އަހަރެންގެ ހިތް އަނބުރާދީ - 59

"ކޮފީގެ އެޑިކްޓެޑް ސްމެލް......ކެން އައި ހޭވް އެ ކަޕް؟ " މެހެރީނާ ތަންކޮޅެއް ބީރައްޓެހިގޮތަކަށް އެޖުމްލަ ބުނެލުމުން ހައިކަލްއަށްވެސް ތަފާތު އިހުސާސެއްކުރެވުނެވެ. މެހެރީނާ ހުރިހާ ކަމެއް އޭނަގެ ކޮޅަށް ބުރަވެ ނިމުމުން ނުބައިބައި ދޫކޮށްފައި އިސްލާހުވެ އަރީންއާއިއެކު އާ ދިރިއުޅުމެއް ޚިޔާރުކޮށްފިއެވެ. ނަމަވެސް ކޮއްކޮއަށްވެސް އޭނަގެ ހިތުގެ އިހުސާސްތަކެއް ނޭގުނެވެ. އެކަނިވެރިވާނެކަމެއް ނޭގުނެވެ.

ކޮންމެވެސް މީހަކު ބެލްޖެހުމުން މެހެރީނާ ދޮރު ހުޅުވާފައި އުޅުނީ އެމީހެއްގެ މޫނުމަތީގައި ދޮރު ލައްޕާލާށެވެ. ނަމަވެސް އެމީހަކު ވަރަށް ފަސޭހައިން މެހެރީނާގެ އަތުތެރެއިން އެތެރެއަށް ދެމިގެންފިއެވެ. އެއީ އެންމެން ދަންނަ މޫނެކެވެ. ރޯޒްމެހެލްގައި ގެންގުޅުނު މޯނީއެވެ. އެވަގުތު އަބުދުލް އަޒީޒުއަށް ފޯނެއް އައުމުން ކަންފަތުގައި ޖަހައިގެން ސިޑިއާއި ދިމާލަށް ހިނގައިގަތުމުން މޯނީއަށް އިތުރު ހިތްވަރެއް ލިބުނެވެ. އެ ލަދުރަކި މޯނީގެ ޖެހިލުންކުޑަކަން ފެނިފާ އެންމެނަށް ލިބުނު ހައިރާންކަން އިތުރުވީ އޭނަ ދެން ބުނި އެއްޗަކުންނެވެ.

"އަޅުގަނޑު މިއައީ ޑޮކްޓަރ ހައިކަލްއާއި ބައްދަލުކުރަން......" އެވަގުތު މާއިޒް އާއި އެހެން ދެތިން ޒުވާނުންވެސް ސިޑިން ފައިބައިގެން އެދިމާލަށް އައިސް މަޑުކޮށްލިއެވެ. މެހެރީނާއަށް އެތާ ތިބި އެންމެންގެ މޫނަށް ބަލައިލެވުނީ ހާސްކަމާއިއެކުގައެވެ. މޯނީގެ ނިޔަތް މެހެރީނާ ދެނެގެންފިއެވެ. އެންމެންގެ ތެރޭގައި އޭނަ ފަޟީހަތްކޮށްލަން މޯނީ އެހެރީ އަތުކުރި އޮޅާފައެވެ. ކޮންކަހަލަ ނުބައި އަންހެނެއްހެއްޔެވެ؟ ކާންދިން އަތުގައި ދަތްއަޅައޭ ބުނާ އުސޫލަކީ މިއީއެވެ.

"ހެޔޮނުވާނެ މޯނީ މިތަނުން ދޭ. ދޭތެރެ ޖެއްސުމަކީ ކޮންފަދަ ނުބައިކަމެއް. ނޫނީ ދޮންބެ އެކަނި ހުއްޓާ ވާހަކަދައްކާ." މެހެރީނާގެ މޫނަށް އެތައް ސަތޭކަ ކުލަވަރެއް ވެރިވުމާއިއެކު ހާސްވެގެންގޮސް އަތުން ފިނިދަލެއް ހިއްލާލައިފިއެވެ. އަތުގައި ހުރި ކޮފީތަށި މޭޒުމައްޗަށް ދޫކޮށްފައި މޯނީއާއި ކައިރިއަށް ޖެހިލިއެވެ.

"ނޫން. އެންމެންގެ ކުރިމަތީގައި މިހުރިހާ ވާހަކައެއް އިއްވަން ބޭނުމީ. މިއީ އެންމެ ރަގަޅުވަގުތު. މެހެރީނާގެ ނުބައިކަން އެންމެނަށް އެނގެން ޖެހޭނެ." މޯނީ ކަޅިއަޅައިލިއެވެ. މެހެރީނާ މޯނީގެ ގައިގާ ހިފާގަނެގެން ގެއިން ނެރެން އުޅުމުން މޯނީވެސް ނުދާން ފައި ވިއްދާލައިފިއެވެ.

ހައިކަލް ތެދުވެގެން އައިސް މެހެރީނާ މޯނީއާއި ދުރުކޮށްލިއެވެ. ހިމޭނުން ހުންނާން މެހެރިނާއަށް އެންގިއެވެ. ދުވަހަކު އެފަދަ ހަރުކަށިކަމެއް ބޭބެގެ ފަރާތުން ނުފެނުމުން މެހެރީނާ ލަދުންމަރުވާވަރުވިއެވެ. އޭރު އާޒީންވެސް ތިރިއަށް އައިސް ހުއްޓުނީ މޯނީ ދައްކާ ވާހަކައެއް އެހުމަށެވެ.

"މޯނީ ދޯ. ކޮންކަމަކާ ބައްދަލުކުރަން ބޭނުމީ......" ހައިކަލް މޯނީއަށް ބަލައިލީ އޯގާތެރި ނަޒަރަކުންނެވެ.

"ޑޮކްޓަރ ހައިކަލް. އަޒަލް ސިޑިމަތިން ވެއްޓުނީ ވިޝާމް ކޮށްޕާލައިގެނެއްނޫން. އެއީ ހަމަ އެކްސިޑެންޓެއް. ވިޝާމްގެ އެއްވެސް ކުށެއްނެތް. މެހެރީނާ މެޑަމް އަޅުގަނޑަށް ބައިވަރު ފައިސާދީގެން ދޮގު ހުވާކުރަން މަޖުބޫރުކުރީ. އަޒަލް ކާބައިގާ އުޅުނުއިރުވެސް ކޮފީ ބުއީ ބޮލުގައި ވަރަށް ގަދަޔަށް ރިއްސާތީއޭ ކިޔާފައި. އަޒަލް ސިޑިން ވެއްޓުނުއިރު އެތާކު ވިޝާމް ނުވެސް ނެތް. މެހެރީނާ މެޑަމް އެކަން ވިޝާމް ބޮލުގައި އަޅުވަން އަޅުގަނޑަށް ދިން ފައިސާ މަދުވެގެން ބުނުމުން އިތުރުކޮށްދިން. ވަޒީފާ ދޫކޮށްލާފައިގޮސް އަޅުގަނޑާއި ފިރިމީހާ ވިޔަފާރިއެއްފެށީ......" މޯނީ އިސްޖަހާލައިގެން ހުރެ ދަރިފުޅު މަރުވި ވާހަކައިގެ އިތުރުން މެހެރީނާ ސަލްވާއަށް ކޮށްފައި ހުރި އަނިޔާތައްވެސް ކިޔައިދިނެވެ.

ޒައިތޫންއަށްވެސް އަސަރުކުރިއެވެ. މޯނީ ކުރު ކުށުގެ ސަޒާ ކިތަންމެ ފުރިހަމައަށްވެސް ލިބިއްޖެއެވެ. ޚުދު ޒައިތޫންވެސް އެދުވަހު މޯނީ ދެއްކި ވާހަކަ ގަބޫލުކުރިއެވެ. އެކުއްޖާ އެހާވަރުގެ ބޮޑު ދޮގެއް ހަދާފާނެކަމަކަށް ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. ދޮގު ހުވައަކީ އެންމެ ބޮޑެތި ފާފައިގެ ތެރެއިން ހިމެނޭ ނުބައިކަމެކެވެ.

މޯނީ އެންމެންގެ ފަރާތުން މާފަށް އެދުނެވެ.

"ދެންވެސް ކުރި ކުށަށް އެއްބަސްވާންވީމަ އޭނަ ދޮގުހަދަނީއޭ ކިޔާނީތަ...." ޒައިތޫން މެހެރީނާއާއި ދިމާލަށް ބުނުމުން މެހެރީނާ ހުރީ އިސްޖެހިފައެވެ.

"އަހަރެންވެސް ބޭނުން އެއްޗެއް އަހާލަން. މެހެރީނާ ނަގާފައިވާ ސަލްވާގެ ޑައިރީތައް ވިޝާމްއަށް ލިބުނުގޮތެއް ބުނޭ......"

"ސަލްވާގެ ޑައިރީއޭ ؟ " މެހެރިނާ ދެލޯ ބޮޑުކޮށްލިއެވެ.

"ޑޭޑް. އަޅުގަނޑަށް ޝައްކުވެގެން މެހެރްދައްތަގެ ރޫމަށްވަދެ ހާވާފައި ކޮތަޅަކަށް ލައިގެން ގެންދަނިކޮށް މެހެރްދައްތަ އަތުލަން އުޅުނީ. މާއިޒްއަށް ފެނިގެން ވިޝާމްގެ އެއްޗިއްސޭ ކިޔާފައި ހޯދި. ސޯ މާއިޒްކަން ނޭގޭ ވިޝާމްއާއި ހަވާލުކުރާނީ......."

"ވިޝާމް އެހުރިހާ އެއްޗެއް ހިފައިގެން ގެނެސްދިނުމުން ހުރިހާ ހަގީގަތެއް އެނގުނީ. ދެންވެސް އަމިއްލަ ކުށަށް އިއުތުރާފުވާން ވެއްޖެއެއްނު. ހިތަކަށްވެސް ނާރާ އަމިއްލަ ކޮއްކޮ ތިގޮތަށް ނުބައިބައި ކުޅެފާނެއޭ......" ހައިކަލް ގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.

"ސޮރީ ދޮންބެ....އަޅުގަނޑަށް މާފުކޮށްދެއްވާ. ދެން ނުކުރާނަން އެކަހަލަކަމެއް...." މެހެރީނާގެ ދެލޮލުން ކަރުނަފޭދުނެވެ. ހައިކަލް އަތަށް އެހުރިހާ އެއްޗެއް އަރައިފިކަން އެނގުމުން އޮޅުވާލުމުގެ މާނައެއް ނެތްކަން ވިސްނުނެވެ. އެ އެއްޗެހި އަންދާނުލެވުނީ އޭނަގެ މޮޔަކަމުންނެވެ.

މެހެރީނާ އޭނަ ކުރި ކުށުގެ ތަފްސީލުތައް އެންމެންގެ ހާޟިރުގައި އިއްވަން ފެށުމުން ޒައިތޫންވެސް އިނީ ދެލޯ ބޮޑުވެ އަނގަ ހުޅުވިފައެވެ. ސަލްވާ ޕޫލަށް ކޮށްޕާލުމަށްފަހު ވިޝާމްއަށް ގުޅީވެސް ވީޑިއޯ ކޮށްފައި ހައިކަލްއަށް ދައްކަންވެގެންނެވެ. ބޭނުން ފޮޓޯތައް ރީއްޗަށް އެޑިޓްކުރެވޭނެތީއެވެ.

"ދެން ބޭބީއަށް ހެދިގޮތެއްވެސް އެންމެނަށް ކިޔާދޭންވީނު......." ހައިކަލް ޝައްކުވުމާއިއެކު އަހައިލިއެވެ.

"އަޅުގަނޑެއްނޫން ބޭބީ މަރައިލީ. ރައުދާ. ރައުދާ ދަސްކޮށްނުދިންނަމަ ސަލްވާއަށް ދޭންވީ ބޭހެއްވެސް ނޭގޭނެ. ރައުދާ ބުނީވެސް ޕޭންކޭކަށް ބޭސްގުޅަތައް ލާފައި ކާންދޭށޯ....." އެރޭގެ ހާދިސާ ކިޔާދީ ނިންމާލިއިރު ހައިކަލް ހުރީ ބުނާނެ އެއްޗެއް ނޭގި ޝޮކެއްގައެވެ. ހުރިހާކަމެއް ރަގަޅަށްގޮސް ކުއްލިއަކަށް ދަރިފުޅު ބައިގެން ދިޔުމަކީ ގުދުރަތީކަމެއްކަމަށް އޭނަ ހީކުރިއެވެ. ސަލްވާއާއި ދުޝްމަންވިޔަސް ކުޑަކުޑަ ފުރާނައެއް ނައްތާލަން އުޅެފާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. ހައިކަލް ދުވަހަކު އަންހެނެއްގެ ގަޔަށް އަތް އިސްކޮށްފައިނުވިޔަސް އެވަގުތު ކެތެއްނުވިއެވެ. މެހެރީނާގެ މޫނަށް އެރި ދިލަ އެތިފަހަރެއްގެ ސަބަބުން މެހެރީނާ ވިއްސައިގެން ނުދިޔައީ ހަމަކިރިޔާއެވެ.

"ދޮންބެ. އައިމް ސޮރީ. ޕްލީޒް ފޮގިވް މީ......" މެހެރީނާ ބިރުންގޮސް ރޯންފެށިއެވެ.

"މަންމާ. ދޮންބެ ކައިރީ ބުނެބަލަ އަޅުގަނޑަށް މާފުކޮށްދޭށޭ. މޯނީ ބުނިހެން އެކަމުގެ ސަޒާ ލިބިއްޖެ......ޕްލީޒް މަންމާ...ބުނެބަލަ........" މެހެރީނަ ރޮއިރޮއިފާ ކިޔަމުން ދިޔައެވެ.

"އަހަރެންގެ އަމިއްލަ ކަމެއްނަމަ މާފު ދީފިން. އެކަމަކު މެހެރީނާ ތިކުރީ ދުވަހަކު މާފުކުރެވޭނެ ކަހަލަ ކުށެއްނޫން. ގިޔާމަތާއި ހަމަޔަށްވެސް މާފެއްނުދޭނަން. އެތުއްތު ފުރާނައިގެ ކޮން ކުށެއް އޮތީ އެހެން ހަދަން؟ ސަލްވާދެކެ ރުޅިއައޭ ކިޔާފައި ނުޖެހޭނެ މައުސޫމް ފުރާނައަކަށް އެހާވަރުގެ އަނިޔާއެއްދޭން. މިގޭތެރޭގައި މި ހިންގި ވިޔާނުދާ ފާފަވެރި އަމަލުތައް ހުއްޓުވަން އަހަންނަށްވެސް ނުކެޅުދުނީ އަހަރެންގެ ހުރި ފަރުވާކުޑަކަމުން. ގޭ އެންމެނަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުން. ލޯ ކުރިމަތީގައި ފެނުނީމަވެސް އަޅާނުލެވުނީ އެހެނޭ ކިޔާފައި ސަލްވާ ދުވަހަކުވެސް ޝަކުވާކޮށްފައެއްނުވޭ. އެހާއަނިޔާ ދިންއިރު ދުވަހަކުވެސް ނުބުނޭ އަނިޔާކުރިއޭ. ހުރިހާކަމެއް ފޮރުވައިގެން ހުރީ. އެހާ ރަގަޅު މާތް އަންހެންކުއްޖަކަށް މެހެރީނާ އެހެން ކަންތައްކުރީ ހަމައެކަނި މި އާއިލާގެ ޝާހީ ލަގަބު ނުލިބުނީމަތަ؟ އެލަގަބުގެ ނިވަލުގައި ހުރެ މެހެރިނާ ކުރި މުޑުދާރުކަންތައްތައް މިއަދު މިވަނީ ބޭޒާރުވެފައި. މޯނީގެ ދުލަކުވެސް ނުފިހެއްޓޭނެއޭ އޭނަ އެބުނީ. މިލިއަނުން ރުފިޔާ ދިނަސް އޭނަ ނުހުއްޓުވޭނެއޭ. އެންމެން ކައިރީ ކިޔާނަމޯ. ކިހާ ރީތިވެއްޖެ. މެހެރީނާގެ ސަބަބުން މިއަދު ޕޭރެންޓުންނަށްވެސް ލިބުނީ ހުތުރު ނަމެއް.."

"އިންސާނުން ދުނިޔެއަށް އައީ އެންމެ ބޭނުމަކު. ހަމައެކަނި ހެއްދެވިފަރާތަށް އަޅުކަންކޮށް އެކަލާނގެ ނަންފުޅު މަތީ ސާބިތުވެ ރަގަޅު ތަގުވާވެރި ބަޔެއްގެ ގޮތުގައި އުޅެ އާޚިރަތުގެ ނަސީބު ހޯދަން. ތިމާގެ ބޮޑާކަމާއި މޮޅުކަން އަދި ޝާހީކަމުގެ ސަބަބުން ވަކި ބަޔަކު މޮޅުވެ އަނެއް ބަޔަކީ އެއްވެސް އެއްޗަކަށް ނަހަދާ ދެރަކުރާ މީހުންނަށް އެކަން ނުފެނި ނުދާނެ. މެހެރީނާ ދުނިޔެއަށް އައުމުގެ ބޭނުމަކީ މީހުންނަށް ލަނޑުދިނުމާއި ދޭތެރެ ޖެއްސުން އަދި ކެހިދިނުމާއި ދޮގުހަދަންތަ؟ އެކަންތައް ކުރާއިރު ހެއްދެވިފަރާތް ވާކަން ހަދާންކުރާނަމަ. ކިތައް ދުވަހު ބޭބެގެ ގޮތުގައި ހުރެ މެހެރީނާއަށް ހިމާޔަތްދިނީ. ކިތައްފަހަރު ސަލާމަތްކޮށްދީފައި ހުންނާނެ. ބޭބެއެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިންކަން މެހެރީނާ ހަދާން ނެތޭނެ ދުވަހެއް ނުވޭ. އެކަމުގެ ބަދަލުދޭން އެނގުނުގޮތަކީ މިއީކަމަށްވަންޏާ އަހަންނަށް ބޭބެ ކިޔުމުގެ މާނައެއް ނުފެނޭ. އަމިއްލައަށް ހޯދައިގަތް ބޮނޑިއެއް ތިއީ. ދެން ރޯކަށް ނުވެސްޖެހޭ..."

"ދޮންބޭ.. އަޅުގަނޑު އެހެން ހެދީ ދޮންބެއަށް ރަގަޅަށޭ......"

"އިނަފް މެހެރީނާ. އިނަފް.....އިތުރަށް އެންމެ ވާހަކައެއްވެސް އަޑުއަހާކަށް ބޭނުމެއްނޫން، ދުވަހަކު މާފެއްނުކުރާނަން. ދެންވެސް ތައުބާވެގެން ދީނަށް އުޅެބަލަ. ކުޑައިރުއްސުރެން މީހުނަށް އުދަގޫކޮށް ޖެއްސުން ކުރަމުން ވަރަށް ދުވަސްވާންދެން އުޅެވިއްޖެ. އަމިއްލަ އަތުން މީހެއްގެ ދަރިއެއް މަރުވީމަ މިހާރު ގައިމު އިބުރަތެއް ލިބެންވެސް ވެއްޖެއެއްނު. މިހާރު މެހެރީނާގެ ސޫރަ ދެކޭކަށްވެސް އަހަރެން ބޭނުމެއްނޫން. އަދި މީގެ ފަހުން ރޯޒްމެހެލްއަށް ވަދެގެން ނުވާނެ. އަދި ރައުދާވެސް މީގެ ފަހުން މިގެއަށް އައިސްގެން ނުވާނެއޭ ބުނޭ.............." ހައިކަލް ދާން ހިނގައިގަތީ އޭނަގެ މަންމަގެ ގައިގާ ބައްދާލާފައި މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނެލާފައެވެ. މެހެރީނާ ކަރުނުން ފުރިފައިވާ ލޮލުން ހައިކަލް ދާތަން ބަލަން ހުއްޓެވެ. ދުވަހަކުވެސް އޭނަގެ ހިތަށް އެހާވަރުގެ އަނިޔާއެއް ލިބުނުކަމެއްނޭގެއެވެ. ހައިކަލްގެ ޖުމްލަތައް އޭނަގެ ހިތަށް ހާސް ކަށި ހަރައިލެވުނުހެން ހީވިއެވެ. އެއިން ކޮންމެ ބަހެއް އޭނަގެ ހިތަށް ވަނީ ތުޑު ތޫނު ތީރުތަކެއްފަދައިންނެވެ. ދުވަހަކު ދެރަނުވާވަރަށް ދެރަވެ ލޮލުން އޮހުނީ ހިތާމައިގެ ކަރުނައެވެ. ވޭނީ ކަރުނައެވެ. އުމުރަށްވެސް މިކަރުނަ ހުއްޓޭނެކަމެއް ނޭގެއެވެ. އެހާވެސް ހިތުގައި ޖެހިއްޖެއެވެ. ދޮންބެގެ މާފު ނުލިބި އޭނަ ދުނިޔޭގައި އުޅޭނީ ކިހިނެއްހެއްޔެވެ؟

"މަންމާ...." މެހެރީނާއަށް ކިޔާލެވިއްޖެއެވެ.

" ހައިކަލް ކުދިންދެކެ ވާ ލޯތްބަކީ އެންމެންވެސް ދަންނަ ވާހަކައެއް. މިޝަލް ނުކުޅެދޭ ބަލި ކުއްޖަކަށްވީއިރުވެސް އެކުއްޖާއާއިހެދި ހައިކަލް ވީވަރު މުޅި މި ޚާންދާން ދަނޭ. އެހާވަރަށް ކުދިންނާއި ހެދި އުޅޭ ބޭބެއެއްގެ ނުއުފަން ދަރިފުޅު މަރައިލިއިރު މެހެރީނާ އެއްޗެއް ހިތަށް ނޭރިތަ؟ އަދި އެވެސް ރައުދާއާއި ދެމީހުން ބައިވެގެން. ޝޭމް އޮން ޔޫ. އެބުނާހެން ސަލްވާއާއި ޖައްސާލިޔަސް އެންމެ ރަގަޅު. އެކަމަކު ހައިކަލްގެ ދަރިފުޅުވެސް ނައްތާލީ. ހެޔޮނުވާނެ މެހެރިނާ. ކޮންކަހަލަ ވިސްނުމެއް ތިހިރީ. އަހަރެންވެސް ލަދުގަނެއްޖެ.. ނުކުމޭ މިގެއިން. ހައިކަލް ބުނާގޮތަށް ހެދޭނީ. މިއީ ހައިކަލްގެ ގެ. މެހެރީނާ އަރީންގެ ގެއަށް ދޭ........." ޒައިތޫންވެސް ހުރީ ރުޅިގަދަވެފައެވެ. އެހާ ދެރަވެސްވެފައެވެ. ލޮލުން ކަރުނަ ހިލިފައެވެ. ކުށްވެރިއަކީ ހަމައެކަނި މެހެރީނާއެއްވެސް ނޫނެވެ. ޒައިތޫންއަށްވެސްވަނީ ކޮންމެވެސް ވަރަކަށް މެހެރީނާގެ އެ ޕްލޭންތަކުގައި ބައިވެރިވެވިފައެވެ. ހައިކަލްގެ ހަޔާތް ބަރުބާދުވެގެން ގޮސް ހަމަޖެހުމެއް ނުލިބުނީ އޭނައާއި ހެދިވެސް މެއެވެ.

ނިކަމެތި އަންހެންކުއްޖަކަށް ވިޔަސް ސަލްވާއަކީ ޖަވާހިރެއްކަން ސާބިތުކޮށްދީފިއެވެ.

ސަލްވާ ހުރީ ހައިކަލްއާއި ހަމަޔަށް މެހެރީނާގެ ވާހަކަވެސް ނުގެންގޮސް ފޮރުވައިގެންނެވެ. އެއީ ހަމަ "އެންޖެލް" އެކެވެ. ގޮނޑުން ހޮވިޔަސް ޖަވާހިރެއްވާނީ ޖަވާހިރަކަށެވެ. ހައިކަލްއަށް އުފާވެރިކަން ގެނެސްދެވޭނީ ސަލްވާއަށް ކަމަށްވަންޏާ އެކަން ހުއްޓުވަން އެމީހުން ޖެހޭހެއްޔެވެ؟ ބޭނުންވަނީ ކޮންމެހެން ޝާހީ މޮޅު އަންހެންކުއްޖެއްނޫނެވެ. އެ ބޯދާ އާދަތައް ހުއްޓާލާ ދަރިންގެ އުފާތަކަށް އިސްކަންދޭން ޖެހޭ ދުވަސް އަތުވެއްޖެއެވެ.

މެހެރީނާ އިސް އޮބާލައިގެން ހުރެ އެ ގެއިން ނުކުތީ ރޮމުން ގިސްލަމުންނެވެ. ފުރަތަމަ ފަހަރަށް ހެއްދެވި ފަރާތް ހަދާންވެ އުޑާއި ދިމާލަށް ބަލައިލެވުނީ ދުނިޔޭގައި އޭނަ އެކަނިވެރިވެ ބާކީވެއްޖެކަމަށް ގަބޫލުކުރެވި މަޑު ހިތަކާއިއެކުގައެވެ. ގެއަށްގޮސް އޭނަ މުސައްލަ އޮތްތާކުން ހޯދައިގެން ސަޖިދައަށް ތިރިވީ ރޮމުންނެވެ. އޭރުވެސް ޝަކުވާއަކީ ހެއްދެވިފަރާތުން އޭނަ މިހާ ހާލުގައި ޖައްސާ އެކަނިވެރިކޮށްލީ ސަބަބެއް ނޭގުމެވެ. ދުނިޔެއަށް އައުމުގެ ބޭނުމަކީ ކޮބާހެއްޔޭ ކިޔާ ޝަކުވާކުރެވުނެވެ. ލޯބިވާ ބޭބެއަށް ޝާހީ ރަގަޅު އަންހެންކުއްޖަކު ހޯދަންވެގެން ކުރެވުނު ކަންތައް މިގޮތަށް ނާކާމިޔާބުވީ ކީއްވެބާވައޭ ސުވާލުކުރެވުނެވެ. އަދި އާއިލާ އެންމެން އޭނައާއި ރުޅިވީ ސަބަބަކާއިމެދުވެސް ޝަކުވާ ދެންނެވުނެވެ. ރޮއިރޮއި އޮތްއިރު އެކަނިވެރިކަމާއި ހިތްދަތިކަން ނޫން އެހެން އެއްވެސް އެއްޗެއް މެހެރީނާގެ ވަށައިގެނެއް ނުވެއެވެ.

ޒައިތޫން އޭނަގެ ދެއަންހެން ދަރިން ގޮވައިގެން ހައިކަލްއާއި ބައްދަލުކުރަން އެގެއަށް ދިޔައިރު ހައިކަލް ޒެލް ގޮވައިގެން ބޭރަށް ދާން ހަމަ ނުކުތީއެވެ. ހައިކަލް މަންމަމެން ކޮޓަރިއާއި ހަމަޔަށް ގެންގޮސްދިނެވެ. އޭރު ސަލްވާ ހުރީ ކްލޯޒެޓްގައި ހައިކަލްގެ ހެދުންތައް ރީތިކޮށް އެޅުވުމުގައި އަވަދިނެތިއެވެ. އިސްތަށިގަނޑުން ހުޅިއެއް ޖަހާލާފައި ވޫލްކޮޅަކުން އައްސާލާފައިވުމުން ދޮން ކަނދުރާއާއި އެމޫނުގެ ރީތިކަން ހުރީ ދިމާލަށް ފެންނާށެވެ. ކަކުލާއި ހަމަޔަށް އަރާވަރުގެ ޓައިޓަކާއި ރީދޫ އަދި ހުދުކުލައިގެ ގަމީހެއް ލައިގެން ހުރިއިރު މޮޑެލްއެކޭ ތަފާތެއްނެތެވެ. އެގޮތަށް ހުއްޓާ ޒައިތޫން މެންނަށް ފެނުމުން ސަލްވާ ލަދުންނާއި ކަންބޮޑުވެފައި ބަލައިލިއެވެ.

"ސަލްވާ ހާދަ ބިޒީކޮށްލާފައި......."

"ހައިކަލްވެސް ދެންމެ ބޭރަށް އެދުރުވީ...." މަންމަމެންނާއި ހައިކަލް ދިމާވިކަން ނޭގޭ ހާލުގައި ސަލްވާ ބުނެލީ ރަކި ހިނިތުންވުމާއިއެކުގައެވެ. ދެން ސަލްވާ އަވަސްވެގަތީ މަންމައާއި ރޯޒްލީން އަދި އަރުޖަމަންދުއަށް ސައި ތައްޔާރުކުރުމަށެވެ. ޅީދަރިފުޅުގެ މެހުމާންދާރީއިން މިއަދު އެ ތިންމައިންނަށް އެހެން ކަހަލަ އިހުސާސެއް ކުރުވިއެވެ. މި ސާދާ ސީދާ އަންހެންކުއްޖާ ކިހާ ރަގަޅުހެއްޔެވެ؟ އެންމެން އެހާ ދުރުކޮށްލިއިރު ވެސް ހިތުގައި އެކައްޗެއްވެސް އޮތްހެނެއް ހިޔެއްނުވެއެވެ.

"ސަލްވާ އަމިއްލައަށްތަ ޗީޒް ކޭކާއި ޕިއްޒާ ހެދީ؟ " ސައިބޯން އިނދެފައި އަރުޖަމަންދު އަހައިލިއެވެ.

"ލައްބަ. ހައިކަލްއަށް ވަރަށް މީރު މިގޮތަށް ޕިއްޒާ ހެދީމަ...." ސަލްވާ ހީލިއެވެ.

"އަސްލު ހާދަ މީރޭ....ކައްކަންވެސް މޮޅު ކުއްޖެއް ދޯ. ކޮއްކޮ ބުނާހެން ޕަފެކްޓް ވައިފްއެއް ހަމަ..." އަރުޖަމަންދު ތައުރީފުކުރީ ހެޔޮހިތުންނެވެ. ޒައިތޫންވެސް މިއަދު ސަލްވާގެ ކޮންމެ ކަމަކާއި އުޅޭވަރުން ސަލްވާވެސް އިނީ ހައިރާންވެފައެވެ. އެންމެ ކުޑަވެގެން ސަލްވާ އެކަނި މަސައްކަތްކުރާތީ އެކަމާވެސް ދެރަވެގެން ރޯޒްމެހެލް އިން ކައްކާފައި ފޮނުވަން ހުށަހެޅިއެވެ. ސަލްވާ ބުނީ ހަމައެކަނި ދެމީހުންނަށް ކައްކަންވީމަ އެހާ ބޮޑު މަސައްކަތެއް ނޫންކަމުގައެވެ. ގެއަށް މެހުމާނުން އައިސްދާނެކަމަށް ބަލާފައި ސަލްވާ އިތުރަށް ކައްކާވާހަކައެއް އޭނަ ނުބުންޏަސް އެވަރު ޒައިތޫންއަށްވެސް ވިސްނުނެވެ.

ސައިބޮއިގެން ސިޓިންރޫމަށް ނުކުމެފައި ޒައިތޫން ދުރުދުރުންގޮސް އަސްލު ބޭނުން މައުޟޫއާއި ހަމަޔަށް ދިޔައެވެ. މެހެރީނާ ކަންތައްކުރިގޮތުން ދެރަވެ މާފަށް އެދުނެވެ.

"އިއްޒަތާއި އަބުރު ހިފަހައްޓަންވެގެން ހުރި އެންމެ ފިރިހެންދަރިފުޅުގެ ހަޔާތް ހަލާކުކޮށްލެވުނުއިރުވެސް މަންމަމެންނަށް ރޭކާ ނުލި. އެހާ ސާލިހު ކިޔަމަންތެރި އަންބެއް ގެނައީމަވެސް ކުށް ހޯދާ ގެއިން ނެރެލަން އެންމެން މަސައްކަތްކުރީ. ހައިކަލްގެ އުމުރުން އެހާ ހިސާބަށް އައީ ހަގީގީ ހިތްހަމަޖެހުމެއްނުލިބި. ރައުދާއާއި ކެމީލާފަދަ އިއްޒަތްތެރިންގެ ގަދަރުހުރި އަންހެނުންނާއި ކައިވެނިކުރުވީމަ ހައިކަލްގެ ހަޔާތް ބަރުބާދުވީ. ސަލްވާގެ ދަރިފުޅު ވައްޓައިލިކަން އެނގުނީމަ ވަރަށް ހިތަށް އަސަރުކޮށްފި. މެހެރީނާ އެކުރި ނުބައި ކަންތައްތަކަށްޓަކާ ލަދުވެތިވަން. ސަލްވާގެ ބައްޕަ ރޯޒްލީންއަށް ރުގުޔާކޮށްގެން އެކުއްޖާވެސް މިއަދު މި މަންމަމެންނަށް ލިބިފައި މިހިރީ. އެހެންނޫންމަ ދުނިޔޭގައި ހުންނާނެކަމެއްވެސް ނޭގޭ. އެކަމަކު މަންމަމެން ކިހާ އަނިޔާވެރި. ކިހާ ބޮޑަށް ސަލްވާގެ ހިތުގައި ޖެއްސިއްޖެ. ކިހާ ދުރުކޮށްލާފައި ބެހެއްޓީ. އެކަމަކު ހައިކަލް ބުނިގޮތުން ވިއްޔާ ދުވަހަކުވެސް ސަލްވާ ޝަކުވާއެއް ނުކުރޭ. މިއަދު މަންމަމަށް ވިސްނިއްޖެ. ތިއީ ހަމަ މީހަކަށް ލިބޭނެ އެންމެ ރަގަޅު ޅީދަރިފުޅު. މަންމައަށް މާފުކޮށްދެއްޗޭ....." ޒައިތޫންގެ ލޮލުން ކަރުނަ އައުމާއިއެކު ސަލްވާ ގެނެސް މޭގައި ޖައްސާލަމުން އަސަރާއިއެކު ވާހަކަދެއްކިއެވެ.

އޭރު ރޯޒްލީންއާއި އަރުޖަމަންދުގެ ލޯވެސް ފެންކަޅިވެއްޖެއެވެ.

"މި މަންމަގެ އަތުން ހުރި އެންމެ ފިރިހެންދަރީގެ ދިރިއުޅުން ކަތިލެވުނީ. ހުރިހާ އުފާތަކެއް ނިގުޅައިގަނެވުނީ. އެދަރިފުޅު ވާނެ ދެރައާއި ކުރާނެ ހިތާމަ ކިރިޔާވެސް އިހުސާސްކުރެވުނީ އެމެރިކާގައި މި ވީ ތިން އަހަރު ދުވަހު. ހިތް ފަޅިފަޅިވެގެން ދިޔަ. ފިރިހެންދަރިއަކު އެކަނިމާއެކަނި އަމިއްލައަށް ކައްކައިގެން އުޅެތަން ފެނުނީމަ ކިހާ ހިތަށް އަސަރެއްކުރާނެ. ކިތަންމެ ދުވަހަކު ރޮވުނު ކިތަންމެ ދުވަހަކު ބުނަން ބޭނުންވި ސަލްވާ ހޯދަން ހިގާށޭ. ނަމަވެސް މެހެރިނާ ބުނަމުން ދިޔައީ ސަލްވާވަނީ ވިޝާމްއާއިއެކު ފިލައިގެން ގޮސްފައިކަމަށް....."

"ދަރިފުޅާ. މި މަންމައަށް މާފުކޮށްދީ. މިހާރު މަންމަގެ ހުރިހާ ހެޔޮ ދުޢާއެއްވަނީ ތިދެކުދިންނާއިއެކު. މަންމަގެ އެހެން އަންހެންދަރިންނެކު ސަލްވާއެކޭ މިއަދުން ފެށިގެން އެއްވެސް ތަފާތެއް ނުކުރާނަން. ހައިކަލްއަށްޓަކާ މިހިތުގައިވާ ލޯބި ސަލްވާއަށްޓަކާވެސް ވާނެ.."

ސަލްވާގެ ދެލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ނިޔާވެފައިވާ މަންމަގެ ހަނދާންތައް ހިތުގައި ހިނގައިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. އެތައް ޒަމާނަކަށްފަހު ފާގިޔާފަދައިން އެހެން މަންމައެއްގެ މައިވަންތަކަމުގެ ކުޑަނަމަވެސް ކުލުނަކާއި ލޯތްބެއް ސަލްވާއަށް އިހުސާސްވެ ރޮވުނީއެވެ. އަދި މިއީ މިދުނިޔެއިން ސަލްވާ އެންމެ ލޯބިވާ ފަރާތުގެ މަންމައެވެ.

"މަންމާ. އަޅުގަނޑުގެ ހިތުގައި އެއްވެސް ބުރަކަމެއްނެތް. ހިތް މުޅިން ސާފު. މެހެރީން ދައްތަ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އަޅުގަނޑުވަނީ އެހުރިހާކަމަށްވެސް މާފުކޮށްފައި. އެކަމަކު މަންމަ ތިބުނި އެއްޗެއް އަދި ނޭގުނު. ދަރިފުޅު ވައްޓައިލީއޭ ބުނީމަ އަދި މިހުރީ ނޭގިފައި..."

މިފަހަރު ވާހަކަދެއްކީ އަރުޖަމަންދުއެވެ. ރޯޒްމެހެލްއަށް މޯނީ އައިސް ދެއްކި ވާހަކަތައް އިވުމުން ސަލްވާ އިނީ ޝޮކެއްގައެވެ. ހައިކަލްވެސް އަދި އެވާހަކަ ސަލްވާ ކައިރިއަކު ނުބުނެއެވެ. ހަމަޖެހިލައިގެން އެވާހަކަދައްކާނެ ވަގުތެއްނުވަނީކަން ނޭގެއެވެ.

"ސުބުހާނަﷲ......." ސަލްވާ މޫނުގައި ދެއަތްއެޅިގޮތަށް އެދަރިފުޅަށްޓަކާ ރުޔެވެ. އެބުނާހެން އެރޭ ޕޭންކޭކު ކެއިފަހުން އޭނަ މާ ބޮޑަށް ބަލިވީއެވެ. އެހަދާންތައް ސަލްވާގެ ހިތަށްފުން އަސަރެއްކުރުވިއެވެ.

"ނުރޮއި ހުއްޓާލާ ސަލްވާ ކޮއްކޯ. މެހެރްއަށް ދުވަހަކު މާފުނުކުރާނަމޭ ހައިކަލްވެސް ބުނި. އެހާވެސް ބޮޑުކަމެއް ވިއްޔަ އޭނަ އެކުރީ. މެހެރް ރޯޒްމެހެލްއިންވެސް ނެރެފި. އޭނަ ސަލްވާ ބާކީކުރިފަދައިން އެންމެންވަނީ މެހެރް ބާކީކޮށްފައި. އެއީ މެހެރްއަށް ލިބެންވީ ސަޒާ. މިހާރު އެއްޗެއް ވިސްނޭނެ....ދެރަނުވޭ..." ރޯޒްލީން އަނެއްފަރާތުގައި އިށީދެ ސަލްވާގެ ބުރަކަށީގައި ފިރުމައިލިއެވެ. ސަލްވާ އިރުކޮޅަކުން ހަމަޖެހިލައިގެން އިސްއުފުލައިލިއިރު އެމޫނަށްވަނީ ފިޔާތޮށިކުލަ ވެރިވެފައެވެ.

ޒައިތޫން އަރުޖަމަންދު އަދި ރޯޒްލީން ހައިކަލް އަންނަންދެން އެގޭގައި މަޑުކުރިއެވެ. ޒައިތޫން ސަލްވާއަށް އެމީހުން ބާޒާރުކޮށްގެން ގެނައި ކޮތަޅުން އެއްކޮތަޅު ދިއްކޮށްލިއެވެ. ސަލްވާ ޝުކުރު އަދާކުރިއެވެ. އުމުރުގައި މައިދައިތަ ދިން ފުރަތަމަ ހަދިޔާއެވެ. ޒެލް އުޅެގަތީ މުޅިން އެހެންކަމަކާއެވެ. ކައިރިއަށް އައުމާއިއެކު އުޅުނީ ގަމީހުގެ ގޮށްތައް ނައްޓާށެވެ.

"ދަރިފުޅާ......" ސަލްވާ ލަދުގަންނަގޮތްވިއެވެ.

"އަދިވެސް ޒެލް މިކަން ނުހުއްޓަނީތަ؟ ހަމަ ހައިކަލް ކުޑައިރު އުޅޭގޮތަށް މި ފުށްގަނޑުވެސް...." އަރުޖަމަންދު ޒެލްގެ ކޮލަށް ދޮނެއްދިނެވެ.

"ހުއްޓުވާނެކަމެއް ނެތް. އަމިއްލައަށް ހުއްޓަންދެން ބަހައްޓާ. މަންމަ ދަންނަ ކުއްޖެއް ފަސްއަހަރުވާންދެންވެސް ބުއި....." ޒައިތޫން ބުނެލީ ލޯތްބާއިއެކު ޒެލް އުޅޭގޮތަށް ބަލަމުންނެވެ. ގަމީސްދަށަށް ވަދެ ޒެލް ހަމަޖެހިލިއެވެ. ހައިކަލް އިށީނީ މަންމައާއި އަރުޖަމަންދުގެ ދެމެދުގައި ހުރި ޖާގައިގައެވެ. އަރުޖަމަންދު ހައިކަލްގެ އިސްތަށިގަނޑު ހާވާލަމުން ސަމާސާކޮށްލީ ވަރަށް ލޯބިންނެވެ.

"ތެދަށް ބުނަންޏާ ވަރަށް އުފާވެއްޖެ ދޮންތިގެ ލިޓްލް ބްރަދަރއަށް އެންމެފަހުން މިހާ އުފާވެރި ކުޑަ ފެމިލީއެއް ހޯދުނީމަ. އިރާދަކުރެއްވިއްޔާ މިގެއަށް ބަރަކާތްލައްވާ އުފާވެރިކަން ދެއްވާނެ. މިގެއަށް ވަނުމުން ލިބުނު ހިތްހަމަޖެހުން ވަރަށް ތަފާތު. ކިޔަމަންތެރި ރަގަޅު ވައިފްއެއްގެ ހުރިހާ ސިފައެއް ސަލްވާގެ އެބަހުރި. ސަލްވާ ކޮއްކޮ ގެ ފަރާތުން ފިރިޔަކަށް ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ލިބޭކަން ގެއަށް ވަނުމާއިއެކު އެގިއްޖެ. އެސްފީނާއިން ސަލާމަތްކުރައްވާށި. ރައުދާއާއި ކެމީލާއަކީ ވައިފް މެޓީރިއަލްއެއްނޫން. ކެރިއާ ޗޫޒްކޮށްގެން އަބަދުހެން ޖޮބްގައި އުޅޭމީހުންނަށް ދަރިން ރަގަޅަށް ތަރުބިއްޔަތުކޮށް ފިރިމީހާއަށް ޚިދުމަތްކޮށް ނުދެވޭނެ. އެކަންތަކުން ސަލާމަތްވިކަމީ ހަމަ ކޮއްކޮގެ ނަސީބު. ސަލްވާއަކީ އިރާދަކުރެއްވިއްޔާ ހަމަ ބްލެސިންއެއް. އައިމް ސޯ ހެޕީ ފޯ ޔޫ ބޭބީ ބްރޯ. އަދި އާޒްވެސް މިގެއަށް ބަދަލުވާނެދޯ....." އަރުޖަމަންދު ހައިކަލްގެ ނިތްކުރިއަށް ބޮސްދިނެވެ.

"އާޒްވެސް އެހެރީ މިސްއަންޑަސްޓޭންޑިއެއްގެ ތެރޭގައި ހެން ހީވަނީ. މިގެއަށް ޝިފްޓްވާން ހުރިހާ ތައްޔާރީތަކެއްވެފައި ހުއްޓާ ސަލްވާ އައުމުން ލަސްކޮށްލީ. އަދި އާޒްއަށް ސަލްވާގެ ކުށެއްނެތްކަން އެނގޭނެ. ހުރިހާކަމެއް ރަގަޅުވާނެ ދޮންތަ ބުނާހެން......" ހައިކަލް ހީލިއެވެ. ބައެއްފަހަރު ކިތަންމެ ރަސްމީވެފައި ހަރުވެގެން އުޅުނަސް ދޮންތަމެން ކައިރީ އޭނައަކީ އަބަދުވެސް ކޮއްކޮއެވެ. އެންމެން ލޯބިވާ ކުޑަ ކޮއްކޮ ހައިކަލްއެވެ.

"ހުރިހާ އެންމެންވެގެން މަގޭ ފެވަރިޓް ބްރަދާގެ ދިރިއުޅުން ހަލާކުކޮށްލީ. ރޯޒްދައްތަ ހުރިނަމަ އެހެނެއްނުވާނެ. އެންމެ ލޯބިވި އިންސާނަކީ މިއީ. ހުރިހާކަމެއް ހަދާން ނެތުނުއިރުވެސް ހައިކަލްއާއި މަންމަ މަތިން ހަދާނެއް ނުނެތޭ..." ރޯޒްލީން ހީލިއެވެ. ޒައިތޫންގެ ދެލޯ ފެންކަޅިވީ އުފާވެރިކަމުގެ ކަރުނުންނެވެ. އެތައް ޒަމާނަކަށްފަހު ހިތުން ބޮޑު ބުރައެއް ލުއިވެ ފިރިހެންދަރިފުޅުގެ އުފާތަކަށް އިސްކަންދޭ އެ އުފަލުގައި ބައިވެރިވާ މަންމައެއްކަމުގައި އޭނަ ވެއްޖެއެވެ. މިއަދު ޒައިތޫންގެ ހިތް ސަލްވާއާއިމެދު މުޅިން ސާފެވެ. އެރީތި ފަރި އަންހެންކުއްޖާއަކީ ހައިކަލްގެ ދިރިއުޅުން އެންމެ ފުރިހަމައަށް އުފާވެރިކަމުގައި ކުރިއަށް ގެންގޮސްދޭނެ ބައިވެރިޔާކަމުގައި ގަބޫލުކުރެވިއްޖެއެވެ. ހުރިހާ ސިފަތަކުން ރީތިވެފައިވާ އަންހެންކުއްޖެއްކަން މިއަދު ސާފު ހިތަކުން ވިސްނައިލުމުން ޒައިތޫންއަށް އެގިއްޖެއެވެ. އާއިލީ މޮޅުކަމަކުން ނޫނީ ކިޔަވައިގެން ހުރި މުއްސަދި ޑޮކްޓަރަކަސް ތެދުވެރި ވަފާތެރި އަންބަކަށް ނުވަންޏާ ފިރިމީހާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟

ޒެލް ކުރަން ހުރި މަސައްކަތް ނިންމާލަފައި އައިސް ހައިކަލްގެ އުނގަށް އެރިއެވެ. ހައިކަލްގެ މޫނާއި އަތުގައި ބޮސްދީދީފައި އުޅުނުއިރު އެކުޑަ ކުޑަ ހިތުގައި ބައްޕައަށްޓަކާ ވި ލޯބި އެންމެނަށް ހާމަވިއެވެ. ސަކަރާތްޖަހަ ޖަހާފައި ވަރުބަލިވެފައި ހުރީކަން ނޭގެއެވެ. ހައިކަލްގެ ކޮނޑުގައި ބޯ އަޅާލައިގެން އިނގިލިޖަހަން އޮތްއިރު ލޯބިކަމުން ބަލާބަލާ ފޫހިނުވާވަރުވެއެވެ. ޒައިތޫންގެ ހިތްވެސް ފިދާވާވަރުވިއެވެ.

ރޭގަނޑު އެ މާބްލް ހުދު ގެވަނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. ބައެއް ކޮޓަރިތަކުން ފަނޑު އަލިކަމެއް ފެނިލައެވެ. އެހެންދާ ކޮންމެ މީހަކަށް އެގެއާއި ދިމާލަށް ބަލައިލެވެނީ ގޭގެ ހުވަފެނީކަމާއި ހައިބަތު ހުރިވަރުންނެވެ. ނިދަން ތައްޔާރުވުމަށްފަހު ސަލްވާ ކޮޓަރި އުއްބައްތިތަކުން ޒީނަތްތެރިކުރިއެވެ. ލޭސްފޮތީގެ ތުނިހެދުމެއްލައިގެން ސެންޓްވެސް ޖަހާ ތައްޔާރުވެލީ ލޯބިވާ ފިރިމީހާއަށްޓަކައެވެ. ތާޒާ ފިނިފެންމަލެއްފަދައެވެ. އިޝާ ނަމާދަށްފަހު ކައިގެން ދެން ރޭގަނޑު އިތުރު އެހެން ކަމެއް ނުކޮށް ނިދުމަށް ހައިކަލްވަނީ ޕްލޭންކޮށްފައެވެ. އަޅުކަމާއިއެކު އަނބިމީހާއަށްވެސް ވަގުތުދެވޭނީ އޭރުންނެވެ. މުއްސަދިކަމާއި އާރާއި ބާރުލިބުމުން ވަޒީފާވެސް އޭނަ ބޭނުންވާގޮތަކަށް ބަދަލުގެނެވޭނެއެވެ. ރޭގަނޑަކީ އަޅުކަމާއި އަރާމުކުރަން ޚާއްސަބަޔެވެ. ވަޒީފާއަށް ރޭގަނޑު ދިޔުމަކީ ދެން ހައިކަލް ކުރާނެކަމެއް ނޫނެވެ.

ހައިކަލް ފަހަތުން އައިގޮތަށް ސަލްވާގެ މޭމަތީގައި އަތް އަޅުވާލިއިރު އޭނަގެ މަޑު ހަށިގަނޑު ހައިކަލްގެ ހަށިގަނޑާއި ޖެހިފިތިގެންދިޔައެވެ. އޭރު ދެމޫނުވެސްވަނީ ޖެހި ބާރުވެފައެވެ. ލޯގަނޑުން ފެންނަން ހުރި އެދެމީހުންގެ ސޫރައިގެ ރީތިކަން އުއްބައްތީގެ ހުޅުކޮޅާއި އަޅުވާކިޔޭވަރަށް ވުރެ ފުރިހަމައެވެ. ވެރިވެފައިވާ ރަންކުލަ އެހާ ހިތްގައިމެވެ. ސަލްވާގެ ހިތުގެ ތެޅުން އެތައްގުނަ ބާރުވެލިއެވެ. ހައިކަލް އެގޮތަށް ކައިރިވުމުން ހިތް ހަމަ ލޯބިން ފުރޭވަރުވެއެވެ. މުޅިޖިސްމާއި ރޫހުވެސް އެއަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވިއެވެ. މަޑުމަޑުން އަތްތިލަތައް ގުޅުވާލުމާއިއެކު ހައިކަލް ސަލްވާ އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ. އަދި އެބާރުގަދަ މުލައްދަނޑީގެ ހިމާޔަތުގައި ބިމުން ހިއްލައިލެވުނުއިރު ސަލްވާގެ ދެއަތް ހައިކަލްގެ ކޮނޑަށް ވައްޓައިލެވުނީ ލޯބިވެތި ހިނިތުންވުމަކާއި އެކުގައެވެ.

"ލުކިން ސޯ ޕްރިޓީ ބޭބީ ގާލް. މޭކަޕްނުކޮށްހުރީމަ ކިހާ ފުރިހަމަ. ކިހާ ސޮފްޓް......." ހައިކަލް އެންމެ ފަހު ޖުމްލަ ބުނެލީ ހަމައެކަނި ސަލްވާއަށް އިވޭވަރަށެވެ. ހައިކަލް ސަލްވާ ތަންކޮޅެއް ތިރިކޮށްލިގޮތުން މޫނުވަނީ އޭނައާއި އެއްހަމައެއްގައެވެ. އޭރުވެސް ސަލްވާގެ ފައި ބިންމަތީގައި ނުޖެހެއެވެ.

"ހެހެ. ބޭނުންގޮތެއް. އައިމް އޯލް ޔޯސް ޑިއަރ ހަޒްބެންޑް...." ސަލްވާ މިފަހަރު އިސްނެގިއެވެ. ބައެއްފަހަރު ހައިކަލްދެކެ ވެވޭ ލޯތްބެއްގެ ބޮޑުކަމުން ލަދުވެތިކަމާއި ރަކިކަން އެއްފަރާތްކޮށްލެވޭފަހަރު އާދެއެވެ. އެހެންނޫނަސް މިހާރު އެދޭތެރޭގައިވަނީ ކޮން ދުރުކަމެއްހެއްޔެވެ؟ ހުރިހާ ފަރާތަކުން މަގު އަމާންވެގެންވެއެވެ. ކޮންމެރެއަކީ އަދި ދުވާލަކީވެސް އެ ދެ ލޯބިވެރިންނަށް އުފަލާއި ހިތްހަމަޖެހުން ބޭނުން ކޮންމެ ވަގުތަކު ހާސިލުކުރަން ލިބޭ ވަގުތުތަކެވެ. ސަލްވާ ހުރީ މިއަދު ޒައިތޫން ދެއްކި ވާހަކަތައް އަހަން ހަދާންކޮށްގެންނެވެ. ނަމަވެސް ރެއެކޭ އެއްފަދައިން މިރޭވެސް ދެމީހުންނަށް އެހެން ވާހަކައެއް ދައްކާނެ ވަގުތެއްނުވިއެވެ. އެއަށްވުރެ ކުރަންވާ އެހެން ކަންތައް ގިނައީއެވެ.

ފަތިސް ނަމާދަށްފަހު ކޮފީ ބޮއިގެން ސަލްވާވެސް އެނދުގައި ކަންނެތްވެފައި އޮތްވާ ހައިކަލް ކޮޓަރިއަށް ވަނީ ސިޓީއެއް ހިފައިގެންނެވެ. އަޒަލް މަރުވުމުގެ ކުރިން ފޮނުވި ސިޓީތައް އެންމެފަހުން އޭނަގެ އަތަށް އެރިގޮތް ކިޔައިދިނެވެ. ސަލްވާގެ ދެލޮލުންވެސް ހިތާމައިގެ އަސަރު ކުޑަކޮށް ފެނުނެވެ. އަދި ޒައިތޫން ހަވީރު ދެއްކިވާހަކަތައް އެހުމުން ހައިކަލް ސަލްވާ ގެނެސް މޭގައި ޖައްސާ ބޮނޑިކޮށްލިއެވެ. ސަލްވާއަށް އެވަރުންވެސް ރޮވުނެވެ. އެރޭ ޕޭންކޭކުތައް ކޭއިރު އެކަހަލަ އެއްޗެއް ކުޑަކޮށްވެސް ހިތަށް އެރިނަމަ ނުވެސް ކެއީހެވެ. އެހާ ބޮޑުކަމެއް އެއްވެސް މީހަކު ކޮށްފާނެއޭ ހިތަށް އަރާނީ ކިހިނެއްހެއްޔެވެ؟ ހައިކަލް ސަލްވާގެ ކަރުނަތަކާއިއެކު އެދެލޮލުގައި ބޮސްދީފައި ނުރޯން އެދުނެވެ. ދެން އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ސަލްވާއަށް ދެރަގޮތެއް ނެހެދޭނެއެވެ. އެހުރިހާ ކަމެއް މާޒީއާއި އެކުވެގެން ހިގައްޖެއެވެ.

"މިސިޓީގައި ޒެލް ލިޔެފައިވަނީ ކީކޭބާ. މިސިން ޒެލް ސޯ މަޗް..ޒެލް ހާދަ ރަގަޅޭ. އެންމެން ދެކޮޅަށް ތިބިއިރުވެސް ޒެލް ދުވަހަކު އެއްޗެކޭ ނުބުނޭ. އަބަދުވެސް ހިތްވަރުދިން....." ސަލްވާ ހަމަޖެހިލުމަށްފަހު ލެނގޭބައިގާ ލެނގިލަމުން ސިޓީ ކަނޑައިލިއެވެ. އަސަރުން ފުރިފައިވާ ސިޓީއެކެވެ. އަޒަލް ވިޝާމްއަށް ތައުރީފުކޮށް އޭނަގެ ވާހަކަ ދައްކާފައި އިނެވެ. ކައިވެނިކުރީ ވިޝާމްއަށް އޭނަ ފޭސްބްލައިންޑްނެސް ހުރިކަން އެނގި އެކަމުގެ ސަބަބުން އެކީގައި އަބަދު ހުންނާނެ ޕާޓްނާއެއް ބޭނުންވާނެކަމަށް ބުނެފައެވެ. އަޒަލްވެސް އޭރު ވިޝާމްއާއިހެދި އެއްވެސް ވަރަކަށް ނޫޅެއެވެ. ވިޝާމް ދުވަހަކުވެސް އޭނަގެ ފަރާތުން ފައިދާ ނަގާކަށް ނޫޅެއެވެ. ކެތްތެރިކަމުގެ ނަމޫނާއެކެވެ. އޭރު ވިޝާމް ސަލްވާދެކެ ލޯބިވާކަމެއް އަޒަލްއަކަށްވެސް ނޭގެއެވެ. ވިޝާމް އަޒަލްއަށް "ސްވީޓް" ކަމުން އަޒަލްގެ ހިތް ލެނބެންފެށީއެވެ. މަޑުމަޑުންގޮސް އަޒަލްގެ ހިތުގައި ވިޝާމްއަށްޓަކާ ލޯބި އުފެދުނުއިރުވެސް އޭނަ ފަހަރެއްގައިވެސް ވިޝާމްއަށް އެކަން ނާންގައެވެ. އެހެންނޫންނަމަ ފަހަރެއްގައި ވިޝާމް ގެ ހިތް ބަދަލުނުވާނެކަމެއް ނޭގެއެވެ. ނޫނީ ވިޝާމްގެ އެހުންނަ ރަގަޅުކަމުން ލޯބިނުވިޔަސް އަޒަލްއާއި ގުޅުނީސްކަން ނޭގެއެވެ. އަޒަލް އެލޯބި ހިތުގައި ފޮރުވިއެވެ. އޭނައަކީ ބަލި ކުއްޖަކަށްވެފައި މަރުވެގެންދާއިރު ކޮންމެހެން ލޯބިވުން މުހިއްމުވާނެ ހެއްޔެވެ؟ ވިޝާމް ސަލްވާދެކެ ވީ ތެދުވެރި ސާފު ތާހިރު ލޯތްބެކެވެ. އަޒަލް ދެރަވީ ބައްޕައަށް އެކަމުން ދެރައެއް ލިބިދާނެތީއެވެ. އެކަން އެނގި ބައްޕަގެ ހިތަށް އަސަރުކޮށްފާނެތީއެވެ. ނަމަވެސް ސަލްވާ ލޯބިވަނީ ބައްޕަދެކެ ކަން އެނގުމުން ވިޝާމްއާއިމެދު ހަމްދަރުދީވެސް ވިއެވެ. މެހެރީނާދައްތަ އޮޅުވާލުމެއްގައި އެންމެން ބެހެއްޓިޔަސް ހަގީގަތް ހާމަވުމުން ސަލްވާއާއި ވިޝާމްގެ ކުށެއްނެތްކަން އަޒަލްއަށް އެނގިއްޖެއެވެ.

އަޒަލް ގިޔާމަތާއި ހަމަޔަށް ވިޝާމްއަށް އިންތިޒާކުރާނެއެވެ. އޭނަ މަރުވެގެން މިދަނީ ވިޝާމްގެ އަންހެނުންގެ ގޮތުގައި ހުރެއެވެ. އޭނައެދެނީ ބައްޕައާއި ސަލްވާ އެކުގައި އަބަދަށްޓަކާ ވުމެވެ. އޭނަގެ ހީރޯއަކީ ބައްޕައެވެ. އަޒަލް އެދެނީ ސަލްވާ ބައްޕައާއިއެކު އަބަދަށްޓަކާ ވުމަށެވެ. ދުވަހަކުވެސް ވަކިނުވުމަށެވެ. ދުވަހަކު ދެރަކޮށްނުލުމަށެވެ. އަބަދަށް ބައްޕަދެކެ މިހާރު ސަލްވާ ވާ ފަދައިން ލޯބިވުމަށެވެ.

އަޒަލް ސަލްވާއަށް ވަރަށް ތައުރީފުކުރިއެވެ. ސަލްވާގެ ސަބަބުން އޭނަ ބަދަލުވީގޮތް ވަރަށް ތަފްސީލުކޮށްލިޔެފައިވިއެވެ. ނިންމާލަމުން އަޒަލް ލިޔެފައިވަނީ އޭނަ ބައްޕައަށްވެސް ސިއްރުކުރި ވާހަކައެކެވެ. ބައްޕައަށް އެކަން އެނގިލައްވައިފިއްޔާ ދުވަހަކު މެހެރިނާ ދައްތައާއި މަންމައަށް މާފުނުކުރާނެއެވެ. އޭނަގެ ދުޢާއަކީ މެހެރީނާ ދައްތަގެ ދުލުން ކޮންމެވެސް ދުވަހަކުން ކުށަށް އިއުތިރާފުވުމެވެ. ނަމަވެސް އޭނަ ސަލްވާއަށް އެވާހަކަ ހާމަކުރާނެއެވެ. ސަލްވާގެ ޕޭންކޭކުތަކަށް އެބޯޝަން ޕިލްސް އަޅައިގެން ބޭބީ ވައްޓާލިކަން އަޒަލްއަށް އެނގުނީ މަންމައާއި މެހެރިނާ ބޮޑުދައިތަ ދެއްކި ވާހަކަ އިވިފައެވެ. އަޒަލްއަށް އެދުވަހު ޝޮކެއްލިބުނެވެ. އެދުވަހު ވަރަށް ގަދަޔަށް ރޮވުނެވެ. މިސިޓީ ލިޔެ ނިންމާލަން އުޅެފައި ނުނިންމާ އޮތްވާ އެވާހަކަ އިވުމުން އަޒަލް ލިޔުނީކަމަށް އަޒަލް ސިޓީ ނިންމާލިއިރު ލިޔެފައި އޮތެވެ. އަދި އޭނައަށް އަބަދުވެސް ހެޔޮ ދުޢާކޮށްދިނުމަށާއި ކޮންމެވެސް ކުއްޖަކަށް ޒެލްގެ ނަން ދޭން އެދުނެވެ.

އެސިޓީ ކިޔާފައި ސަލްވާ އަށް ހައިކަލްގެ ގައިގާ ބައްދާލެވުނެވެ.

މެހެރީނާގެ ހިތް ހަލާކުވެ ކަރުނަ ނުހިކޭއިރުވެސް މިފަހަރު ޑިޕްރެޝަންއަކަށް ނުދިޔައެވެ. އަމިއްލަ ނަފުސަށް ބާރުފޯރުވުނެވެ. އެހެން އެވި އަބަދުހެން ނަމާދުކޮށް ގުރުއާން ކިޔަވަން އިނީމަކަމަށްވެދާނެއެވެ. ދުވަހަކު ކުރިމަތިނުވާފަދަ ހިތާމަވެރި ހާލަތެއް އައުމުން އޭނަ ހެއްދެވިފަރާތަށް ކުރިމަތިލީ މި ހިތާމައިން މިންޖުވާނީ ހަމައެކަނި އެގޮތުން ކަމަށް ގަބޫލުކުރެވިގެންނެވެ. އެހެންހުއްޓާ އަރީންގެނެސްދިން ޚަބަރަކުން އަނެއްކާވެސް މެހެރީނާގެ ދުނިޔެ އެފުށްމިފުށަށް ޖެހުނެވެ.

(ނުނިމޭ)

comment ކޮމެންޓް