ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު އެއޯސިސްގެ މިނިސްޓަރުންގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވާރަމަންޓު މިނިސްޓަރު ވާހަކަ ދައްކަވަނީ--

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެ އިން އިސްނަގައިގެން އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) ގުޅިގެން އިނީޝިއޭޓިވް ފޯ ރިނިއުބަލް އައިލެންޑް އެނާޖީ (އައިރީ)ގެ މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ބައްދަލަވުން އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ ނާއިބު ރައީސް އަބުދުﷲ ޖިހާދެވެ.

މިއަދު ފެށި ބައްދަލުވުމުގައި ކުދި ޖަޒީރާގައުމުތަކުން 17 އަށް ވުރެ ގިނަ ގައުމުތަކުގެ މިނިސްޓަރުންނާއި އަދި މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ބައިވެރިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު އެއޯސިސްގެ މިނިސްޓަރުންގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ދާދި ފަހުން ކެރީބިއަންގެ ޖަޒީރާ ގައުމުތަކަށް އެރި ހަރީކޭން ތޫފާނުގެ ސަބަބުން އެ ގައުމުތަކަށާއި އަދި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި އަދި އެއީ މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ގެއްލުން ބޮޑު ހަރީކޭން ކަމަށެވެ. އަދި އެހާބާރު ގަދަ ތޫފާންތައް ކައިރި ކައިރީގައި އަންނަމުން ދިޔުމަކީ މޫސުމަށް ބަދަލު އަންނަ ކަމުގެ ވަރަށް މުހިންމު ހެއްކެއް ކަމަށާއި އަދި ކުދި ޖަޒީރާގައުމުތަކަކީ އޭގޭ ގެއްލުންތައް ތަހައްމަލުކުރުމަށް އެންމެ ކުރީގައި ތިބި ގައުމުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދާދި ފަހުން އެރި ދެ ހަރިކޭންގެ ސަބަބުން އެތައް ބައެއްގެ ފުރާނައާއި ގެދޮރު ގެއްލިފައި އެވަނީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރު ކެރީބިއަނަށް އެރި ހަރީކޭން އަކީ މިހާތަނަށް އެރި އެންމެ ގައްލުން ބޮޑު ތޫފާން. އެހާ ބާރުގަދަ ތޫފާންތަކެއް ކައިރީގައި އަންނަމުން ދިޔުމަކީ މޫސުމަށް ބަދަލު އަންނަ ކަމުގެ ވަރަށް މުހިންމު ހެއްކެއް،" ތޯރިގް ވިދާޅުވި އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު އެއޯސިސްގެ މިނިސްޓަރުންގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މިނިސްޓަރު ވިދާޅުވީ ޖައްވަށް ދޫކުރާ ގޭސްތައް މަދުކުރުމަށް ޓަކައި އަޅުގަނޑުމެން ރަނގަޅަށް ސާބިތުވެ، ބައިނަލަގްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތައް އަޅައިގެން ނޫނީ މޫސުމަށް އަންނަ ބަދަލުތައް ނުހުއްޓުވޭނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ކިތެންމެ ބޮޑަކަށް ތަހައްމަލުކުރަން ޖެހުނު ކަމުގައި ވިޔަސް ރާއްޖެ ކަހަލަ ކުދި ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

comment ކޮމެންޓް