ޕިރްލޯ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ

އަންދްރޭ ޕިރްލޯ--

އެމެރިކާގެ ނިއުޔޯކު ސިޓީ އާ ހެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ހުނަރުވެރި މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

އޭސީ މިލާން، ޔުވެންޓަސް އަދި އިޓަލީގެ ގައުމީ ޓީމަށް ވެސް ކުޅެދީފައިވާ ޕިރްލޯ ވަނީ ދެ ފަހަރަށް އިޓަލީ ލީގު ކާމިޔާބުކޮށް ދެ ފަހަރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ އާއެކު ކާމިޔާބު ކޮށްފަ އެވެ.

އުމުރުން 38 އަހަރުގެ ޕިރްލޯ މި ސީޒަނުގައި އެމެރިކާ ލީގުގައި 15 މެޗު މިހާތަނަށް ކުޅެދީފައިވާއިރު، ނިއުޔޯކު ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުން ހަމަވާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

"އަހަރެންނަށް ދެން ވިސްނުނީ ވަގުތު ޖެހިއްޖެ ކަމަށް. ކޮންމެ ދުވަހަކު ވެސް ޕިޒިކަލް މައްސަލައެއް ދިމާވެގެން އުޅެން ޖެހެނީ. މި ސަބަބާ ހުރެ ފަރިތަކުރުންތަކަށް ރަނގަޅަށް ނުވެސް ނިކުމެވޭ." ޕިރްލޯ ބުންޏެވެ.

ޕިރްލޯ ބުނީ ކުޅުން ހުއްޓާލާ އުމުރު ޖެހިއްޖެ ކަމަށާއި 50 އަހަރު ވަންދެން ފުޓުބޯޅަ ކުޅުމަކީ ނުވާނެ ކަމެއް ކަމަށެވެ. އަދި ކުޅުން ހުއްޓާލައި ކޮންމެވެސް އެހެން ކަމެއް ކުރަން ވިސްނާ ކަމަށް އޭނާ ބުންޏެވެ.

"އުމުރުން 38 އަހަރުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ރަނގަޅު ގޮތް. އަހަރެން ރުޅިއެއް ނާދޭ. އޭގެ ބަދަލުގައި އަހަރެން ބޭނުން ވަނީ އެ ކުޅުންތެރިންނަށް އެހީވެ އަހަރެންނަށް އެނގޭ އެއްޗެއް ކިޔައި ދޭން." ޕިރްލޯ ބުންޏެވެ.

comment ކޮމެންޓް