އެސްއޯ ފުލުހުން ފޮނުވަން ސީދާ ޕޮލިސް ކޮމިޝަނަރުގެ ހުއްދަ ހޯދަން ޖެހޭ ގޮތް ހަދަން އަންގައިފި

ޕީއެންއެފް ޖަލްސާ ބާއްވަން އުޅެނިކޮށް ފުލުހުން ސްކޫލު ގޭޓް ބަންދުކުރުން -- ސަން ފޮޓޯ

ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ފޮނުވަން ޖެހޭ ހާލަތްތަކުގައި އެކަމަށް ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލެއް ގެންނަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް އެގޮތަށް އެންގެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއެޅުމަށް އެސްއޯ ފުލުހުން ފޮނުވި މައްސަލައިގެ ތަހުގީގީ ރިޕޯޓު އެ މަނިކުފާނަށް އެރުވުމުންނެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕީއެންއެފް ޖަލްސާ އުފެއްދުމުގެ ޖަލްސާއަށް ކުރިޔަށް ގެންދިޔަނުދީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ އޮޕަރޭޝަނަލް ރިވިއު ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އެޅުމަށް ހޯމް މިނިސްޓަރު މެދުވެރިކޮށް ޕޮލިސް ކޮމިޝަނަރަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކަކީ:

  • ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބައިވެރިވާންޖެހޭ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސް ފުލުހުން ޑިޕްލޮއި ކުރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދައިގެ ދަށުން އެކަންކަން ކުރުން
  • ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑުގް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން
  • ޣިޔާސުއްދީން ސްކޫލްގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންގެ ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް ފަރާތަކުން އިހުމާލުވެފައިވާނަމަ، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން
  • އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލު ކުރަމުންދާ އުސޫލު މުރާޖާކޮށް މިހާރަށްވުރެ ދެފުށް ފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން، އަދި
  • ޣިޔާސުއްދީން ސްކޫލްގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް، ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

ރޭގެ ޖަލްސާ އޮންނާނެކަން ކުރިއާލާ އިއުލާން ކުރުމަށް ފަހު، ޣިޔާސުއްދީން ސްކޫލަށް ޕީއެންއެފްގެ މެންބަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފައެވެ. ފުލުހުން ބުނީ ގޭޓް ބަންދު ކުރަން ޖެހުނީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި ޖަލްސާ ބާއްވަން އުޅުމުން ކަމަށެވެ. ނަމަވެސް ޕީއެންއެފްއިން ބުނީ ސްކޫލުން ހުއްދަ ދިން ކަމަށެވެ.

މި މައްސަލައިގައި މިރޭ ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޣިޔާސުއްދީން ސްކޫލުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އެ ސްކޫލުގައި ބޭއްވުމުގެ ހުއްދަ ދިނުމަށްފަހު، އޭގެ ފަހުން ހުއްދަ ބާތިލްކުރި ކަމަށެވެ. އަދި އެ ހުއްދަ ބާތިލް ކުރިކަން ސްކޫލްގެ ފަރާތުން ޕީއެންއެފަށް އެންގި ނަމަވެސް، ސްކޫލްގެ ހުއްދަ ނެތި ޖަލްސާ ކުރިޔަށް ގެންދިއުމަށް ޕީއެންއެފުން ނިންމި ކަމަށް އެ ބަޔާނުގައިވެއެވެ. އެ ގޮތުން އެކަން ހުއްޓުވުމަށް ސްކޫލް ހިންގާ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ފުލުހުންގެ ހިދުމަތުގައި އެދުނު ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެސްއޯ ފުލުހުން ގޮސް ސްކޫލު ގޭޓް ބަންދު ކުރުމުން ވެސް ޕީއެންއެފްގެ ގިނަ ސަޕޯޓަރުން ބޭނުންވީ ސްކޫލުގެ އެތެރެއަށް ވަނުމަށެވެ. ފުލުހުން އެ ފުރުސަތު ނުދިނުމުން އެސްއޯ ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

މިއަދުގެ އީދު ސަލާމަށް ފަހު މުލިއާގޭގައި ހުންނަވައި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މިކަމާ ގުޅިގެން ވިދާޅުވީ ރޭގެ ޖަލްސާގެ ކަންކަން ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކަން ކޮށްފައިވަނީ އެމަނިކުފާން ބޭނުންފުޅުވެލައްވާ ގޮތަށް ނޫން ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާ ބާއްވަން ސުކޫލެއް ހަމަނުޖެހުނުކަން އެނގިވަޑައިގެންނެވި ހިސާބުން ސްޕޯޓްސް މިނިސްޓަރަށް ގުޅުއްވައި އެ ޖަލްސާ ބޭއްވުމަށް ސޯޝަލް ސެންޓަރު ހިލޭ ހަމަޖައްސަވައި ދެއްވަން އެ މަނިކުފާނު އެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ހުށަހެޅުން ހުށަހެޅުއްވި ފަހުން ރާޅުގަނޑުގައި ޕީއެންއެފްގެ ޖަލްސާ ކުރިއަށް ގެންދިޔައިރު އެ ހިސާބަށް ފުލުހުން ނުފޮނުވުމަށް އެ މަނިކުފާނު ހޯމް މިނިސްޓަރަށް އިރުޝާދު ދެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް