"ދަ ފޯލްޓް އިން އަވަ ސްޓާސް"ގެ ހިންދީ ރީމޭކްގައި ސުޝާންތު!

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، 'ދަ ފޯލްޓް އިން އަވާ ސްޓާޒް'ގެ ހިންދީ ރީމޭކް އަށް ހުނަރުވެރި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ހަމަޖައްސައިފި އެވެ.

ކުރިން ފިލްމަށް ހަމަޖެއްސީ އަދިއްތުޔަ ރޯއި ކަޕޫރު އެވެ. ނަމަވެސް އޭނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ފިލްމު ޑައިރެކްޓު ކުރާނީ މުކޭޝް ޗަބްރާ އެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަން އަށް ވެގެންދާނެ އެވެ.

މުކޭޝް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފިލްމުގެ ލީޑުގެ ގޮތުގައި ސުޝާންތު ހަމަޖައްސައިފައިވާ ކަމަށެވެ.

"އަންހެން ލީޑު ހޯދުމަށް އަދި ވެސް މިދަނީ މަސައްކަތް ކުރަމުން،" އޭނާ ބުންޏެވެ.

'ދަ ފޯލްޓް އިން އަވާ ސްޓާޒް' އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމެކެވެ. އެއީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

ސުޝާންތު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސާރާ އަލީ ޚާން އާއެކު ފިލްމު 'ކޭދަރްނާތު' އިންނެވެ.

comment ކޮމެންޓް