރަށްރަށަށް އިސްކަންދީފައިވާނެ ކަމަށާއި އަދި ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދާ ކައުންސިލްތަކަށް އިސްކަންދޭ ކަމަށެވެ.

comment ކޮމެންޓް