ލ. ބަރެސްދޫގައި ނުވިކި ހުރި އިތުރު ބިންތައް ކުއްޔަށް ހިންގުމަށް މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފުލް މާކްސްލިބުނު ތިން ފަރާތަކަށް ސްލޮޓް ހަމަޖެހުނު ކަމުގެ ލިޔުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހަވާލުކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ކުއްޔަށް ހިންގުމަށް ބިންތަށް ލިބުނު ފަރާތްތަކާ އެ ލިޔުން ހަވާލު ކޮށްދެއްވީ އެމްއައިޓީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.
މުހައްމަދު ޝާހިދު ވިދާޅުވީ ތަންތަން ކުއްޔަށް ހިންގަން ދޫ ކުރަނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އަދި މާކްސް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ހުށަހަޅާ އެޑްވާންސް ކުލީގެ މިންވަރާ އެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ މިންވަރަށް ކަމަށެވެ.
އެެގޮތުން މިއަދު ބިން ހަމަޖެހުނުކަމުގެ ލިޔުން ހަވާލު ކޮށްފައި ވަނީ މިހާތަނަަށް ފޯމް ހުށަހެޅި ފަރާތުތަކުގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ފުލް ޕޭމަންޓް ދައްކާ ފުލްމާކްސް ލިބުނު ތިން ފަރާތަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ލިޔުން ހަވާލު ކޮށްފައި ވަނީ 10،000 އަކަފޫޓުގެ ގެސްޓްހައުސްއަކާއި 5000 އަކަފޫޓުގެ ދެ ގެސްޓްހައުސް ގެ ބިން ހަމަޖެހުނު ކަމުގެ ލިޔުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ލިޔުން ހަވާލު ކުރި ބޭފުޅުން ބޭނުންވާ ސްލޮޓެއް އަމިއްލަޔަށް ހިޔާރުކޮށް އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ބަރެސްދޫގެ އަމަލީ މަސައްކަތް ނޮވެންބަރު މަހުގަ ފެށުމަށް މަސައްކަތް ކުރާ ކަމަށާއި މަސައްކަތް ފެށުމަށްފަހު 18 މަސް ދުވަހުގެ ތެރޭގައި ސޮފްޓް އޯޕަނިންއަށް ރަށް ހުޅުވާލެވޭތޯ މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.