ވަރިއަކީ ވާރުތަވާ ކަމަކަށް ވުން އެކަށީގެންވޭ: ދިރާސާ

ވަރިއަކީ ވާރުތަވާ ކަމަކަށް ވުން އެކަށީގެންވާ ކަމަށް އެމެރިކާގެ ވާޖީނިއާ ކޮމަންވެލްތު ޔުނިވާސިޓީ (ވީސީޔޫ) އާއި ސުވިޑެންގެ ލަންޑް ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެދިރާސާގައި އެންމެ އިސް ދައުރެއް އަދާ ކުރި ވީސީޔޫގެ ޑިޕާޓްމެންޓް އޮފް ސައިކޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރު ޖެސިކާ ސެލްވަޓޯ ވިދާޅުވި ގޮތުގައި އެދިރާސާގެ މަގުސަދަކީ އެއް އާއިލާއެއްގައި ވަރި ގިނަވާ ސަބަބު ހޯދުމެވެ. އަދި ސުވިޑެންގެ ގައުމީ ރެޖިސްޓްރީގައިވާ މައުލޫމާތު ބޭނުންކޮށްގެން ހެދި އެދިރާސާއިން ވަނީ ވަރި އެއް ޖީލުން އަނެއް ޖީލަށް ގެންދިޔުމުގައި ޖެނެޓިކްސްއިސް އިސް ދައުރެއް އަދާ ކުރާކަމުގެ ހެކި ލިބިފައި ކަަމަށް ސެލްވަޓޯ ވިދާޅުވި އެވެ.

އެދިރާސާއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވަނީ އެއީ މީގެ ކުރިން ވަރިއާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކާ ތަފާތު ނަތީޖާއެއް ލިބުނު ދިރާސާއަކަށްވާތީ އެވެ. ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ވަރި ތަކުރާރު ވަނީ މައިންބަފައިން ވަރިވުމުގެ ކުރިން ޖެހޭ މައްސަލަތައް ހައްލު ކުރަން ނޭނގޭތީ، ދަރިން ބޮޑުވަމުން އަންނަ އިރު އެފަދަ އާދަތައް އަށަގަނެ، ފަހުން އަމިއްލައަށް ކައިވެނި ކުރުމުން ވެސް އެގޮތަށް އަމަލު ކުރެވޭތީ އެވެ.

ސެލްވަޓޯ ވިދާޅުވި ގޮތުގައި މިދިރާސާގެ ސަބަބުން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ކައުންސެލިން ދޭ ގޮތް ތަފާތު ވެގެންދާނެ އެވެ. އެގޮތުން މީގެ ކުރިން ކައުންސެލިންދޭ އިރު، ދެމަފިރިންގެ ތެރެއިން އެކެއްގެ މައިންބަފައިންގެ ކައިވެނި ރޫޅިފައިވާ ނަމަ، ކުރީގެ ދިރާސާތަކަށް ބިނާކޮށް ކައުންސިލަރު އިސްކަން ދޭނީ އެމީހަކަށް މައްސަލަތައް ހައްލު ކުރާނެ ގޮތްތަކާއި، މުއާމަލާތް ކުރުމަށް ދަސްކޮށްދިނުމަށެވެ.

ނަމަވެސް މުސްތަގުބަލުގައި ކައުންސިލުންދޭ އިރު މީހާގެ މިޒާޖުގައި ގުދުރަތީ ގޮތުން ހުންނަ ބައެއް ކަންތައްތަކަށް އިސްކަންދިނުން މުހިއްމު ކަމަށް ސެލްވަޓޯ ވިދާޅުވި އެވެ. އެގޮތުން ކަންތައްތަކާ ބެހޭ ގޮތުން އަބަދުވެސް ނުބައިކޮށް ވިސްނުން ފަދަ ކަންތައް ކުޑަ ކުރަން އެހީތެރިވެދެވޭނެ ކަމަށް ސެލްވަޓޯ ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް