Sun Online

އަހަރެންގެ ހިތް އަނބުރާދީ - 54

ލިޔުނީއައިޝާ ނަސީމް

މެހެރީނާ ހީކުރީ އަރީން އޭނަ ހިތް އުފާވާނެގޮތަކަށް މިފަހަރު ހަދާދޭނެކަމުގައެވެ. އަރީން ބުނެފާނެ އެއްޗަކުން އޭނައަށް ވަރުގަދަ ޝޮކެއް ލިބެން އުޅޭކަމެއް ނޭގި މެހެރީނާ ވިޝާމް އެތަނުން ކަނޑާލަން ބާރު އަޅަންފެށިއިރު ވިޝާމްއާއި ދޭތެރޭގައި ވާ ހަސަދައާއި ރުޅިވެރިކަމުގެ އަލިފާނުން މުޅި ހަށިގަނޑު ހޫނުވެފައިވިއެވެ. ވިޝާމް އޭނަގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށް ދިންކަން މެހެރީނާ ހަދާން ނައްތާލައިފިއެވެ.

"އަރީން މިފަހަރު އޭނަގެ ބޮލުގައި މީހެއްގެ މަރުގެ ތުހުމަތު އަޅުވާފައި ނަމަވެސް ވަކިކޮށްލަންވީނު. ނޫނީ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ. ހަމަތެދެއް މިބުނަނީ. އޭނަ ފެނުމާއިއެކު އަޒަލްގެ މަތިން ހަދާންވެ އޭނަގެ މޫނު ނޮޅާލަން ބޭނުންވި. ވަރަށް ފޮނި ފިރިހެނެއް. އެހެންނު ވާނީ. އެހާ ނިކަމެތި ބަޔަކަށް ދެ އަކުރު އެނގުނަސް ދެން ތިމާވަރުގެ މީހެއް ނެތްކަމަށް ހެދިގެން ވިއްޔަ އުޅޭނީ. ޒެލް ހައްދާލާފައި އޭނަ އެކުއްޖާއާއި ދޭތެރޭ ކަންތައް އެކުރި ނުބައިގޮތްތައް އަރީން ހަދާނެއް ނެތްތަ؟ " މެހެރީނާ އަރީންއަށް ހަދާންކޮށްލަދިނީ އަރީންގެ ޚިޔާލު އޭނަގެ ކޮޅަށް އަނބުރާލުމުގެ މަގުސަދުގައެވެ.

"ކުރިންވެސް އަހަރެން ވިޝާމް ފަޔާ ކުރީ މެހެރްއަށްޓަކާ. އެކަމާ ޝުކުރުވެރިވޭ. ނަމަވެސް މިފަހަރު މޮޔަ މޮޔަ އަންހެނުން ބުނާގޮތަށް ހަދައިގެން ތަނުގެ ކުރިއެރުމަށް ހުރަސްއެޅޭފަދަ ކަމެއް ކުރާކަށް ނޫޅެން. ހީޒް އެ ކެޕޭބަލް ޑޮކްޓަރަކަށްވުމުން އެތަނަށް ލިބޭ ރީތިނަމެއް ނޫންތަ. ކުރީފަހަރުވެސް އެއްވެސް ކުށަކާއި ނުލާ ވިޝާމް ކަނޑާލިފަހުން އަހަރެން ހުންނަން ޖެހުނީ އެކަމާއި ހަމަ ނިދި ނުލިބިފައި. މީހަކަށް ދެރައެއް ދީފައި އަނެކަކާއަށް މޮޅެއް ނުލިބޭނެ. މެހެރްއުޅެނީ އަހަރެން ލައްވާ ނުބައިބައި ކުޅުވަން..." އަރީން އެނދުގައި އިށީދެ އިސްޓާކީނު ބާލަން ފެށިގޮތަށް ލޯގަނޑުން މެހެރީނާގެ މޫނަށް ބަލައިލީ މެހެރީނާ މޫނު ހަދައިގެން އިންނާނެކަން ޔަގީންވެ ހިނިއަންނަގޮތްވެފައެވެ. ހީކުރިގޮތަށް އެދޮންމޫނަށް ރޫތައް ގިނަކޮށްލައިގެން އިންއިރު ދެންމެ ދެންމެ އަރީންއަށްވެސް ހަމަލާއެއް އައިސްފާނެކަހަލައެވެ. އެހާވެސް މެހެރީނާ ރުޅިގަދަވިއެވެ.

"ކޮން އިރަކުން މެހެރް ނިކަމެތިންދެކެ ނަފްރަތުކުރުން ހުއްޓާލާނީ......"

"ނެވާ....." މެހެރީނާ އަނދައިގަތެވެ.

"މެހެރް. އަހަންނާއި ފާގިޔާގެ ގުޅުން އޮތްވަރު މުޅި އާއިލާ ދަނޭ. މިސާލަކަށް ވިޝާމް އަހަރެންގެ ދަރިއަކަށް ވީޔޯ.........." އަރީންގެ އެޖުމްލަ އެތަނުގައި ގޮއްވާލި ބޮމެކޭ އެއްވަރެވެ. މެހެރީނާއަށް ކުއްލި ޝޮކެއްލިބި އިން ގޮނޑި އަބުރައިލެވުނީ އަރީންއާއި ވީފަޅިއަށެވެ. އަނގަ ހުޅުވާލައިގެން އިންގޮތަށް އަތްތިލަ ގެންގޮސް އަނގަމަތީގައި އެޅިއެވެ. އަނބުރައިގެންފާނެހެން ހީވި ވަގުތުކޮޅަކަށްފަހު މެހެރީނާ އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވުމުގައި ކާމިޔާބުކޮށްފިއެވެ.

"ހަހަ......." އަރީން ހިނިގަނޑެއް ޖަހާލިއެވެ.

"އަރީން ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކުރުނުކޮށް ކައިވެނިކުރީ ބަދަލެއް ހިފަންވެގެން ދޯ. އެއީ ބަލަ ރޯޒްމެހެލްގެ ނޯކަރެއްގެ މަގާމުގައި ހުރި އަންހެނެކޭ. އަރީންގެ ފައި ފުއްސަކަށްވުން އެކަށީގެންވާ މީހެއްގެ ވާހަކައެއް ނޫނޭ ތިދައްކަނީ. ތި ވާހަކަ ފެތުރިއްޖެއްޔާ އަރީން ބަދުނާމުވާނެ ވަރެއް ނުވިސްނަނީތަ؟ މީހުން ހާދަ މަލާމާތްކުރާނެއޭ. އަރީން ތިހިރަ މަގާމާއިމެދު ވިސްނާލާފައިވެސް ތި މާޒީ ވަޅުލާފައި އެކަން ހަދާން ނައްތާލަން ވެއްޖެތާ ކިތަންމެ ދުވަހެއް. ލަދުން ހަލާކުވާވަރުވޭ........" މެހެރީނާ ދަތްތައް ޖައްސާ ބާރުކޮށްލައިގެން ހުރެ ވާހަކަދެއްކިއިރު އޭނަގެ މުޅިހަށިގަނޑުވެސް ފިނިވެއްޖެއެވެ. އަރީންގެ ވާހަކައިގާ ވަނީ ކިހާވަރެއްގެ ބުރަދަނެއްކަމެއް އޭނައަކަށް ނޭގެއެވެ. ނަމަވެސް ފާގިޔާއާއި އަރީން އޮތް ގުޅުން ރޯޒްމެހެލް އަށް އެނގުނެވެ. އޭރު އަރީންގެ ޖާރިޔާއެކޭ ފާގިޔާ ތަފާތެއްނެތެވެ. ފާގިޔާގެ ސޫރަ ފެނުނަސް މެހެރީނާ ރުޅިއައިސްގެން ދަތްތައް ބިންދައިގެންދާވަރުވެއެވެ. ނުރުހޭކަމަށް ހަދައިގެން ހުރެ ފުށް ޖަހާ ފަތަރާސީކޮށް ހިނގަ ހިގާފައި އެއާއިލާގެ ޝާހީކުދިންނަށް ހިތްކިޔާ ދައުވަތު ދެނީ ހަމަ ފާގިޔާ އަމިއްލައަށެވެ.

"މެހެރްގެ ޗެނެލްއިން ކަން ނޭގޭ ތިވާހަކަ ފަތުރާނީ. އަހަންނޭ ކިޔައިގެން އެއްޗެކޭ ނުކިޔާ ދުވަހެއް ނުވެއެއްނު ހެހެ. ޕަޕަރާޒީއިން ފަހަތު އަޅުވާވަރުން މަގަކަށް ނުކުމެވޭވަރެއްވެސް ނުވޭ. ހޫމް ތުންކޮޅު އުލެއް ހެން ހަދާލައިގެން އިންނަން މަގޭ ކަމަނަ ރުޅިއައީތަ؟ އަހަރެންގެ ކާއިނާތަށް އަލިކޮށްލި މަގޭ ހަނދަށް މިގޮތަށް ވިލާ އެޅި ބަނަވީމަ ދެން ރީތިކަން ފަނޑުވެސް ވޭ...." އަރީން ގަމީހުގެ ގޮށްތައް ނައްޓާލަމުން އައިސް މެހެރީނާއާއި އަރާހަމަވެފައި މޫނާއި ދިމާލަށް ގުދުވެލީ އިޝްގީ ހިނިތުންވުމަކާއި އެކުގައެވެ. އެ އާދައިންވެސް މިއަދު މެހެރީނާގެ ހިތަށް އުފަލެއް ނުލިބުނެވެ. އަރީންގެ އެ ދައުވަތި ގަބޫލުކުރުމެއްނެތި މެހެރީނާ ދުރަށް ޖެހުނެވެ.

ދެއާޒް އެ މީޓިން. އައިމް އޯލްރެޑީ ލޭޓް...."

"މެހެރް. ދަރިއެއް އޮތްކަން ހަދާނެއްނެތްތަ؟ މާ ގިނައިން ބޭރުގައި ތިއުޅެނީ. އަހަރެން ބުނެފީމެއްނު މެހެރް ޖޮބަށް ނުގޮސް ދަރިފުޅު ބަލަން ހުންނާށޭ....."

"އަރީން. އެހެރީ ނެނީއެއް ގެނެސްފައި..." މެހެރީނާގެ ތުންފަތް އިތުރަށް ހަނިވިއެވެ.

"ނެވަރ މައިންޑް. މަގޭ ދޫނިފުޅާ. މެހެރް ޑާލިން. ފުރާނަޔާ. ނެނީ ދަރިފުޅު ބަލާނެޔޯ. ވަޓް އެބައުޓް މީ؟ އަހަރެން ޑިއުޓީ ނިންމާފައި އައީމަ އަހަރެންގެ އަންހެނުންނަށް ވަގުތެއް ނުދެވެންޏާ ދެން ނެނީތަ އެކަންވެސް ކޮށްދޭނީ....... " އަރީން ހަށަންބަދެލިއެވެ.

މެހެރީނާ އާއި އަރީން ކައިވެނިކުރިފަހުން އެހާ ސީރިޔަސްކޮށް އަރައިރުންވި ފުރަތަމަ ދުވަހަށް އެދުވަސްވެގެން ދިޔައެވެ. މެހެރީނާ ދެކުނު ގޮތުން ސުންޕާކަން ލައިގަތީއެވެ. ވިޝާމްއާއި ސަލްވާ އެނބުރި އައުމާއިއެކު އޭނަގެ އުފާވެރި ދިރިއުޅުމަށް ތޫފާނެއް އައިސް ހުރިހާ އެއްޗެއް ހަލާކުވެއްޖެއެވެ. މިހާރު އަރީން އެދެއްކި ވާހަކައަކުން ހިތުގައި އުފެދުނު ބިރުވެރިކަން އޭނަގެ މުޅި ހަށިގަނޑުގައި ދައުރުވާން ފެށިއިރު ސިކުނޑީގައި ތަކުރާރުކޮށް ގުގުމަނީ އަރީންގެ ބަސްތަކެވެ. އަރީންގެ ދަރިއަކަށް ވިޝާމް ވެދާނެޔޭ އެބުނީ އޭނަ ޑީއެންއޭ ޓެސްޓެއް ހަދާފައި ނޫންކަމެއްވެސް ނޭގެއެވެ. އަރީން އެގޮތަށް ބުނެލާ ބަހެއްވެއްޖެއްޔާ ކޮންމެވެސް ކަހަލަ ތެދެއް އެކުލެވޭނެއެވެ. އެއީ ހަގީގަތަކަށް ވެއްޖެއްޔާ އޭނަ އެންމެ ސިކުންތުކޮޅަކަށްވެސް އަރީންއާއިއެކު ދިރިއުޅޭކަށް ބޭނުމެއްނޫނެވެ. ނަމަވެސް މި މުއްސަދިކަމާއި އަރާމާއި އުފާ އަދި ލިބިފައިވާ މަގާމު ދޫކޮށްލާކަށްވެސް އެހިތަކަށް ކުޅަދާނައެއް ނޫނެވެ. އޭނަ އެތައް ދުވަހަކުއްސުރެން ދެކެމުން އައި ހުވަފެންތައް ފުރިހަމަވެ ރީތި ދިރިއުޅުމެއް ފެށުމުން މި ލައިގަތީ ކޮންފަދަ މުސީބާތަކާ ހެއްޔެވެ؟

ސަލްވާ ކޮންމެހެން ގަންނަންޖެހޭ ސާމާނުތަކެއް ގަނެގެން ދެތިން ކޮތަޅަށް ލައިގެން ހިނގައިގަތްތަނާ ވާރޭ ވެހިގަތްލެއް ބޯކަމުން ތަނެއްދޮރެއް ފެންނަވަރެއްނުވިއެވެ. ދުވެފައިގޮސް އަސްކަނިއެއްގެ ހިޔާވަހިކަން ލިބިގަތްއިރު އެހާ އަވަހަށް ތެމިފޯކޮށްލައިފިއެވެ. ބާރު ވައިރޯޅިތައް މެދުކެނޑުމެއްނެތި ހަށިގަނޑަށް ހަމަލާތައް ދޭންފެށުމުން އަދި ފިނިވެގަތީ ގޮތެއް ބަލާފައެއް ނޫނެވެ. ފަސްމިނިޓްނުވަނީސް ރޫރޫއަޅަންފެށިއެވެ. އެހަނި ގޯޅިގަނޑުގައި ހުރީ މުޅިންވެސް ގެތަކެވެ. ކާރު ދަތުރުކުރާވަރަށްވުރެ ހަނި މަގަކަށްވުމުން އެތާ ހުރެގެން މުޅިރޭ ހޭދަވިޔަސް ކާރެއް ނުލިބޭނެކަން އެނގުނެވެ. އަދި ވާރޭ ވެހެނީވެސް ހުއްޓާލަން އުޅޭފަދަ ގޮތަކަށް ނޫނެވެ. ސަލްވާގެ ނަސީބު ދެރަކަމުން ފޯނު ޗާޖުނެތުމުން އޭނަ ފޯނުވެސް ނުލާ އައީއެވެ. ވިސްނާލާފައި ހިނގައިގަތީ މައި މަގަށް ނުކުމެ ކާރެއް ހޯދުމުގެ ނިޔަތުގައެވެ.

ދެތިން ފަހަރު އަތް ނެގުމުންވެސް ކާރުތައް މަޑުކޮށްނުލާ ދިޔައީއެވެ.

މިއޮތް ބޯ ވާރޭގައި ހިނގާ ބިގާވެ އުޅޭމީހުން މަދުވެ މަގުތައް ފެންނަނީ ތަންކޮޅެއް ފަޅުކޮށެވެ. ސަލްވާވެސް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ކުރިއަށް ދަނިކޮށް މީހެއްގެ ގައިގާ އަޅައިގަތުމާއިއެކު އަތުން ކޮތަޅެއްދޫވެ އޭގައިވާހާ އެއްޗެއް އެކި ދިމާލަށް ވިހުރުވިގެން ދިޔައެވެ. ސަލްވާ އަވަހަށް އުޅުނީ އޭނަގެ އެއްޗެހި ހޮވާށެވެ.

"ސަލްވާ........ " އެމީހަކުގެ ފިރިހެންވަންތަ އަޑު އިވުމާއިއެކު ސަލްވާގެ ގައިން ހީބިހި ނެގުމާއިއެކު ކޮޅަށް ތެދުވެވިއްޖެއެވެ. ވާރޭކޯޓުލައިގެން އޭނަގެ ކުރިމަތީގައި ހުރި ފިރިހެނަކީ އޭނަ އެމީހެއްގެ އިންތިޒާރުގައި އެތައް ރެއެއްގެ ނިދިނަގާލި އޭނަގެ ލޯބިވާ ފިރިމީހާއެވެ. ހައިކަލްއެވެ. އެމީހަކަށްޓަކާ އޭނަ ކަރުނަ އޮއްސިވަރާއި އިންތިޒާރުކުރިވަރު ދެނެވޮޑިގެންވަނި ހެއްދެވިފަރާތް އެކަންޏެވެ. މިހާރު މިހިރީ ކުރިމަތީގައެވެ. އެދޭތެރޭގައި އެންމެ ފޫޓެއްގެ ދުރުމިން ނެތަސް ނުފެންނަ ބޯ ފާރެއްލެވިފައިވާ ފަދައެވެ. ހުރިހާ ހުރަހެއް ފުނޑުފުނޑުކޮށްލާފައި އެއަތުގެ ހޫނުކަމާއި ހިމާޔަތަށް އެދި ސަލްވާގެ ހިތް ތެޅިފޮޅިގަތެވެ. ހާދަ ވަރަށް ދުޢާކުރެވިއްޖެއެވެ. ހާދަ ވަރަކަށް އޭނަ އެކަމަށް އެދުނެވެ. ހިތާހިތުން ހަމްދުކުރުމާއިއެކު އެވަގުތުވެސް ބޭނުންވީ ޝުކުރުގެ ސަޖިދައެއް ކުރާށެވެ. ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. ދުނިޔޭގައި ހުރެގެން އެންމެފަހަރަކުވެސް ލޯބިވާ ހައިކަލްގެ މޫނު ދުށުމުގެ ނަސީބު ލިބުމަށް އެދި ކުރި ދުޢާތައް އިޖާބަވެއްޖެއެވެ. ސަލްވާގެ ދެލޮލުން ފޭދިގަތް ކަރުނަތައް ތިރިއަށް ދެމިގަތީ ވާރެއާއިއެކުވަމުންނެވެ. ހަށިގަނޑަށް ވެފައިވާ ފިނިކަން ފޭދިގެންގޮސް ހިތުގެ ފުންމިނަށް ފިނިކަން ފޯރުކުރުވައިފިއެވެ.

ދެމީހުންވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު ލޮލުން ފެނުނީ އެކަކު އަނެކަކަށް އެދޭވަރެވެ.

"މިއޮތް ވިއްސާރައިގާ އެކަނި މާ އެކަނި ބާޒާރުކުރުމުގައި އުޅޭ ކުއްޖެއް ތިނޫނިއްޔާ ވާނެކަމެއް ނޭގޭ......." ހައިކަލް ބިންމައްޗަށް އުކިފައި ހުރި ސާމާނުތައް ކޮތަޅަށް ލާފައި އަތަށް ލެއްވިއިރުވެސް ސަލްވާ ހުރީ ބުދެއްފަދައިން އެސްފިޔަޖަހާލަންވެސް ނޭގިފައެވެ. އެފުންދެލޮލުގެ ރީތިކަން އެތައް އަހަރެއްފަހުން ކައިރިން ފެނުނުގޮތަށް ސަލްވާ ހުރީ ނޭވާލާންވެސް ނޭގިފައެވެ. ހުއްޓުން އަރާފައެވެ. ރޫރޫއަޅަމުންދިޔަ ހިތް މައިތިރިކުރަން އޭނަ ދެއަތް އަމިއްލަ ހަށިގަނޑުގައި ވަށާލައިފިއެވެ. ސަލްވާއަށް އެހާ ފިނިވާ މަންޒަރު ފެނި އުދަގޫވެގެން ހައިކަލް އޭނަގެ ކޯޓު ބާލާފައި ސަލްވާ ލައްވާދިނުމުން ސަލްވާ ހޭވެރިކަންވެ އެސްފިޔަތައް ޖަހާލައިފިއެވެ. މިއީ ހިލޭމީހެއްނޫނެވެ. އޭނަގެ ފިރިމިހާއެވެ. ހުރިހާ ހައްގެއްވެސް އޮންނާނެ ނޫންހެއްޔެވެ.

"މިތާ ކައިރީގައި އަހަރެންގެ ގެ ހުރީ. ފިނިވެގެން ހަލާކުނުވަނީސް އެއްޗެހި ބަދަލުކޮށްލަން ހިނގާ..." ދެންވެސް ވާހަކަދެއްކީ ހައިކަލްއެވެ. ސަލްވާ ކިޔަމަންތެރި ޚާދިމާއެއްފަދައިން ބަހަކުން ކުރެ ބަހެއް ނުބުނެ ފަހަތުން ހިނގައިގަތެވެ. ހައިކަލް އަރާހަމަވީ އިމާރާތުގެ ފުރިހަމަކަމުންވެސް ސަލްވާއަށް ޝޮކެއްލިބުނެވެ. މިއުޅެނީ ހުވަފެނެއްގައިބާވައެވެ. މިފަދަ ދައުވަތަކަށް އިންތިޒާރުކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ އިތުރު އެހެން ކަމެއް ހަދާނެއްނުވިއެވެ. މިވަގުތު އޭނައަށް އެކަނި އެނގޭ އެއްޗަކީ އޭނައަކީ ހައިކަލްގެ ހަލާލު އަނބިމީހާކަމެވެ. އެގެއިން ދާންޖެހުނު ސަބަބު ވިސްނާކަށްވެސް އޭނަ ބޭނުމެއްނުވިއެވެ. މިވަގުތު އޭނަގެ ސިކުނޑީގައިވަނީ އެންމެ އެއްޗެކެވެ. އެދެނީ އެންމެ ކަމަކަށެވެ. ހޫނުވުމަށެވެ. ނޫނީ ހީކަރުވައިގެންގޮސް ހައިޕޯތާމިއާ ވެދާނެނޫންހެއްޔެވެ؟ ހަތަރެސްފައި އައިސްކިއުބުތައް ފަދައެވެ. ދަތްދޮޅިއަށްދާންދެންވެސް ރޫރޫއަޅާވަރުން މަރުވާންއުޅެނީބާވައޭވެސް ހިތަށްއެރިއެވެ. މާބްލް ފަތްތަރުތަކުގެ މަތިން އަރާފައި ސަލްވާއަށް ބަލައިލެވުނީ ހައިކަލްގެ މޫނަށެވެ. ތުނިކޮށް ތުނބުޅިފަޅާފައިވާއިރު އެހެރަ ރީތިކަމަކާއި ފިރިހެންވަންތަކަމެއްގެ ސަބަބުން ސަލްވާގެ ހިތް އިޚުތިޔާރުން ބޭރުވެ އެ ތަނަވަސްމޭގައި ބޯ އަޅާލަން ހިތްއެދުނެވެ. ނަމަވެސް އިސްވެ އެކަހަލަ ހިތްވަރެއް ކޮށްލާކަށް ނުކެރުނެވެ. ތެމިފޯވެގެން ފަޓުލޫނާއި ކަޅުފެހިކުލައިގެ ގަމީސް ހަށިގަނޑަށް ހިފާލާފައިވީއިރު ސްމާޓްކަމުގެ އިންތިހާއެވެ. ހައިކަލް އިސްތަށިގަނޑުން ފެން ފޮޅާލާފައި އެތެރެއަށް ވަންނަން އިޝާރާތްކުރަމުން ދޮރު ހުޅުވާލަދީފިއެވެ.

ހުޅުވައިލި ދޮރާއިއެކު ހާމަވެގެން ދިޔައީ ހުވަފެނީ ފުރިހަމަ ސިޓިންރޫމެކެވެ. ހުދު މާބްލްގެ އޮފްގަދަކަމުން ވިދާބަބުޅާއިއިރު ފައިތިލައެޅުނީ އެހާ މަޑު ރަގެއްގެ މަތީގައެވެ. ކެހެރިގަނޑެއްފަދައެވެ. ފަރުނީޗަރުތައް އެހާ ޒަމާނީވެފައި ސޯފާތައް ފެނުމުން އޭގެ އަރާމުކަން ލޮލަށް ބަލާފައިވެސް އިހުސާސްކުރުވާލަދިނެވެ. އޭސީގެ ފިނިކަމުން ކަށިތައްވެސް ތޮރުފާލާފައި ފިނިކަން އޭނަގެ ސިކުނޑިއަށްވެސް ފޯރިއެވެ.

"އޫ......އަ...އިމް..ފްރީ..ޒިން.." ފިނީގެ ސަބަބުން ކެނޑިކެނޑިގެން ސަލްވާއަށް ބުނެވުނެވެ. ހައިކަލްގެ ކެތްތެރިކަން ކޮޅުންލުމާއިއެކު އަތުގެ ތެރެއަށް ލެވުނީ ދުވަހަކުވެސް ދޫކޮށްނުލާނެ ފަދައަކުންނެވެ. އެހަށިގަނޑުގެ ހޫނުކަމާއިއެކު ބާރު އިހުސާސްކުރެވި މާޒީގެ ހުރިހާ ދުވަސްތަކެއް ސަލްވާގެ ސިކުނޑި އެއްފަހަރާ ފުރާލަދިނެވެ. މުޅިއުމުރަށް އެގޮތަށް ހުންނަން ޖެހުނަސް އޭނަ ކުޑަކޮށްވެސް ފޫއްސެއްނުވާނެއެވެ. ދިގު އިންތިޒާރަކަށްފަހު އެއަތުގެ ރައްކާތެރިކަން އިހުސާސްކުރެވުނުއިރު ހީވެސް ފިލާ ހަމަޖެހިއްޖެއެވެ. ލިބުނު އަރާމާއިއެކު ލޯ މަރައިލެވުނުއިރު ދެފައިގެ ކޮޅުން ވާގިދޫވެ އެއަތުގެ ތެރެއަށް ހަށިގަނޑު ސޮއްސައިލެވިއްޖެއެވެ. ތެމިފައިވާ ދެޖިސްމުގައި ލޯބީގެ ހުޅުރޯވެގެން ދިޔަ ހިނދުކޮޅަކަށްފަހު ހައިކަލް އަމިއްލަ ނަފުސަށް ބާރު ހިންގާލާ ހިތް ހަމަޔަކަށް އެޅުވީ ސަލްވާއަކީ އޭނަގެ ހައްގަކަށްވޭ ހެއްޔޭ ހިތާހިތުން ސުވާލުކުރަމުންނެވެ. ބޭވަފާތެރިކަމުގެ ހިތިރަހަ އަދިވެސް އަރުތެރެއަކުން ނުފިލައެވެ. ސަލްވާގެ ސަބަބުން އޭނަ ކިތައްރޭ ނިދި ނަގައިލިހެއްޔެވެ؟

"ލެޓް މީ ކެރީ ޔޫ. ތިއޮތް ފެއިންޓްވަނީއެއްނު ސަލްވާ......" ހައިކަލް ސަލްވާ ކޮނޑަށް ލައިގެން ދުވެލާފައި ކަހަލަގޮތަކަށް ސިޑިގިރާކުރިއިރު ސަލްވާއޮތީ ލަދުންގޮސް އިނގިލީގައި ދައިގެންނެވެ. ހައިކަލް މާޒީގެ އެއްވެސް ކަމެއް ހަދާން ނެތީހެއްޔެވެ؟ އެހުރިހާކަމެއް ހަދާން ނައްތާލިއިރު އޭނަ އެގެއިން ދިޔައި ފިލައިގެންކަންވެސް ހަދާން ނައްތާލައިފިއެވެ. ޚުދު އޭނައަށްވެސް ވީ އެވަރެވެ. ހައިކަލްއާއި އޭނަގެ ބައްޕައާއި ދެމީހުންވެގެން ވިޔަފާރީގެ އުސޫލުން ކައިވެނިކޮށް އޭނަގެ ދިރިއުޅުން ހަލާކުވީކަން އޭނަވެސް ހަނދާނެއްނެތެވެ. ކޮންމެހާލެއްގައިވެސް އަބަދަށް އެކީވާން އެދޭ އިންސާނަކީ މިއީކަމަށްވާތީއެވެ.

ހައިކަލް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލީ ކީ ކާޑު ޖަހާފައެވެ. އެތެރޭގެ ފުރިހަމަކަމުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ރޯޒްމެހެލްގައި ހުންނަ ކޮޓަރިއަށްވުރެ ތަނަސްވެފައި އަރާމެވެ. ރަންއަލިން އެތައް ދިއްލާލާފައިވީއިރު ލޮލަށް އެހާ އަރާމެވެ. ކޮންމެ އެއްޗަކުން ދައްކުވާދިނީ މުއްސަދިކަމާއި ހައިބަތެވެ. ހައިކަލް ސަލްވާ ފާޚާނާގެ މާބްލްތަޅުންމަތީގައި ބަހައްޓާފައި ހޫނުފެން އިސްކުރަށް ދޫކޮށްލިއެވެ. ފެންވަރަން އެދުނެވެ. ސަލްވާ ހުރީ ހުއްޓުން އަރާފައެވެ. ހައިކަލް އޫ ތުވާއްޔަކާއިއެކު އޭނަގެ ގަމީހެއްވެސް ހަރުގައި އަޅުވާލަދިނެވެ.

"ޝުޑް އައި ހެލްޕް ޔޫ......" ހައިކަލްގެ ނަޒަރު އެހާ ސީރިޔަސްއެވެ. އެއާއިއެކު ހައިކަލް ސަލްވާގެ މޫނުމަތީގައިވާ ފޮތިކޮޅާއިއެކު ބުރުގާވެސް ނައްޓާލުމުން ހާމަވެގެން ދިޔަ އެ ރީތިމޫނު ފެނުމާއިއެކު ހައިކަލްއަށްވެސް ދުރުބަލައެއްނުލެވުނެވެ. އެމޫނުމަތީގައި ޝަބްނަމުގް ތިކިތައްފަދައިން ވާރޭގެ ތިކިތައް ބަބުޅާއިރު އެހެރަ ފުރިހަކަމުން ހިތްތައް ދީވާނާވާނެއެވެ. ސަލްވާ ލައިގެން ހުރި ކަޅުހެދުން ބޭލުމުން އެތެރެއިން ލާފައި ހުރި ކުޑަ ޕެޓީކޮޅާއި ސޯޓާއިއެކު ސަލްވާގެ ރީތި ކަން ހާމަވުމުން ހައިކަލްގެ ހިތް ދެވަނަފަހަރަށްވެސް އިޚުތިޔާރުން ބޭރުނުވީ ހަމަކިރިޔާއެވެ. ކުރިން އޭނައަށް ފެނިފައިހުރި ކުޑަ ކުޑަ އަންހެންކުއްޖާ ބޮޑުވެ ފުރިހަމަ އަންހެނަކަށްވެއްޖެއެވެ. އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވާލާފައި ހެދުންތައް ހިއްކާލައިގެން އަންނާނަމޭ ކިޔާފައި ހައިކަލް އެތަނުން ނުކުތުމުން ހޫނުފެން އޭނަގެ ހަށިގަނޑުގައި ބީހެން ދޫކޮށްލައިގެން ސަލްވާ ހިމޭނުން ހުއްޓެވެ. ހޫނުފެނުގެ ސަބަބުން އަރާމުވިއެވެ. ހީފިލިއެވެ. ސަލްވާ އެތެރެއިން ލައިގެން ހުރި ހެދުންތައް ބޭލުމަށްފަހު ކުޑަގޮތަކަށް ފެންވަރާލައިގެން ގައި ހިއްކިއެވެ. ހައިކަލްގެ ކޮޓްން ގަމީސް މޫނުގައި ޖައްސާލައިގެން އިރުކޮޅެއްވާންދެން ހުރެވުނީ އެގަމީހުގައިވި މީރުވަހުން ސިކުނޑިއަށް ލިބުނު ރާހަތެއްގެ ސަބަބުންނެވެ. ގަމީސް ލައިގެން ގޮށްތައް އެޅުވުމުން އެހެންކަހަލަ އިހުސާސެއްކުރެވުނެވެ.

ހައިކަލް އައިއިރު އަތުގައި ހުރީ ދުންއަރައަރާހުރި ހޮޓް ޗޮކްލެޓެކެވެ.

"ހީފިލައިފިތަ ސަލްވާ؟ " ހައިކަލްވެސް އައީ ހިކި އެއްޗެހިލައިގެންނެވެ. އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ފެން ހުރުމުން ތާޒާކަމަށް ދައްކައެވެ. މުށިކުލައިގެ ޓީޝާޓަކާއި ޖިންސެއްގައިވެސް އޭނަގެ ސްމާޓްކަން ފަނޑެއްނުވެއެވެ. ހައިކަލްގެ ނަޒަރު ސަލްވާގެ ފައިންފެށިގެން މޫނާއި ހަމަޔަށް ދަތުރުކުރިއެވެ. ސަލްވާ ލަދުން އެމޫނަށް ޖަންބުކުލަވެރިވެގެން ދިޔުމާއިއެކު އަވަހަށް އެތާހުރި ސޯފާއަކަށް ތިރިވިގޮތަށް ކުޝަން އުނގުގައި އަޅައިގެން އިނީ އަލަށް ހައިކަލްއަށް ފެނިގެން އުޅޭ ކުއްޖެއްހެންނެވެ. އުމުރުން އެކާވީސްއަހަރުވިޔަސް އަދިވެސް ލަދުވެތިކަމުގެ އިންތިހާއެވެ.

"ލައްބަ....." ސަލްވާ ބޯ ޖަހައިލިއެވެ. ހައިކަލްދިން ޗޮކްލެޓްތަށިން އެތިފޮދެއްބޯލިއިރުވެސް އިނީ ލަދުން އިސްއުފުލައިލަން ނުކެރިފައެވެ. ދޭތެރެއަކުން ގަމީހުގައި ހިފާ ތިރިއަށް ދަމާލިޔަސް ވީކަމެއްނެތެވެ.

"ގުޑް.........ތި ގަމީސްލައިގެން ނުކެރޭނެދޯ ގެއަށް ދާން. ހެދުމެއް ގެނެސްދީފާނަން......." ހައިކަލް ގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. އޭނަ އެތަށީގައި ހުރި ޗޮކްލެޓް ހުސްކޮށްނުލަނީސް ހައިކަލްއައީ ކަޅުހެދުމެއް ހިފައިގެންނެވެ. މިއީ އޭނަ ކުރިން ލައިއުޅުނު ކަޅު ހެދުމެއް ނޫންކަން އެނގުމުން އިތުރު ސުވާލު އުފެދުނެވެ. ހައިކަލް އެހެންމީހަކާއި އިނީބާވައެވެ. އެއަންހެންކުއްޖާވެސް ކަޅުހެދުން ލައިއުޅެނީ ކަމަށްވެދާނެއެވެ.

ދައްކަންވީ ވާހަކަތަކާއި ކުރަންވީ ޝަކުވާތައް ސިކުނޑީގައި ފުނިޖެހިފައިވިއެވެ. ހައިކަލް އޭނަދެކެ ލޯބިވާނަމަ އޭނަ ހޯދަން އުޅޭނެނޫންހެއްޔެވެ؟ ޒެލްގެ ވާހަކަ ބުނަން އަނގަ ހުޅުވާލާފައިވެސް ނުބުނީ ހައިކަލް އެސުވާލުނުކުރީތީއެވެ. އަމިއްލަ ދަރިފުޅަށްޓަކާ އެހިތުގައި އެއްޗެއް ހަމަ ނުވަނީބާވައެވެ. ދަރިފުޅުދެކޭކަށްވެސް ހައިކަލް ބޭނުމެއްނުވިއެވެ. އޭނަ އެތައް ސަތޭކަ މެސެޖެއްކުރިއެވެ. ގުނާ އަދަދުނުކުރެވޭވަރަށް މެއިލްކުރިއެވެ. ގައިމު މެއިލްވެސް ޗެކްކުރާނެތާއެވެ. އެހާވަރުން އޭނަ ހައިކަލްއާއިހެދި އުޅޭއިރުވެސް ހައިކަލްގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއްނުލިބުނެވެ. އިއްތުފާގުން ކުރިމައްޗަށް އާދެވުމުން އިންސާނިއްޔަތުކަން ދެއްކިޔަސް އެހިތުގައި ލޯބިވާނަމަ އެހެން ކަންތަކެއް ނުކުރާނެއެވެ. ނޫނެކެވެ. އޭނަ މިގޮތަށް ހައިކަލްއަށް ހެއްލިގެން ނުވާނެއެވެ. ހައިކަލްގެ ފަރާތުން ލިބުނު ދެތިންމިނިޓްގެ އުފާތަކާއި ދަޅައަށް ހެއްލިއްޖެއްޔާ ދެން އަންނާނެ ތޫފާނެއް އެނގެނީއެއްނޫނެވެ.

ސަލްވާ ހެދުން އަޅައިގެން އަވަސްވެގަތީ އެތަނުން ނުކުންނަން ދާށެވެ. ދެމީހުން އެކީކަހަލަގޮތަކަށް ސިޑިން ފޭބިއިރު އަނެއްކާވެސް އެދޭތެރެއަށް ދުރުކަމެއް ވެރިވެއްޖެއެވެ.

"ގެއަށް ދެވިދާނެތަ. ފާގިޔާ ދައްތަ އިންތިޒާރުކުރާނެ......." ސަލްވާ އަހައިލިއެވެ. އޭރު އަދި ސަލްވާ ހުރީ މޫނު ފޮތިކޮޅު ވައްޓާނުލައެވެ.

"ނުފޮނުވައިފިއްޔާ؟ ސަލްވާ ގެއިންދާއިރު ހުއްދަނުހޯދަމެއްނު. ގެއިން ދިޔައިރަކުވެސް ނުބުނޭ ދަނީއޭ. އަހަރެން ނުދާށޭ ބުންޏަސް ސަލްވާ ނުހުއްޓޭނެކަން އަހަންނަށް އެނގޭ. ވީއިރު ހުއްދަ ހޯދުމުގެ މާނައެއްވެސް ނުވިސްނުނު.. ސަލްވާ އަހަންނަށް ޓްރަސްޓްކުރި ނަމަ މިގޮތަކަށް ނޫން ކަންތައް ދާނީ..........." ހައިކަލް ހުރީ އެއް އަތް ޖީބަށް ޖަހާލައިގެންނެވެ. މިފަހަރު އޭނަ ހިތާއިދެކޮޅަށް ހަގުރާމަކޮށްގެން ސަލްވާއާއި ދިމާލަށް ނުބަލަން ކުރި މަސައްކަތް ކާމިޔާބުވިއެވެ. އޭނަގެ ހަޔާތުގެ ހުސްކަން ފިލުވަދޭން ސަލްވާ ބޭނުންވާނަމަ މިގޮތަށް ވާހަކަ ނުދެއްކީސްކަން ޔަގީނެވެ.

"އައި ޓްރަސްޓެޑް ޔޫ.....އެއްވެސް އިންސާނަކަށް އިތުބާރުނުކުރާވަރަށް ކުރިން. އެކަމަކު ބައްޕައާއި ޑީލެއް ހަދައިގެން މެރީކުރިކަން އެނގުނު ދުވަހުން ފެށިގެން އެ އިތުބާރުގައި ރެދުލައިފި. އައި ނެވާ ތޯޓް ހައިކަލް އެކަހަލަކަމެއް ކޮށްފާނެއޭ. އެކަހަލަ ޓައިޕެއްގެ މީހަކާއި ވައްތަރެއްވެސް ނޫން. އެގޮތަށް ކުރި މެރިޖެއްކަމަށް ވީމަ ކަމަށް ވެދާނެ ބަރަކާތް ނުލެއްވީވެސް. އަޅުގަނޑަށް އެކަން އެނގުނު ވަގުތުން ފެށިގެން ރޯޒްމެހެލްއިން ދާން ނިންމީ. މި ތިންއަހަރު ތެރޭގައި އަޅުގަނޑުގެ ބައްޕައާއި ވެސް ބައްދަލެއްނުކުރަން. ބައްޕަ ދުނިޔޭގައި ހުރިކަމެއްވެސް ނޭގޭ. އަޅުގަނޑަށްވެސް އެނގުނު ބައްޕައަދި ފިރިމީހާގެ ހައްގު އަދާކުރަން ޖެހޭކަމާއި މުހިއްމުވަރު. ފިލައިގެން ދިޔުމަކީ ހުއްދަކަމަކަށް ނުވާނެކަން. ނަމަވެސް ހިތަށް ކެތްނުކުރެވުނީ. ދުރަށް ދާންޖެހުނީ ހުރިހާ ސަބަބެއް އެއްވެ އެގޭގައި އުޅެވެންނެތްކަން އެނގުނީމަ. އަޅުގަނޑު ފޮނުވި މެސެޖަށް ރިޕްލައި ނުކުރީމަ. އެއީ ހައިކަލް ބޭނުންވި ގޮތް ނޫންކަން އެނގުނީމަ. ކޮށްދެވެންޏާ އަޅުގަނޑަށް މާފުކޮށް ދެއްޗޭ...............ސޮރީ އައި ރޭން އަވޭ......." ސަލްވާގެ ދެލޮލުގައި ކަރުނަތިކިތައް ވިދާ ބަބުޅަންފެށިއެވެ. މިވަގުތުވެސް ހައިކަލް އޭނައަށް މާފުދީފައި އަލުން ގެއަށް އަންނާށޭ ބުނާނެނަމައެވެ.

މާޒީގެ އެފަދަ ހުރިހާ ހިތާމަވެރު ދުވަސްތައް ފޮހެލާފައި އާ ފެށުމަކުން ފަށާނެނަމައެވެ.

"ސަލްވާ. އަހަންނަކަށް މިވަގުތު ނޭގޭ ބުނާނެ އެއްވެސް އެއްޗެއް. ތިބުނާ ޑީލެއްގެ ވާހަކަ އެނގުނީމަ އެވާހަކަ އަހަންވެސް ޖެހޭނެއްނު. ނުވެސް ބުނެ ދިޔައީމަ ދެން ވާންވީ ގޮތަށް ހުރިހާކަމެއް ވީ. ލީވް އިޓް ނައު. އަހަރެން މިހާރު އާ ނަމްބަރެއް ނަގައިފިން. ދުވަސްކޮޅެއްވެއްޖެ މާލެއައިތާ...." ހައިކަލް ސަލްވާއަށް ނަމްބަރު ދިނުމުން އުއްމީދުގެ ހުޅުކޮޅު ދިއްލުމާއިއެކު އެނަމްބަރު ފޯނުގައި ސޭވްކޮށްލީ "ހަބީބީ" ގެ ނަމުގައެވެ. ކުރިން އޮތް ނަމްބަރާއިއެކުގައެވެ. އެދެނަމްބަރު އޭނައަށް ޚާއްސަވަރު ހައިކަލްއަށް އެނގޭނެނަމައެވެ.

އޭރު ވާރޭ ތުނިކޮށްލައިފިއެވެ. ދެމީހުން ކާރަށް އެރުމަށްފަހު އެދެމެދަށް އަނެއްކާވެސް ވެރިވީ ހިމޭންކަމެވެ. ސަލްވާގެ ސިކުނޑީގައި ގުގުމަނީ ހައިކަލް ދެއްކި ވާހަކަތަކެވެ. އެބުނާހެން އެކަން ފަޅާއެރުމުން ހައިކަލްއާއި ސުވާލުކޮށްލެވުނުނަމައެވެ. ބައްޕައާއި ޝަކުވާކުރެވުނުނަމައެވެ. ފިލައިގެން ދިޔުމަކީ ހައްލެއްނޫނެވެ. އޭނަ އެކަނިމާ އެކަނި ހާދަ ހަގުރާމައެއްކޮށްފިއެވެ. ސަލްވާ ބުނި އެޑްރެހާއި ހަމަޔަށް ކާރުގައި ގެންގޮސްދިނުމާއިއެކު ސަލްވާ ކާރުންފޭބިއެވެ. އެހުރިހާ އިރެއްވާންދެން އޭނަގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ވާރެއާއި ވާދައަށް ކަން ނޭގެއެވެ. ހައިކަލްއާއި ދެވަނަ ފަހަރަށް ބައްދަލުވުމަށްފަހު ގެއްލޭކަށް ސަލްވާ ނޭދެއެވެ. މިއަދު އެހިނގި ލޯބީގެ ވަގުތުކޮޅު އަދިވެސް ސަލްވާގެ ހިތް ހަލަބޮލިކޮށްލާފައިވެއެވެ. ހިދުކޮޅަކަށްނަމަވެސް ލޯބީގެ މީރުކަން ހާސިލުވިއެވެ. އުފަލުންގޮސް ހިތް އާސްމާނުގައި އުދުހުނެވެ. ނަމަވެސް ލޯ މަރާފައި ހުޅުވުނުހިދު އެ ވަގުތުކޮޅު ގޮސްފިއެވެ. ލޯބީގެ ރާހަތާއި ލައްޒަތަށްޓަކާ އެހިތް އަދިވެސް މިކުރަނީ ނިމުމެއްނެތް އިންތިޒާރެކެވެ. މިއީ ކޮންފަދަ އަނިޔާއެއްހެއްޔެވެ؟ އޭނަގެ ހިތް އެދުނީ ހައިކަލްގެ ފައިމައްޗަށް ތިރިވެ މާފަށް އެދި ކަރުނުން އެފައިތިލަ ތެންމާލުމަށެވެ. އާދޭސްކުރުމަށެވެ. މާފުނުދިނަސް ދަރިފުޅަށްޓަކާ އޭނަ ގަބޫލުކުރުމަށެވެ.

"އިފް ޔޫ ނީޑް އެނީ ތިން ކޯލް މީ އިނގޭ......" ހައިކަލްގެ އެޖުމްލައިން ސަލްވާއަށް އަދި މާބޮޑަށް ރޮވިއްޖެއެވެ. ހައިކަލްއަކީ ހާދަ މާތް އިންސާނެކެވެ. އޭނަ ފިލައިގެން ދިޔުމުންވެސް އެވާހަކަދެއްކީ ކޮންފަދަ އޯގާތެރިކޮށްހެއްޔެވެ؟ ހަގީގަތަކީ ކޮބާބާވައެވެ. ހައިކަލް އެބުނީ ޑީލް ހެދިޔަސް އޭނަ ކައިރިން އަހާލާފައި ދިޔަނަމައެވެ. އެހެން ބުނީ ކޮންމެވެސް މާނައެއްގައެވެ. ހިތަށް ހާދަ އަނިޔާއެއްވެއްޖެއެވެ. ރޮއިރޮއި އެހިތް ފާރުވަނީއެވެ. މިރޭ އޭނަ ޒެލްކައިރީ ބުނާނީ ކީކޭހެއްޔެވެ؟ ދަރިފުޅުގެ ބައްޕައާއި ބައްދަލުވެއްޖެކަމަށާއި މަންމައަށް ޒެލްގެ ވާހަކަ ނުބުނެވުނުކަމުގައިހެއްޔެވެ؟ ޒެލް ބައްޕަދެކޭހިތުން ކޮންމެ ދުވަހަކު އުޅޭވަރު ނުބުނެ އާދެވުނީއެވެ. ޒެލްއަށްވެސް އެދެވުނީ އަނިޔާއެކެވެ. އެދެމަފިރިންގެ ލޯބީގެ ހަމައެކަނި ނިޝާންކަމުގައިވި އެ ކުޑަ ކުޑަ ފުރާނައަށް އެހެން ހަދަން ހެޔޮނުވާނެއެވެ.

ގޭގެ ދޮރުމައްޗަށް ނުކުތް ވިޝާމް ފެނުމާއިއެކު ހައިކަލްއަށް ހުންގާނުގައި ހިފަހައްޓައިލެވުނީ ނިކަން ބާރަށެވެ. ވިޝާމް ނުތަނަވަސްކަމާއިއެކު ކަންފަތުގައި ޖެހި ފޯނު ތިރިކޮށްލާފައި ހީވީ ދުވެފައި އައިގޮތަށް ސަލްވާ އުރާލާނެހެންނެވެ. އޭގެ ކުރިން ހައިކަލް ވަގުތުން ނަޒަރު އެއްފަރާތްކޮށް ކާރު ދުއްވާލިއިރު ތުންފަތުގައި ދަތްއަޅައިލެއްވިއްޖެއެވެ. ސަލްވާ ހީކުރާނީ އޭނަ ފާގިޔާ ދައްތަ އިންތިޒާރުކުރާނެއޭ ބުނުމުން އެތަންކޮޅުގައި އަޅައިނުގަންނާނެ ކަމުގައެވެ. ރޯޒްމެހެލްގައި އުޅުނު ފާގިޔާއަކީ ވިޝާމްގެ މަންމަ ކަން އޭނައަށްވަނީ އެނގިފައެވެ. ވީއިރު ސަލްވާ މިހުރިހާ ދުވަހު އުޅުނީ އެއާއިލާއާއިއެކުގައިކަން ޔަގީންވީއެވެ. އަންހެނުންނަކީ ފާޑެއްގެ ބަޔެކެވެ. ވިޝާމްއާއިއެކު އުޅެމުން އޭނަގެ ފަރާތުން ބޭނުންވެގެން އުޅެނީ ކޮންކަމެއްހެއްޔެވެ؟ ފައިސާކަމުގައި މަންމަމެން ގަބޫލުކުރިޔަސް ސަލްވާގެ އެފަދަ ކަމެއްވެސް ނުހުރެއެވެ. ޖަވާބު ނުލިބިވާ އެތައް ސުވާލެއް ވެއްޖެއެވެ.

"ސްޓިލް ޝީޒް މައި ވައިފް. ވަރިނުކުރާހާ ހިނދަކު އޭނައަށް ވިޝާމްގެ އަންބަކަށް ނުވެވޭނެ. ދެން ކޮން ހައިސިއްޔަތަކުން ސަލްވާ އެގޭގައި އެއުޅެނީ؟ ވިޝާމްއަށް ކޮން ހައްގެއް އޮތީ؟ އަހަރެންގެ އަންހެނުންގޮތުގައި ހުރިއްޔާ ސަލްވާ ޖެހޭނީ މަގޭ ކައިރިއަށް އަންނަން. އަހަރެން ބާރުގެ ބޭނުން ކުރުވަން މަށަށް މަޖުބޫރުނުކުރޭ......ސަލްވާ ތިގޮތަށް ކަންތައްކުރަންޏާ އަހަންނަށްވެސް ކުރެވިދާނެ ކަންތައް އެބަހުރި........." ހައިކަލްގެ ހިތުގައި ހިތާމައާއި އެއްވަރަށް އެހެން އިހުސާސްތަކެއްވެސް ގަދަކުރަންފެށިއެވެ. އޭނަ ކިތަންމެވަރަށް ސަލްވާގެ މަތިން ހަދާން ނައްތާލާފައި މަންމަމެންނަށްޓަކާ ލޯބި ގުރުބާން ކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނައަށް ހިތުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ.

ވިޝާމް ދުވެލާފައި އައިސް ސަލްވާގެ ކުރިމައްޗަށް ހުއްޓުނުއިރު ވިޝާމްގެ މޫނުމަތީގައިވާ ހިނިތުންވުން އަނެއްކާ ފިލައިފިއެވެ.

"ކޮންތާކު އުޅެފައި ސަލްވާ ތިއައީ؟ މަންމަ ހާދަ ވަރަކަށް ހާސްވެފައި ހުރީ. ދެން އެގޮތަށް ނަހަދައްޗޭ. ތަނަކަށް ދަންޏާ ފޯނުގެންދަންވާނެ. ވަން މޯ ތިންގް. އަހަރެން މިއައީ ސަލްވާ ކައިރީ ވާހަކައެއް ބުނަންވެގެން......" ވިޝާމްއަށް ސަލްވާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮރުވަން އޭނަ އިސްޖަހައިލިގޮތަށް ކުރިއަށް ފިޔަވަޅުއެޅިއެވެ.

"ސަލްވާގެ ބައްޕަ ބޭނުންވޭ މީޓްކުރަން....." ވިޝާމް ހުރީ އެވާހަކަ ބުނަން އުދަގޫވެފައެވެ. ސަލްވާގެ ހިތް އެހާ ބޮޑަށް ޒަޚަމްވެފައިވާކަން އެނގޭއިރު އިތުރަށް އަނިޔާދޭންކެރޭނީ ކިހިނެއްހެއްޔެވެ؟ އޭނައަށް ވެވޭނެނަމަ އޭނަގެ ފުރާނަ ގުރުބާންކޮށްގެންވެސް ހައިކަލް ހޯދަދޭނެއެވެ.

"ކޮންތާކު ބައްޕަވީ؟ "

"ހޮސްޕިޓަލުގައި......"

"ސުބުހާނަﷲ......ބައްޕައަށް ކިހިނެއްވީތަ؟ "ސަލްވާ ހުއްޓުންއެރިއެވެ.

އާޒީން މެހެރީނާގެ ކޮޓަރި ހުޅުވާލައިގެން ވަދެ އެކޮޓަރި އެފުށްމިފުށަށް ޖަހައިގެން އުޅެނިކޮށް ކްލޯޒެޓްގެ ތަންޑު ލާފައި ހުރި ބައިން ފެނުނު އެއްޗެހިތަކުން އާޒީންގެ ލޯ ވިދާލައިފިއެވެ. މީގައި މިހިރީ ސަލްވާގެ ޑައިރީތަކާއި ވިޝާމްއާއި ދެމީހުންގެ ފޮޓޯތަކާއި ގެންގުޅުނު ސިޓީތައްފަދަ ސާމާނެވެ. އެބައިގާ ހުރީ މުޅިންވެސް ސިއްރު ސާމާނުކަން ޔަގީނެވެ. އާޒީން ހައިރާންވީ އެކި މީހުންގެ ނަން ޖަހާފައި ހުރި ސިޓީބޮނޑިއެއް ފެނިފައެވެ. ކޮންމެ ސިޓީއުރައެއްގެ ބޭރުގައި ވަނީ އަޒަލްގެ އަތުލިޔުމެވެ. އޭނައާއި މާއިޒްއަށްވެސް އެޑްރެސްކޮށްފައި އޮތެވެ. މިއީ ކޯނޗެއްބާވައެވެ. މެހެރީނާދައްތަ ފޮރުވައިގެން މިއުޅެނީ ކޮންކަމެއްހެއްޔެވެ؟ އޭނަ އެހުރިހާ އެއްޗެހި ބޮޑުކޮތަޅުތަކެއްގެ ތެރެއަށް ލުމަށްފަހު އެއްޗެހި ތަރުތީބުކުރަންފެށިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވިހެން ހީވެފައި އާޒީން ދެލޯ ބޮޑުކޮށްފައި އެނބުރުނުއިރު މޫނުމަތީގައި ދާތިކިތައް ބަބުޅަނީ މުތީތަކެއްހެންނެވެ.

"ވަޓް ދަ ހެލް މާއިޒް ޔޫ ސްކެއާޑް މީ............" އާޒީން ދެލޯ އަޅާލީ ނިކަން ވަރުގަދައަށެވެ. އެގޮތަށް ރުޅިވެރިކަން ފާޅުކުރިޔަސް އޭނަގެ ހިތުގައި މާއިޒްއަށް އޮތް އިހުސާސްތަކާއި ލޯބި އުންޏެއްނުވެއެވެ. ރުޅިވެރިކަމުގެ ތެރެއިންވެސް ލޯބި ފާއްދާލާފައިވެއެވެ.

"ބިރުގަންނާނެއްނު ކުރަން ނުޖެހޭކަމެއް ކުރަންޏާ. ވަޓް ޑިޑް ޔޫ ސްޓީލް......" މާއިޒް ކައިރިވެލުމުން އާޒީން ކޮތަޅުތައް ނުދޭން މަސައްކަތްކުރިއެވެ. އާޒީންފަދަ ނާޒުކްކުއްޖަކަށް މާއިޒްކަހަލަ ފިރިހެނެއްގެ ކުރިމަތީގައި ދެއްކޭނީ ކޮންގަދައެއްހެއްޔެވެ؟ ޖިމަށް ދިޔުމުގެ ސަބަބުން ލިބިފައިވާ ކަސްރަތީ ހަށިގަނޑާއިއެކު އެހެރަ ބާރަކުން އާޒީން އެކައްޗަކަށްވެސް ނުވިއެވެ. ވެމްޕަޔަރެއް ނޫނީ މޮންސްޓަރ އަކަށްވުރެ މާއިޒް ދެރައެއް ނޫނޭ ހިތަށް އެރިއެވެ. ވިސްނާލާފައި އަދި މާއިޒްގެ އަތުގައި ތޫނު ދަތްތަކުން ދަތްއެޅުމާއިއެކު މާއިޒްއަށް ތަދުވެގެން އާޒީންއާއި ދުރަށް ޖެހިލެވުނެވެ. އެގޮތަށް ކަންތައްކުރެވުނީތީ އާޒީންގެ ހިތަށް އަސަރުކުރުމާއިއެކު މާއިޒްގެ އަތުގައި ހިފާނުލެވުނީ ކިރިޔާއެވެ. އެއަތުގައި ކޫރުމެއް އެޅެން ބޭނުންނުވާ ރީތި ފިރިހެންވަންތަ އަތުގައި އޭނަގެ ސަބަބުން ލަކުނެއްލައިގެން ނުވާނެއެވެ.

"މާޒް އައިމް ސޮރީ އެގޮތަށް ދަތްއެޅުނީމަ އެކްޗުއަލީ މީ ޒެލް ފޮނުވި ލެޓާއެއްހެން ހީވަނީ އަދި އާންޓީ މި އެއްޗެހި ފޮރުވައިގެން ހުންނަންވީ ސަބަބެއް ނޭގޭ އިރު ދެން މިއީ ވިޝާމްއާއި ސަލްވާގެ ޑައިރީ އާއި ފޮޓޯއެއްޗެހި އެހެންވެ ކިޔާލަންވެގެން މިގެންދަނީ އަދި މި ޑައިރީ އެއްޗެހި ދައްކައިގެން އެންމެން ސަލްވާދެކެ ރުޅިއައިސްގެން ރޯޒްމެހެލްއިން ފޮނުވާލަންވެސް ބޭނުންވީތީއާއި އެކު ހަގީގަތް އެނގެން ބޭނުންވީމަ އަދި މި ބަލައިލަން ގެންދަނީ އަދި ޔަގީނުންވެސް ޒެލް ކުރިން ސިޓީއެއް ފޮނުވި ވާހަކައެއް ދައްތަ ނުބުނޭ ސޯ ސަމްތިން އިޒް ފިޝީ ހިއަރ އެން ޔޫ ނޯ ވަޓް މެހެރްދައްތަ ކޮންމެވެސް ކަމެއް އެބަ ފޮރުވާ......" އާޒީން އެއްނޭވާއިން ފަތިވަރެއް އަމުނާލާފައި ނިންމާލިއިރު އާޒީން ހުރީ ދޮރުމަތީގައެވެ. މާއިޒްގެ ނަން ޖަހާފައި އޮތް ސިޓީ އަތަށް ލައްވާފައި އާޒީން ދުވެފިލުމުން ހިނިއައިސްފާ މާއިޒް އިރުކޮޅެއްވާންދެން ބަލަން ހުރެފައި ބޯ ހޫރާލައިފިއެވެ.

އާޒީން އެކޮތަޅުތައް ހިފައިގެންގޮސް ކޮޓަރިއަށް ވަންތަނާހެން ފަހަތުން މީހަކު ގޮވައިލިހެން ހީވެގެން އެނބުރިބަލައިލިއިރު ފަހަތުގައި ޖައްސާލާފައި ހުރީ ބޮޑުދައިތަ މެހެރީނާއެވެ. އާޒީންގެ މޫނުގެ ކުލަ އޮއްސުމާއިއެކު ހިންދިރުވައިލިއިރު ހީވީ ކަރުތެރޭގައި އެއްޗެއް ތާށިވެފައި އޮތްހެންނެވެ.

ހައިކަލްގެ ބައްޕަ އޭނައަށް އަޅާދިން ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހައިކަލްގެ ޚާންދާނާއި އެކުވެރިންގެ އެތައް ބަޔަކަށް ދައުވަތުދީފައިވިއެވެ.

(ނުނިމޭ)

infinity loading...
×
DB released 01.