Sun Online

އަހަރެންގެ ހިތް އަނބުރާދީ

ލިޔުނީއައިޝާ ނަސީމް

އަރީން މެހެރް ތެދުކޮށްލާފައި ގަޔަށް ލައްކޮށްލައިގެން އިނދެ ތަށި ތުނބުގައި ޖެއްސިއެވެ. އެވަގުތު އަރީން ފެނުނީ އޯގާތެރި ނަމޫނާއެއްގެ ގޮތުގައެވެ. މެހެރީނާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ނޫނީ އަރީން ފޫހިވެގެން އޭނަ ދޫކޮށްލާކަށް ފަހެއް ނުޖެހޭނެއޭ ހިތަށް އަރާފައި އެހާލުގައި އޮވެވެސް ގަދަނަހަދާ ދިން އެއްޗެއްވިއްޔާ ބޯލިއެވެ. އޭނަގެ ސުވާލު އަޑުއިވޭކަމަށް ނެހެދެމުން ދެވަނަފަހަރަށް ނޭހިޔަސް ދާލިޔާ ވީ ފާގިޔާގެ ކައިރީގައި ބާވައޭ ހިތަށް އަރާފައި އެތައް ޝުއޫރުތަކުން ހިތް ގުޑާލިއެވެ. މެހެރީނާ ހީކުރިގޮތަށް އަރީންވަނީ ނެނީ ފޮނުވާލާފައި ދަރިފުޅު ފާގިޔާއާއި ހަވާލުކޮށްފައެވެ. އެކަމަކު މެހެރީނާ ކުރާނީކީއްހެއްޔެވެ؟ ހުން ބުރާންތިވެފައިވާއިރު އޭނައާއި އަޅާލާނެ މީހެއް މިއޮތް ބޮޑު އާއިލާގައި ނެތެވެ. އަރީން މެހެރީނާގެ ގައިމަތީ ރަޖާ އަޅާލަދީފައި ނުކުމެގެން ދިޔަތަން ބަލަން މެހެރީނާއޮތީ މޮޅިވެރިކޮށެވެ. އެއްވެސް މީހަކު ދެކެން ނާންނަކަން ހިތަށް އަރާފައި ދެލޮލުން ކަރުނަ އޮހިގަތްތަނާ މީހެއްގެ ހިލަންވެފައި އެދިމާލަށް ބަލާލައިފިއެވެ.

ދާލިޔާ އުރާލައިގެން ހުރީ ހައިކަލްއެވެ. ދާލިޔާ ދެއަތުން ދެ ޓެޑީ ހިފާލާފައެވެ. ހައިކަލް އަރީން އާއި ދަރިފުޅު ހަވާލުކޮށްފައި މެހެރީނާ އޮތް އެނދާއި ދިމާލަށް ދިޔައެވެ. މެހެރީނާ އޮތީ ކަޅިވެސް ޖަހާނުލައެވެ. މިފެންނަނީ ހުވަފެނަކަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ.

"މެހެރް ހާލު ކިހިނެއްތަ؟ " ހައިކަލް މެހެރީނާގެ މަގަތުގައި އިށީދެލާފައި ނިތްކުރީގައި އަތް ޖައްސައިލިއެވެ. ހުން ތަންކޮޅެއް މަޑުވެލާ މޫނުގެ ރަތްކަން އޭރު ކެނޑިއްޖެއެވެ.

"އައިމް އޯކޭ. އަރީން ބޭސްދިނީމަ ރަގަޅުވީ......" މެހެރީނާ ކަރުނަވީ އަޑަކުން ބުނެލިއެވެ.

"ދެރަނުވޭ މެހެރް. ހުރިހާކަމެއް ރަގަޅުވާނެ އިރާދަކުރެއްވިއްޔާ. އަރީންއަށް އިތުބާރުކުރަން. ހީ ވިލް ޓޭކް ގުޑް ކެއަރ އޮފް ޔޫ..........." ހައިކަލް މެހެރީންގެ ނިތްކުރީގައި ފެންފޮތިލާދިނެވެ.

ދޮންބެ ބުންޏަސް މެހެރީނާ އެވާހަކަ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އަރީން އެހާ އަޅާލާނަމަ އެހެން މީހަކާއި އިންނަންވީ އެއްވެސް ސަބަބެއްނެތެވެ. އަދި އޭނަ ދެރަކޮށްލަން އޭނަ އެމީހަކު ދެކެ އެންމެ ފޫހިވި ފާގިޔާއާއެވެ. އަދި ވިޝާމްވެސް މިވީ އޭނަގެ ދޮންދަރިއަށެވެ. ދާލިޔާ ލައްވާ ދޮންބެ ކިޔުއްވަން ބޭނުންނުވިޔަސް އެނޫން އިތުރު ގޮތެއްނެތެވެ. އޭނަމިވަނީ ގޮތް ހުސްވެފައެވެ. ނަމަވެސް އެވާހަކަތައް ދުލާއި ހަމަޔަށް ގެންނަން މިއަދު ނުކުޅެދުނެވެ. އެހާވެސް އަރީންގެ ނުފޫޒްގަދައެވެ.

"ދޮންބެވެސް ރުޅިދުރުވެފައި. މަންމައާއި ބައްޕަވެސް އެހާ ދުރުން އުޅެނީ......"

"މެހެރް. ދޮންބެ ނެތީމޭ ރުޅިއައިސްފައެއް. ވީކަމެއް ވެގެން ހިގައްޖެ. މާފުކުރުންވެސް އޮންނަނީ ކޮންމެވެސް ބޭނުމެއްގައި. ކިތަންމެ ބޮޑު ފާފައެއްކުރިޔަސް ހެއްދެވި ފަރާތުންވެސް ފާފަ ފުއްސަވާދެއްވާ. އެހެންވީމަ ދޮންބެވެސް ހިތަށް އެރީ މެހެރްވެސް އެފަރާތަށް ތައުބާވެ ދުޢާކުރީމަ ހަމަ ފާފަ ފުއްސަވާނެއޭ. ސަލްވާއަކީ ދަރިފުޅުގެ މަންމަ. ސަލްވާވެސް ބުނީ މެހެރްއަށް މާފުކޮށްދޭށޭ......."ހައިކަލް ސަލްވަގެ ނަން ކިޔުމުން މިފަހަރު މެހެރީނާގެ ހިތާއި ހަށިގަނޑަށް ކުރިން އެނަމުން ކުރާ ނުބައި އަސަރުތަކެއްނުކުރިއެވެ. އޭގެ ބަދަލުގައި ސަލްވާ ހާދަ ރަގަޅޭ ހިތަށް އެރިއެވެ.

"ސަލްވާ...އެހެން ބުނިތަ؟ "

"އާން ސަލްވާއަކީ އެހާ ގޯސްކުއްޖެއްނޫނޭ. ހެޔޮހިތުން ވާހަކަދެއްކީމަ މެހެރްއަށް އެކަން ގަބޫލުކުރެވޭނެ.." ހައިކަލް މެހެރީނާގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިނެވެ. ނުރޯން އެދުނެވެ.

"އަޅުގަނޑަކީ ހާދަ ގޯސްމީހެކޭ. އެހާ ރަގަޅުކުއްޖަކާއިމެދު އެގޮތަށް ކަންތައްކުރީމަ އެކަމުގެ ސަޒާ މިލިބުނީ. ސަލްވާ ކައިރިން މާފަށް އެދެން ބޭނުން. އެތައް ދުވަހަކު އަނިޔާކުރެވުނު. އެހާ ބޮޑަށް ހިތުގައި ހަސަދަވެރިކަން އޮތް. އެހެންވެކަން ނޭގޭ އެންމެފަހުން އަތުން އެހާ ބޮޑު ގޯހެއްހެދުނީ. މޯނީގެ ދަރިފުޅު މަރުވެސް ހަދާން ނައްތާލާނެގޮތެއްވެސް ނޭގޭ. ހުވަފެނުންވެސް ފެންނަނީ.........." މެހެރީނާ ދެލޯ މަރައިލިއެވެ.

"ދޮންބެ ސަލްވާ ގެނެސްދީފާނަންތަ؟ އަޅުގަނޑު ބޭނުން ސަލްވާއާއި ބައްދަލުކޮށްލަން......"

"ޝުއަރ...." ހައިކަލް ގެ ތުންފަތްމަތީގައި ވީ ލުއި ހިނިތުންވުމެކެވެ. އާއިލާގެ އެންމެންގެ ހިތުން ސަލްވާއަށް މަގާމެއްލިބުމުން ހައިކަލްގެ ހިތަށް ބުނަންނޭގޭފަދަ ހަމަޖެހުމެއްލިބިއްޖެއެވެ. މިއީ އޭނަ އެންމެ ދެކެން ބޭނުންވި އެއްދުވަހެވެ. އާއިލާގެ އެންމެން ގުޅިގެން އުޅުނީމަ ބޮލަށް ހާދަ ފަސޭހައެވެ.

"ކޮބާ ދޮންބެގެ ކުޑަ ކުޑަ ޒެލް. ހީޒް ސަޗް އެ ސްވީޓްހާޓް..." މެހެރީނާ ކުޑަކޮށް ހީލަމުން ތެދުވެލިއެވެ. ބަލިހާލުވެސް ކޮންމެވެސް ވަރަކަށް ރަގަޅުވެއްޖެއެވެ.

މެހެރީނާއާއި ސަލްވާ ބައްދަލުވުމުން މެހެރީނާ ރޮއިފާ މާފަށް އެދުނެވެ.

"ސަލްވާގެ ކައިރީ އެތައްފަހަރު ބުނިން ދޯ މެޑަމް ކިޔާށޭ. މިއަދަށްފަހު ސަލްވާ ތިއީ ހަމައެކަނި އަހަރެންގެ ފަހަރިއެއްނޫން. ކޮއްކޮއެއް. މިދުނިޔެއިން އެންމެ ލޯބިވާ މީހަކީ އަހަރެންގެ ދޮންބެ. ދޮންބެގެ އަންހެނުންގެ މަގާމުގައި ހުރި އަންހެންކުއްޖާއަށް ދެރަގޮތްގޮތް ހެދުނުކަމީ އަހަންނަށް ކުރެވުނު އެންމެ ނުބައިކަންތައް. ތިއީ ހަގީގަތުގައި ރޯޒްމެހެލްއަށް ލެއްވި ހެޔޮ ރަހުމަތެއް. އެންމެން ބަދަލުވާން ދިމާވި ސަބަބު. ހުރިހާކުދިން ބުރުގާ އަޅާ ދީނީ ކުލަ ރޯޒްމެހެލްގައި ޖެހުނީ ސަލްވާއައުމުން. އަހަރެން އެކަން ބަލައިނުގަނެވުނީ ހުރި ބޮޑާކަމުން. އާއިލާ މޮޅުކަމުން މިއަދު ލިބުނު އެއްވެސް ހަމަޖެހުމެއްނެތް. މިހާރު އެގިއްޖެ ދޮންބެ ބުނިހެން މީހާ މާތްވަނީ އެމީހެއްގެ ތަގުވާވެރިކަމުންކަން. މެހެރްދައްތަ އާއި ބަލާއިރު ސަލްވާ އެތައްތަނެއް މާތް. ތިއީ ހަމަ ޖަވާހިރެއް. ވަރަށް ވަރަށް އުފާވެއްޖެ ދޮންބެއަށް މިކަހަލަ ރަގަޅު އަންބެއް ލިބުނީމަ. އަބަދުވެސް ދުޢާކުރާނަން ދޮންބެގެ ހަޔާތުގައި ސަލްވާ ވުމަށް. ތިކަހަލަ އަންހެންކުއްޖަކު ދޮންބެގެ ހަޔާތަށް އައުމަށްފަހު ރޯޒްމެހެލްވެސް ނަސީބުވެރިތަނަކަށް ވެއްޖެ. ދޮންބެއަށް ވާރިސެއްލިބިއްޖެ.......އަހަންނަށް މާފުކޮށްދީ..." މެހެރީނާގެ ވާހަކަތަކާއިއެކު ސަލްވާ މެހެރިނާގެ ގައިގާ ބައްދައިލިއެވެ.

މެހެރިނާއަށް އުފަލުން ރޮވުނެވެ. އޭނަގެ ހިތް މިހާރު ސަލްވާއަށް މުޅިން ސާފުވެއްޖެއެވެ. އެހިތުގައި ސަލްވާއަށްޓަކާ ވި ހުރިހާ ހަސަދައެއް ގަނޑުފެނުން ހުރިހާތަނެއް ސާފުކޮށް ދިވެލާފަދައިން ދޮވެވިގެން ދިޔައީ ލަހެއްފަހެއް ނެތިއެވެ. މެހެރީނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ.

މެހެރީނާ މޯލަށް ވަދެފާ ނުކުތީ ކޮތަޅުތަކެއް ހިފައިގެންނެވެ. ކާރު ހުޅުވާލާފައި ކާރަށް ތަކެތި ލުމަށްފަހު އަރަން އުޅެނިކޮށް އޭނަގެ ނަމުން ގޮވައިލިހެން ހީވެގެން އެނބުރި ބަލައިލިއިރު ދާދި ކައިރީގައި ހުރީ މޯނީއެވެ. މޯނީގެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. ދެލޯ ކައިރި ކަޅުވެފައިވިއެވެ. މެހެރީނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. އޭނަ އެކަނި ހުއްޓާ ފެނިފައި މޯނީ އޭނައަށް ހަމަލާއެއް ނުދޭނެބާވައެވެ.

"މެޑަމް. މިއައީ ވާހަކައެއް ބުނަން..." މޯނީ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އަހަރެންގެ ހަޒްބެންޑްއަކީ ދުނިޔޭގައި ހުރި އެންމެ މާތް ހެތްހެޔޮ އިންސާނާ. ހެއްދެވިފަރާތުން މިއަޅާއަށް ދެއްވި ނިއުމަތް ބަލައިނުގަނެ ނުބައި ކަންތަކަށް އަރައިގަނެވުނު. މިއަޅާއަށް އެދެއްވިފަދަ ނިއުމަތެއް އެހެން މީހަކަށް ދެއްވިކަމަކަށް ގަބޫލުކުރާކަށް މިހިތެއްނުރުހޭ. އުމޭރުއަކީ އެހާވެސް ރަގަޅު މީހެއް. އިންސާނުން ތެރޭ މަލާއިކަތެއް އުޅޭނެނަމަ އުމޭރު އެފަދަ. އުމޭރު ބޭނުންވީ މެޑަމްއަށް މާފުދޭން. އެހެންވެ ހިތާއި ދެކޮޅަށްވެސް މިހިރީ މާފުދޭން. ޖީވާ ވަކިވުމަށްފަހު އަހަރެމެންގެ ދުނިޔެ ބަރުބާދުވީކަމުގައި ހީކުރެވުނު. ދަރިއެއްގެ އުފަލުން މަހުރޫމްވީކަމަށް ހީކުރެވުނީ. ނަމަވެސް ޖީވާ މަރުވީފަހުން އެނގުނީ އަހަރެން އިނީ ބަލިވެކަން. ޖީވާވެސް އެހާ ހިތްހެޔޮވާނެ. އޭނަގެ ބައްޕައެކެ ތަފާތެއްނެތް. އެދަރިފުޅު ވެސް ބޭނުމެއްނުވާނެ މީހަކަށް ނުބައި ހިތް ލައިގެން އުޅެން. އެދަރިފުޅުވެސް ބޭނުންވާނީ މެޑަމްއަށް މާފުކުރުންކަމަށް އުމޭރު ވަނީ ބުނެފައި.. އަހަރެމެން ދެން ދުވަހަކުވެސް މެޑަމްއަކަށް އުދަގޫކުރާކަށް ނާންނާނަން. ކޯޓަށް ހުށަހެޅި މައްސަލަވެސް އަނބުރާ ގެންނާނަން............" މޯނީގެ ވާހަކަތަކުން މެހެރީނާ ހުރީ ހައިރާންވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އޭނައަށް އުމޭރު އަދި މޯނީގެ މާފު ހައްގެއްވެސް ނޫނެވެ. އެހެންމީހެއްގެ ފަރުވާކުޑަކަމުން ދާލިޔާއަށް އެފަދަ ދެރަގޮތެއްވެއްޖެއްޔާ އޭނަ މާފުކުރާނެހެއްޔެވެ؟

"ޝުކުރިއްޔާ މޯނީ..."މެހެރީނާ ދުލުން އެހެން ބުނިކަމުގައި ވިޔަސް ހިތުގައިވީ އަދި އެހެން ނަމެކެވެ. އުމޭރު މިއަދު ވަކިން އޭނަގެ ހިތުގައި ޚާއްސަވެއްޖެއެވެ. ލޮލަށް ކަރުނަ އައި ސަބަބަކީވެސް އުމޭރުއެވެ. ނިކަމެތިންގެ އަގު އެތައް ގުނަ އުފުލިއްޖެއެވެ. ހަގީގަތުގައިވެސް މީހާ މާތްވަނީ ފައިސާއަކުން ނޫނެވެ. އެފަދަ ރީތި ސިފަތަކުން ޒީނަތްތެރިވެގެންނެވެ. މުއްސަންޖަސް ނިކަމެތްޗަކަށްވިޔަސް މަރުވުމަށްފަހު ނިދާނީ ހަރު ބިންގަނޑުގައެވެ. އެ ހަށިގަނޑު ފަނިފަކުސައިގެ ކާނާއަކަށްވެގެން ހިގައިދާނެއެވެ. ގެއްލި ނުދާނީ ފުރާނައެވެ. އަގުހުރި އެއްޗަކީ އެއީއެވެ.

"ބާއްޖަވެރި ދިރިއުޅުމަކަށް އެދެން....." ގާވެ ބުދެއްހެން ދެލޯ ކަރުނުން ފުރާލައިގެން ހުރި މެހެރީނާގެ އަތުގައި ހިފާލުމަށްފަހު މޯނީ އެނބުރި ބަލާވެސް ނުލާ އަވަސްފިޔަވަޅުތަކެއްގައި ގޮސް ގޯޅިއެޅީއެވެ. އެފަހުން މެހެރީނާ ކިތަންމެވަރަކަށްވެސް އުމޭރު ހޯދަން މާލޭގެ މަގުތަކުގައި ދުއްވިއެވެ. ނަމަވެސް އުމޭރު ނޫނީ މޯނީގެ ހިލަމެއްވެސް ނުވިއެވެ. އެމީހުން ރަށަށްދިޔައީކަން ނޭގެއެވެ. އުމޭރު އުމުރަށް ލޯމަތިން ގެއްލިގެން ދިޔައީއެވެ. މެހެރީނާގެ ހިތް ހިފައިގެންނެވެ. ހުރިހާ އެންމެންގެ މާފު ލިބި ހަމަޖެހިގެން ދިރިއުޅެންވީ ދުވަހުވެސް މެހެރީނާއަށް އުފަލެއްނުލިބުނެވެ. އެހިތުގައި އެހާ ބޮޑު ހުސްކަމެއްވިއެވެ. މެހެރިނާގެ ހިތުގެ ރާޖާވަނީ އޭނަގެ ހަޔާތަށް އިރުކޮޅަކަށް އައުމަށްފަހު އަބަދުގެ އަބަދަށްޓަކާ ވަކިވެގެންގޮސްފައެވެ.

ވިޝާމްއާއި މާއިޒް އެކީގައި ހޮސްޕިޓަލުން ނުކުމެގެން އައުމަށްފަހު ވިޝާމް ކާރަށް އެރިއެވެ.

"މާޒް. އަހަންނަށް ކަމެއްކޮށްދީބަލަ. މިސިޓީ ސަލްވާ އަތަށް ދީފާނަންތަ؟ އެހެން މީހަކަށް ނުދައްކާ. ސިއްރުން...." ވިޝާމް ހުރީ ވަރަށް ހަމަޖެހިލާފައެވެ.

"އޯ ގޯޑް. ގިވްއަޕް ނުކުރާނީތަ؟ " މާއިޒް ބޮލުގައި އަތުން ޖަހައިލިއެވެ.

"މިއީ އެކަހަލަ ކަމެއްނޫނޭ. އަދި ފަހުން އެނގޭނެ. ސަލްވާގެ އަތުގައި އޮތް އަހަރެންގެ އެއްޗެއް ހޯދަންވެގެން...." ވިޝާމް ހީލަމުން ބުނެލިއެވެ. އެދެލޮލުގައިވާ ރިހުން މާއިޒްއަށް ފެނުނެވެ. ލޯބިވާ މީހާ ނުލިބުމަކީ އެންމެ ބޮޑު ވޭނެވެ. ވިޝާމް ވަރަށް ހިތްވަރުގަދައެވެ. ލޯބިވާ މީހާގެ އުފަލަށްޓަކާ އެމީހަކާއި ވަކިވެގަތުމަކީ ކޮންމެމީހަކަށް ކުރަން ފަސޭހަވާނެކަމެއްނޫނެވެ.

"ބްރޯ ބުނީމަ ގަބޫލުކުރަން ޖެހޭނީ...."

މާއިޒް އެސިޓީ ގެންގޮސް ސަލްވާއަތަށް ދިންއިރު ނަސީބަކުން ހައިކަލް ގެއަކު ނޫޅެއެވެ.

ސަލްވާ ކޮޓަރިއަށްވަދެފާ އެނދުގައި ހަމަޖެހިލުމަށްފަހު ސިޓީ ހުޅުވައިލިއިރު އެއީ ކާކުދިން އެއްޗެއްކަމެއްވެސް ނޭގުނެވެ. އޭގެ ތެރޭގައި އޮތީ ހުދުކުލައިގެ ގަނޑެއްގައި ރަތްއަކުރުން ލިޔެފައިވާ އެންމެ ޖުމްލައެކެވެ. ދެންއޮތީ ތީރެއް ކުރަހާފައިވާ ހިތެކެވެ. ހަލާކުވެ ލޭ ތިކިތަޅަމުންދާ ވިޝާމްގެ ހިތެވެ. ސަލްވާގެ ގައިން ހީބިހި ހަލުވައިލިއެވެ.

"ގިވް މީ މައި ހާޓް ބެކް" އިގިރޭސިން ވިޝާމް ލިޔެފައިވާ އެޖުމްލައިގެ މާނައަކީ "އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދީ"އެވެ. ވިޝާމް މިހާ ދުވަސްކޮށްފައި ހަމައެކަނި އެޖުމްލަ ލިޔެފައި އޭނައަށް ފޮނުވީ ކީއްވެބާވައޭ ހިތަށް އެރިއިރު އެ ސުވާލުގެ ޖަވާބު ލިބޭނެކަމަށް ސަލްވާ ހިޔެއްނުކުރެއެވެ. އެއީ ކީއްވެކަން އެނގުނީ ތަންކޮޅެއްފަހުންނެވެ. ވިޝާމް އެދިޔައީ އަސްލު އަބަދަށްޓަކާ ވަކިވުމުގެ ސަލާމްކޮށްފައި ސަލްވާގެ ހަޔާތާއި މާދުރަށެވެ. ހިޔަނިވެސް ނެޅޭހާ ހިސާބަކަށެވެ. ލޯބީގެ ނާކާމިޔާބުގެ ރަހަދެކުމަށްފަހު ކެތްނުވެގެން އެންމެފަހުން އެޅި ފިޔަވަޅަކީ އެއީއެވެ. ސަލްވާއާއި އެކަނިއެއްނޫނެވެ. އާއިލާ އެންމެނާއި ވަކިވެގެން ދިޔަތަނެއްވެސް އަންގާނުލައި އޭނަވެސް އަޒަލްފަދައިން ގެއްލުނީއެވެ. ވިޝާމްގެ ރީތި ހިނިތުންވުމާއި އެ އުދަގޫކުރުންތައްވެސް އަބަދަށްޓަކާ ވަކިވީއެވެ. އެއްވެސް ކަމެއް އަބަދަށްޓަކާ ދެމިއެއް ނޯންނާނެއެވެ. ސަލްވާ ރޯޒްމެހެލްއަށް ދިޔުމުން ވިޝާމްއާއި އަޒަލްގެ މަތިން ހަދާންވެއެވެ. ކޮންމެވެސް ދިމާލަކުން ވިޝާމް ނޫނީ އަޒަލް ހަމަ ފެނިލާފައި އެއްޗެކޭ ބުނެލަފާނެހެން ހީވެއެވެ.

ވިޝާމް ހިތް އަނބުރާދޭށޭ އެބުނީ އޭނައަށް އޭނަގެ ހިތާއި ނުލައި ދުނިޔޭގައި ނޫޅެވޭނެތީ ހެއްޔެވެ؟

ނޫނީ ހިތާއި ނުލައި ދިރިހުންނަން އުދަގޫވެ ހިތާމައިގެ ކަނޑަކަށް ގެނބި މާޔޫސްވުމުން ބާވައެވެ. އެގެނީ އެންމެ ކަމެކެވެ. ވިޝާމް އޭނަގެ މަންމައަށްވެސް ވަދާއުގެ ސަލާމްކޮށްފައި އެންމެނާއި ވަކިވެގެން ދިޔައީއެވެ.

ކޮންމެރެއަކު ޒެލް ނިންދަވާނީ ހައިކަލްވެސް އޮވެގެންނެވެ. މަންމައާއި ބައްޕަ ދެފަރާތުގައި ތިބެގެން ނިދާލުމަށްފަހު ދޭތެރެއަކުން ހޭލެވުނަސް ޒެލް އުޅޭނީ ގާތުން ބޯންވެގެންނެވެ. ބައެއްފަހަރު ރޯންފެށިޔަސް ހައިކަލް ކޮނޑުގައި ބާއްވާއިރަށް މަސަލަސްވެ ވަރަށް އަވަހަށް ނިދާފާނެއެވެ. ސީނިއަރ ނިއުރޯ ސާޖަންއެއްނެތި ނުކުރެވޭފަދަ އިމަޖެންސީ އޮޕަރޭޝަނަކަށް ދާންޖެހުމުން އެރޭ ހައިކަލް ދިޔައީ ދިހައެއް ޖަހާއެހާކަށް ހާއިރުއެވެ. ޒެލް ހޭލެވުނުގޮތަށް ރޯންފެށިއެވެ. ސަލްވާއުޅެ އުޅެ ޒެލް ރުއްސާލެވޭނެ ގޮތެއް ނުވިއެވެ. ހައިކަލް ހަދާހެން ކޮނޑަށްލައިގެން ދެކޮޅަށް ހިނގުމުން ޒެލްގެ ރުއިން ހައްތާ ބާރުވިއެވެ.

"ދަރިފުޅާ. ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟ " ސަލްވާ ހާސްވެ ރޮވޭގޮތްވިއެވެ.

ޒެލް ހުއްޓާލާ ގޮތެއް ނުވިއެވެ.

"ނުރޮއި މަންމި ސްވީޓްހާޓް. މަންމީ ކެން ބައި އެނީ ޓޯއި ޔޫ ވޯންޓް. ކޯންޗެއް ދަރިފުޅު ބޭނުމީ.....ބުނެބަލަ މަންމަ ކައިރީ......" ސަލްވާ ޒެލްގެ ކަރުނުން ތެމި ރަތްވެފައިވާ މޫނުކޮޅުގައި ބޮސްދިނެވެ.

"ޑެޑީ......" ޒެލް އެހެން ބުނިވަގުތު ހައިކަލްއަށްވެސް ކޮޓަރިއާއި އަރާހަމަވީއެވެ. ސަލްވާގެ ސުވާލަށް ޒެލް ދިން ޖަވާބުން ހައިކަލްއަށް ފުން އަސަރެއްކުރުވިއެވެ. ލޯބިވާ ދަރިފުޅު އެހާ ތުއްތުއިރުވެސް އޭނަ ނެތުމުގެ އަސަރުކޮށްފައިވާވަރެވެ. އަބަދުވެސް ހޭލެވިގެން އޭނަ އޮތްތޯ ބަލާފައި ޒެލް ހަމަޖެހިގެން ނިދާނެއެވެ. ޒެލް ރޯންފަށަނީ އަބަދުވެސް ހޭލެވޭގަޑީގައި ހައިކަލް ކޮޓަރީގައި ނެތިއްޔާއެވެ. މިރޭ އެހާވަރު ދައްކައިލީ ނުފެނި މާގިނައިރުވުމުން ދެވަނަފަހަރަށްވެސް ބައްޕަ އަބަދަށްޓަކާ ވަކިވެގެން ދިޔައީކަމުގައި ހީކުރެވިފައެވެ. ހައިކަލް ގޮސް ސަލްވާއާއި އެކު ޒެލް ގެނެސް އަތުތެރެއަށްލާފައި އެތުއްތު މޫނުގައި އެތައްފަހަރު ބޮސްދިންއިރު ހައިކަލްގެ ލޮލުގައިވެސް ކަރުނަ ވިދައިލިއެވެ.

"ސަލްވާ ބޭބީ. ތީ ކޮންކަމެއް؟ އަވަހަށް ހުއްޓާލާ. ޒެލް ރޯވަރަކަށް ސަލްވާ ރޮންޏާ ދެން ކިހިނެއްވާނީ. ބީ ސްޓްރޯން ބޭބީ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެންގެ ވައިފް އާއި ދަރިފުޅު ދޫކޮށެއްނުލާނަން......" ހައިކަލް ޒެލް ކޮނޑަށްލުމާއިއެކު ޒެލްގެ ރުއިމުގެ އަޑު ހުއްޓުނީ ހަމަ ކުއްލިއަކަށެވެ. އެތުއްތު ދެއަތުން ހައިކަލްގެ ކަނދުރާގައި ބައްދާލީ ބާރަށެވެ. ސަލްވާވެސް ހީލިއެވެ.

"ޒެލް މިވަރަށް ރޮނީ ކީއްވެކަން އެނގުނީ ޒެލް އެހެންބުނީމަ ކުރިން ހީކުރެވީ ބަލިވީކަމަށް. ބޮޑުކަމެއް ދިމާވީކަމަށް ހާދަ ބިރެއްގަތޭ. އެކަމަކު ދަރިފުޅު ޑެޑީ މަތިން މިސްވީ.........." ސަލްވާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ހިނިތުންވެލީ ޒެލްގެ މޫނުގައި ބޮސްދެމުންނެވެ.

ހައިކަލް ޒެލް މޭމަތީގައި ބާއްވައިގެން އެފަން އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ހައިކަލް ދަރިފުޅާއި ވާހަކަދެއްކީ އެހާ ލޯބިންނެވެ. ލޯބިވާ ވާހަކަ އެތައްފަހަރު ބުނުމުން ސަލްވާއަށް ބަލަން އިނދެވުނެވެ. ހައިކަލްއާއި ސަލްވާގެ ހަތަރުކަޅި ހަމަވުމާއިއެކު ދުރު ބަލައިލެވުނުއިރު އެ މޫނުމަތިން ހިތާމައިގެ ކުލަވަރު ހައިކަލްއަށް ފެނުނެވެ. އެ ލޮލުގައި ވި ޝަކުވާ ހައިކަލްއަށް ވިސްނުނެވެ. ހީކުރެވުނީ ރަގަޅަށްކަން ހައިކަލްއަށް ގާތްގަނޑަކަށް ޔަގީނެވެ. ސަލްވާއާއި ދޭތެރޭގައި ކިތަންމެ ރަގަޅަށް އޭނަ ކަންތައްކުރިޔަސް ސަލްވާދެކެ ލޯބިވާ ވާހަކަ އޭނަ ފަހަރެއްގައިވެސް ބުނެފައެއްނުވެއެވެ. އެކަމަކު ހައިކަލްގެ ކުދިންދެކެ ލޯބިވާވާހަކަ ކިތަންމެފަހަރަކު ހައިކަލްއަށް ބުނެވިފައިވާނެއެވެ. ސަލްވާގެ ޑައިރީގައި ކުރިން ކިތަންމެ ފަހަރަކު އެ ޝަކުވާކޮށްފައިވިއެވެ. ހައިކަލް ލޯބިވާކަން އަމަލުން ދެއްކިޔަސް ލޯބިވާކަމަށް ނުބުނަނީ ކީއްވެހެއްޔޭ ކިޔާފައި ސުވާލުކޮށްފައިވިއެވެ. އޭނަ ސީދާ ލޯބިވެޔޭ ނުބުނަންޏާ ހަމަ ސަލްވާއަށް ނޭގެނީހެއްޔެވެ؟

ޒެލް ނިދާ ހަރުވުމުން ސަލްވާ ކުރާކަމެއް ބަލައިލިއިރު އިނީ ފޯނުން ވީޑިއޯއެއް ބަލާށެވެ. އެއީ ޕެރިހުގައި ނަގާފައިވާ ކުޑަ ވީޑިއޯކޮޅެކެވެ. އެއްރޭ އަށެއްޖެހިއިރު އެމީހުން ޓަވަރު ބަލައިލަން ދިޔައިރު އެތަން ހުދާއި ރީދޫކުލައިން ވިދަމުން ދިޔައިރު ރީތިކަމުން ހައިރާންވާހާވަރުވިއެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓްވަންދެން ޓަވަރު އެގޮތަށް ހުދާއި ރަންކުލައިގެ ނީލަމުގެ އެތައް ހާސް ޖަވާހިރުތަކެއްހެން ވިދާ ބަބުޅާލާ މަންޒަރުތައް ދެކެން އެތައް ޓޫރިސްޓުންނެއް އެގަޑީގައި އެތަނަކަށް ޒިޔާރަތްކުރެއެވެ.

"މިތަނުގަޔޯ މާޒް އާޒްއަށް ޕްރޮޕޯސްކުރީ. ހައު ރޮމެންޓިކް. ވެޑިން ސްޕްރިންގްގައި ބޭއްވީމަ އަދި ހާދަ ރީތިވާނެއޭ. ވަން ތިން މޯ. ދޭ އާ ކަޒިންސްއެއްނު. އަސްލު މީހުން ވަރަށް ނުކުރާކަމެއް އެއީ. ބޭބެ ކޮއްކޮ ފީލްވާނެތީއޯ. ކަޒިންސްވެސް އުޅޭނީ އާއްމުކޮށް ވަރަށް ފެމިލީގޮތަށްވިއްޔަ..." ސަލްވާ ފޯނު އެނދުގެ ބޯލާކޮޅުގައި ބޭއްވިއެވެ.

"ރާއްޖޭގައި އާއްމުކަމެއްނޫން. އެކަމަކު އަހަރެމެން ޚާންދާނުގައި ކަޒިން މެރިޖް އާއްމުކަމެއް. ވީހާވެސް ދުރުން މެރީކުރީމަ ރަގަޅުކަމަށް ރިސާޗްތަކުންވެސް ދައްކަޔޯ. ގާތް މީހުން ކައިވެނިކުރީމަ ބާތު ޑިފެކްޓްސްތަކާއި ހެލްތު އިޝޫތައް ހުންނާނެޔޯ. އެމީހުންބުނާ ގޮތުން އެވެސް ނިސްބަތުން ކުޑަ މިންވަރެއް އެމައްސަލަތައް ޖެހެނީ. ވީއިރު އޭގެ މައްސަލައެއްނެތްތާ. ޑޮކްޓަރަކަށްވާއިރުވެސް ސައިންޓިސްޓުން ހޯދާ ކޮންމެ ކަމަކާއި އެއްބަހެއް ނުވެވޭ. ކަޒިން މެރިޖް އިސްލާމް ދީނުގައި ހުއްދަވެފައިވާއިރު އެކަން ހުއްދަކުރައްވާފައިވަނީ ހުރިހާ އިންސާނުން އެންމެ ރީތި ސިފައިގާ ޑިޒައިންކުރެއްވި އަދި ހުރިހާކަމެއް އެންމެ މޮޅަށް ދެންވޮޑިގެންވާ ފަރާތުން. ސޯ އެކަމާއި ދެކޮޅަށް އަޑުއުފުލަން އިންސާނުންނަކީ ކޮންބަޔެއް؟ ބައެއް ތަންތާ ކަޒިން މެރިޖް ހުއްދައެއްވެސް ނޫން. މި ފެމިލީގައި އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއްނުޖެހޭ. ނުކުޅެދޭކުއްޖެއްވެސް ނެތް. މާބޮޑު އަޚުލާގީ ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކެއްވެސް ނުފެނޭ. ގޯޑް ބްލެސްޑް އަސް ވިތު އެވްރީތިން. އެންޑް މާޒްއަކީ މީހަކަށް ލިބޭނެ އެންމެ ރަގަޅު ސަން އިން ލޯ. އައި ރެއިޒްޑް ހިމް އޭޒް މައި އޯން އެހެންވީމަ މާޒް އެންމެ ރަގަޅަށް އެނގޭނެ މީހަކީ އަހަރެން. އާޒް ހަވާލުކުރަން އެހާ ބޭނުންވާ އެހެން ފިރިހެނެއް މިދުނިޔެއަކު ނެތް. އެހެންމީހަކަށް އިތުބާރުނުކުރެވޭހާ ބޮޑަށް އިތުބާރުކުރެވޭ.................." ހައިކަލްގެ ވާހަކަތަކުން ސަލްވާ އުފާވިއެވެ.

"ސައިންޓިސްޓުންނަށް ކަންތައް އެނގުނެއްކަމަކު ދެއިރު ދެދަޅައަށް އެމީހުންގެ ވާހަކަ ބަދަލުކުރާ ފަހަރުވެސް އާދޭ. އާޒް އާއި މާޒް ކުރިން ހޭޓްކުރާހެންވެސް ހީވި "

"ހެހެ. ހޭޓް އިޒް ދަ ބިގިނިން އޮފް ލަވްއޭ ބުނަނީ އެހެންވެ. ވަރަށް ކުރިން ފެށިގެން އެދޭތެރޭގައި ތަފާތު ގުޅުމެއް އޮތީ. މަންމަގެ ބާތްޑޭ ރޭގައި އާޒް މާއިޒްއަކީ ބޭބެއެއްނޫންކަން އެންމެނަށް އަންގާދިން ހިސާބުންފެށިގެން އާޒްގެ ހިތް ކޮންމެވެސް ވަރަކަށް އެނގުނު. ކޮންމެވެސް ދުވަހަކުން އެދެކުދިން ގުޅޭނެކަން ޔަގީންވި. ފައިނަލީ ހީކުރިގޮތަށް އެވީ. ހޫމްމމް. ބޭބީ ދަމު ނަމާދަށް ތެދުވާންޖެހޭނެ ދޯ. އަރާމުކޮށް ނިދާލެވޭނީ އެންމެ ގޮތަކުން............" ހައިކަލް ގަޑި ބަލައިލާފައި ސަލްވާ ގަޔާއި ކައިރިކޮށްލީ ހިނިތުންވެލަމުންނެވެ.

މާއިޒްއާއި އާޒީންގެ ކައިވެނިކުރަން ނިންމީ ބަހާރުމޫސުމްގައި އެމެރިކާގައެވެ. މާއިޒްވެސް އެތަނުން އިތުރަށް ކިޔަވަންވެގެން ދިރިއުޅުން އެމެރިކާއަށް އެއްކޮށް ބަދަލުކުރަން ހައިކަލްވެސް ނިންމުމާއި ގުޅިގެން އެކަމާއި އާޒީންވެސް އުފާކުރިއެވެ. އެއީ އާޒީންގެ ކުޑައިރުގެ ހަދާންތައް ގުޅިފައިވާ އުފަން ބިމެވެ. ސަލްވާއަށް ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ. އާ ރީތި ގެއަކަށް ބަދަލުވެ ދިރިއުޅުން ފުރިހަމަވުމަށްފަހު އަނެއްކާ ޕެކްކުރަންޖެހުނީއެވެ. މާލެ ދޫކޮށްލާފައި ދާން ސަލްވާއަށް ފަސޭހަ ނުވިކަމުގައިވިޔަސް ހައިކަލްގެ އެއްވެސް ނިންމުމަކަށް ނޫނެކޭ ބުނާކަށް ސަލްވާ މިހާރު ނެތެވެ. އޭނަގެ ދިރިއުޅުން ބައްޓަންކުރާނެ ގޮތް އޭނައަށްވުރެ ރަގަޅަށް ހައިކަލްއަށް ވިސްނޭނެއެވެ. ޕެކްކުރުމުގެ ތެރޭގައި ވިޝާމް ފޮނުވާފައިވާ ސިޓީވެސް ފޮތެއްގެ ތެރެއަށް ލެވުނެވެ.

ޗެރީ ބްލޮސޮމްގެ ގަސްތަކުގައި މާ އަޅާ ބަރާވެފައިވާއިރު އެސަރަހައްދުގައި މާއިޒްއާއި އާޒީންގެ ކައިވެނީގެ ޕާޓީ ބޭއްވުނެވެ. މުޅިންވެސް ގުދުރަތީ ރީތިކަން ފެންނަ ހިތްގައިމު މާހައުލެކެވެ. މާއިޒްއާއި އާޒީންގެ ކައިވެނި ކުރެވުމަށްފަހު ދެކުދިން އަތު ގުޅުވައިލަމުން އެކަކު އަނެކަކަށް ބަލައިލި ނަޒަރުގައިވީ ފުން ލޯތްބެވެ. އެމަންޒަރު ފެނުމުން ބުނަންނޭގޭފަދަ ހިތްހަމަޖެހުމެއް ލިބުނުއިރު ހައިކަލްގެ ހިތުގައި ރިހުމެއް ހިގައިލިއެވެ. އަޒަލްއަށްވެސް މިފަދަ އުފަލެއް ހޯދައި ދެވުނުނަމައެވެ.

ރޯޒްލީންއާއި މެހެރީނާ ކައިރީގައި ހުރި ދެގޮނޑީގައި އިށީދެލައިގެން ތިބިއިރު ދެބެން ތިބީ ސިއްރު ވާހަކައެއްގައެވެ. ރޯޒްލީން މެހެރިނާ ކައިރިން މާފަށް އެދުނެވެ. އަރީންއާއި ގުޅިގެން އުޅެވުނުކަމަށްޓަކައެވެ. އެހެން އުޅެމުން އޭނައަށް ލަނޑެއް ނުލިބުނީ ހަމަކިރިޔާއެވެ. އަރީންގެ ޖާދޫގައި ޖެހިގެން މަގު އޮޅިގެން ދިޔަނަމަ މިއަދު ފާގިޔާފަދައިން އޭނަވެސް ނަހަލާލުދަރިއަކު ވިހާނެއެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ ބައްޕައަކީ ސިކިއުރިޓީގާޑަކަށް ވިޔަސް ހަލާލުގޮތުގައި ދުނިޔެއަށް އައިކަމަށްޓަކާ އޭނަ ފަޚުރުވެރިވެއެވެ.

އަރީންފަދަ "ޕްލޭބޯއި" އެއްގެ އެފަދަ ކިތައް ނަހަލާލު ދަރިންނެއް ތިބޭނެހެއްޔެވެ؟ ދާލިޔާއާއި ކައިވެނިކުރާ މީހަކުވެސް ޖެހޭނީ ޑީއެންއޭ ޓެސްޓަހަދާށެވެ. އިސްލާމީ އުސޫލުތަކުގެ ރީތިކަން ވިސްނި ހިތަށް އަސަރުކުރި ވަގުތުކޮޅަކަށް އެވަގުތުވިއެވެ. އޭނަ ދާލިޔާ ބޮޑުކުރާނީ ސަލްވާފަދަ ރަގަޅު އަންހެންކުއްޖެއްގެ ގޮތުގައެވެ. ހަމައެކަނި ހަލާލު ފިރިމިހާއާއި ނޫން އެހެން މީހަކާއި ގުޅުމެއް ނުބާއްވާފަދަ ގޮތަކަށް އޭނަ ދާލިޔާ ގެންގުޅެން އެވަގުތު އަޒުމް ކަނޑައެޅިއެވެ.

"އެތައް އަހަރެއްވާންދެން ސިހުރުގެ ޝިކާރައަކަށްވެ ހިތްދަތި ދިރިއުޅުމަކަށްފަހު ރޯޒްއަށްވެސް އުފަލެއް ލިބެންވާނެ. ލައިފް ޕާޓްނާއެއް ހުރުމަކީ މުހިއްމުކަމެއް. ރޯޒް އެމެރިކަން ބިޒްނަސްމޭންއަކާއި މެރީކުރަން އުޅޭ ކަމީ މިއިން ޒަމާނެއްގައި ލިބުނު އެންމެ އުފާވެރި ޚަބަރު. ޓެލް މީ މޯ އެބައުޓް ހިމް.......ދެން އޮންނާނީ ރޯޒްގެ ޕާޓީ؟ " މެހެރީނާގެ ހިތުގައި އެކި ޚިޔާލުތައް ވަކިއަޅަންފެށުމުން އޭނަ އެހެން ދިމާލަކަށް ވާހަކަ ގެންދިޔައެވެ. ރައުދާވެސް ކޮކްޓެއިލް ތަށްޓެއް ހިފައިގެން އައިސް އެދެމީހުން ކައިރީ އިށީންއިރު އެމޫނުމަތިން ހިތާމައިގެ ކުލަވަރު ފެންނާން ހުއްޓެވެ. އޭނަގެ ފޮނިކަމާއި ބޮޑާކަންވެސް ދިޔަތަނެއްނޭގެއެވެ. ދެން ދުވަހަކުވެސް އޭނައަށް ހައިކަލް ނުލިބޭނެކަން މިހާރު ޔަގީންވެ ނާކާމިޔާބުގެ ހިތިރަހަ ރައުދާގެ އަރުތެރޭގައި ލައިފިއެވެ. އަލުން ހައިކަލްއާއިއެކު ހަޔާތެއް ފެށުމަކީ ކުލައެއް ނުޖެހޭނެ ހުވަފެނެކެވެ. އޭނަވަނީ އޭނަގެ ދެއަތުން އޭނަގެ ނަސީބުގައި ހުޅުޖަހާފައެވެ. އެހެންމީހެއްދެކެ ދެން ލޯބިވެސް ނުވެވޭނެއެވެ. އެއަށްވުރެ މާބޮޑަށް އެހިތުގައި ހައިކަލްގެ ލޯބި އުފެދިއްޖެއެވެ. ނަމަވެސް އޭނައަށް ޖެހުނީ އެލޯބި ހިތުގެ އެންމެ ފުންމިނުގައި ރައްކާކޮށްފައި ބާއްވާށެވެ.

އެ ޚާންދާނަކީ ޑޮކްޓަރުން ގިނަކަމަށް އެންމެ މަޝްހޫރު ޚާންދާނެވެ. މާއިޒްއާއި އާޒީންގެ ކައިވެނީގެ ހަފްލާގައި އެ ޚާންދާނުގެ މަޝްހޫރު އެތައް ޑޮކްޓަރުންނާއި އަންހެނުން ބައިވެރިވިއެވެ. ޑޮކްޓަރ ރިވާއު ނާދާން، ފައިޒަން ރިދާ، ދާނިޝް އަލީޒާ، ޒެވިޔަން އަލީނާ، ދާނިޔަލް އިރާ، ރަފާއިލް މިޝެލިން ފަދަ ގުޅޭ ރީތި ޖޯޑުތައް އެހާ ލޯބިން އުޅޭއިރު ދެކޭމީހުން އާޝޯޚުވާވަރުވެއެވެ. އަދި ހުސްހަށިބައި ޒުވާނުންނަށްވެސް އަންހެންކުދިންގެ ލޯތައް ހުއްޓުނެވެ. އުފާވެރި މާހައުލެއްގައި ޕާޓީގެ ކަންތައް ގޮސް ނިމުމުން ފޮޓޯ ސެޝަނެއްއޮތެވެ. ހައިކަލްއާއި ސަލްވާ ގެއަށް އައިއިރު ހައިކަލް ހުރީ ކޮންމެވެސް ކަމަކާ ދެރަވެފައިކަން ސަލްވާއަށް ވިސްނައިގަނެވުނެވެ. ސޯފާގައި ސަލްވާ ޖައްސައިލީ ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުންނެވެ. ހައިކަލް ސަލްވާގެ އުނގުގައި ބޯ އަޅާލިއެވެ. ހައިކަލް ނިތްކުރީގައި އަތްއެޅިގޮތުން ދެލޯވެސް ފޮރުވުނެވެ. ބޮޑުހިތާމައެއްގައި ވާ މީހެއްފަދައެވެ. މިހާ އުފާވެރި ރެއެއްގައި ހައިކަލްއަށް މިވީ ކިހިނެއްހެއްޔެވެ؟

"ވަޓް އިޒް އިޓް ހަބީބީ؟ " ސަލްވާ ހައިކަލްގެ އަތްމަތީގައި އަތްތިލަ ބޭއްވިއެވެ.

"ކީކޭ ބުނާނީ. މިއަދަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސް އެކަމަކު އެހާ ހިތަށް ތަދުވެއްޖެ. އަޒަލްއާއި މިޝަލްއާއި ނުލާ މިފަދަ އުފަލެއް ހޯދަންވީމަ ކުއްލިއަކަށް ދެރަވީ. ހިތުގެ މައްޗަށް ބާރު ނުފޯރުވުނީ. ސަލްވާ ބޭބީ ހިތަކަށްވެސް ނާރާނެ. އަހަރެން އެހެންމީހުންނަށްޓަކާ ހީހީ ހުރިއިރުވެސް އަޒަލްމަތިން ހަދާންނުވާ އެންމެ ދުވަހެއް ވަގުތެއްވެސް ނުވޭ. އަޒަލް ދިޔައީ ހިތުން ބަޔެއްހިފައިގެން. މިހިތަށް ކުރާ އަސަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް. އޭރު ނޭގުނު ކުރިއަށްދާންވީ ގޮތެއް. ލޯބިވާމީހުންނަށްޓަކާ ނޭވާ ލީ. އެހެން ހުއްޓާ ސަލްވާ ދިރިއުޅުމަށް އައީ. ނަމަވެސް މިރޭ މާ ބޮޑަށް އަޒަލް މަތިން ހަދާންވެއްޖެ..........." ހައިކަލް އެއްދިމާލަކަށް ބަލަހައްޓައިގެން އޮވެ ވާހަކަދެއްކިއެވެ. އަދި އެރީތި ދެލޮލުން އޮހުނު ކަރުނަތިކިތައް ސަލްވާގެ ހިތަށް ބުނަންނޭގޭފަދަ އަސަރުތަކެއް ކޮށްފިއެވެ. ސަލްވާ އެދެލޮލުގައި ބޮސްދިނެވެ. ހައިކަލް ތެދުވެ އިށީނީ ސަލްވާއާއި ޖެހި ފިތިގެންނެވެ. އޭރު ސަލްވާގެ މޫނުވަނީ ފިނީގެ ސަބަބުން ރަތްވެފައެވެ. އެހެންނޫނަސް ހައިކަލްގެ އެ ކަނޑީގެ މިޔަފަދަ ތޫނު ދެލޮލުން ބަލައިލާގޮތަކުންވެސް ސަލްވާގެ މޫނު ރަތްކޮށްލާވަރުވެއެވެ.

"ޒެލް އެކަމަކު އެންމެފަހު ވަގުތުގައިވެސް ބުނި ބީ ސްޓްރޯންގް ޑޭޑްއޭ...." ހައިކަލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. ސަލްވާގެ ކޮލުގައި ހިފާލަމުން ހައިކަލް އެއަތްތިލަ އަތުތެރެއަށްލިއެވެ. އުނގުގައި ބާއްވާލައިގެން އިންއިރު ހައިކަލްގެ ނަޒަރު ސަލްވާގެ މޫނަކުން ނުނެއްޓެއެވެ. ހަގީގަތުގައި ސަލްވާއަކީ އޭނަގެ ހިތްވަރެވެ. ދެކުދިން ވަކިވުމުގެ ހިތާމަ އެންމެ ލުއިވަނީ ސަލްވާ ހުރުމުންނެވެ.

"ހައިކަލް އެދުވަހު ހޮސްޕިޓަލުގައި ކިހާ އިންސްޕަޔަރިން އިސްލާމިކް ސްޕީޗެއްދިނީ. އަދިވެސް އެވާހަކަކޮޅު ހިތުގައި ފޮރުވިފައިވޭ. މިއީ ހަމަ އަސްލުވެސް ވަގުތީތަނެއް. ރިއަލް ޕާމަނެންޓް ހޯމްވަނީ ސުވަރުގޭގައި. މިއަށްވުރެ މާ ރީތި އުފާވެރި ތަނެއްގައި އެންމެން ބައްދަލުވެ ދުވަހަކު ވަކިވުމެއްނެތި އިރާދަކުރެއްވިއްޔާ އުޅޭނީ. މިހާރު ލޯބިވާމީހުންނަށްޓަކާ ލޯތްބާއި އަޅާލުން ދެވޭނެ އެންމެ ބޮޑަށް އަބަދުދިނީމަ އެއީ ލޯބިވާމީހުންނަށްޓަކާ ކޮށްދެވޭނެ ކަމަކީ. އަދި ގިނަވަގުތު ދިނުން. ޔޫ އާ ދަ ބެސްޓް ހަޒްބެންޑް ފާދަރ އެންޑް ސަން އެނީ ވަން ކެން އެވަ ހޭވް.............." ސަލްވާ ހައިކަލްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ހައިކަލް ސަލްވާ އަތްދަނޑިމައްޗަށް ލައިގެންގޮސް ބޭންދީ ހުޅުވާލެވިފައިވާ ކުޑަދޮރުގެ ދާރައިގެމަތީގައެވެ. އެހިސާބުގައި މާމެލާމެލީގެ ގަސްތައް އިންދާފައިވާއިރު ރީތިކަމުންނާއި ފިނިވައިރޯޅިތައް ޖެހޭވަރުން ފުރާނަ ތާޒާކުރުވާހާވެއެވެ. ކާނޭޝަން ލެވެންޑާ ލައިލަކް ފަދަ މާމެލާމެލީގެ މީރުވަސް އެކަންޏެއްނޫނެވެ. އާފަލުގަހުގައި ބަރާވެފައިވާ މާތަކުގެ މީރުވަސްވެސް ޖައްވުގައި ހިފާލާފައިވިއެވެ. ޗެރީ ބްލޮސޮމްގެ ގަހުގެ އޮފިގަނޑެއް އެދިމާލަށް ލެނބިފައިވާއިރު މާތައް ސަލްވާގެ ބުރަކަށީގައި ބޮސްދޭފަދައެވެ.

"ގަލްބީ. އަހަންނަށްވެސް ހަމަ ތިހެން ބުނެވިދާނެ ދޯ ބޭބީ ގާލް. އަހަންނަށް ދިރިހުންނަން ދަސްކޮށްދިން އަންހެންކުއްޖަކީ ތިއީ. ގެއްލިފައިވާ އިތުބާރު އަލުން ހޯދަދިން ކުއްޖަކީ ތިއީ. ސަލްވާ ނުވާނަމަ އަހަންނަށް ކޮން އުފަލެއް ހިތްހަމަޖެހުމެއް އޮތީ؟ އަންހެނެއްގެ ފަރާތުން ހަގީގީ އުފަލެއް ލޯތްބެއް ނުލިބި ބާކީވެފައި ހުންނަން ޖެހުނީސް. އިޝްގީ ލޯތްބަކީ ކޯންޗެއްކަމެއްވެސް ކުރިއަކުން ނޭގޭ. ހައްތަހާވެސް އިވެނީ އެކުވެރިން އެކަހަލަ ވާހަކަދައްކާ އަޑު. ހީކުރީ އެއީ ހަމަ ފުލޯކުކަމެއް. ސަލްވާ އައުމުން އެނގުނީ ލޯތްބަކީ ލެއްވި އެއްޗެއްކަން. އެއީ ކިހާވަރުގަދަ ޖަޒުބާތެއްކަން. ލޯތްބަށްޓަކާ ރަސްކަލުން ތަޚުތާއި ތާޖުދޫކޮށްލާފައި ދަނީ ކީއްވެކަން ވިސްނުނީ. ތިއީ ހަމަ މާތް ﷲ ލެއްވި ރަހުމަތެއް. އަހަރެންގެ ދެދުނިޔެވެސް ބަދަލުކޮށްލީ ތި އަންހެންކުއްޖާ. ހުސްވެފައިވާ ހިތް ލޯބިން ފުރާލަދީ ބުނަންނޭގޭފަދަ އުފާވެރިކަން ގެނެސްދިން. ކިހިނެއް އެކަމުގެ ބަދަލުދޭނީ. ލޯބީގެ މައްޗަށް ލޯބިދިނަސް އެކަމެއްނުވާނެ. ޑޯންޓް ބީ ސްޓުޕިޑް އިނގޭ ބޭބީ. ހައިކަލް ލޯތްބެއް ނުވެއޭ. ހައިކަލް ނޫޅެއޭ ސަލްވާއާއި ހެދި. ހާދަ މޮޔައޭ ދޯ. ސިއްރުން ޑައިރީގައި ޝަކުވާކުރީމަ އެނިމުނީ ދޯ. ބޭބީ ބުނެބަލަ އަހަރެން ދުލުން ލޯބިވަމޭ ނުބުނަންޏާ ލޯބިނުވާކަމުގައި ވަނީތަ؟ އަބަދާއަބަދު ތިދެލޮލުން މަށަށް ފެންނަ ޝަކުވާއަކީ އެއީތަ؟ އަހަރެންގެ ފުރާނަޔާ. އަހަރެން ލޯބިވޭ. ވަރަށް ވަރަށް ވަރަށް ލޯބިވޭ. ތީ އަހަރެންގެ ފުރާނަ ހިތް ދިރިހުރުން އަދި ހިތުގެ މަލަކާ. އަހަރެންގެ ކާއިނާތަށް އަލިކޮށްލި ހަނދު. ހަނދުގެ ރީތިކަންވެސް ފަނޑުކޮށްލި މި ރީތި ރީތި ސަލްވާ. ލަވް ޔޫ. ލަވް ޔޫ ސޯމަޗް.....ކިތައްފަހަރު މިހެން ބުނާނީ؟ ބޭނުން އަދަދަކަށް ބުނެފާނަން. މިލިއަން ފަހަރުވެސް ލޯބިވޭ...ނައު ހެޕީ؟" ހައިކަލް ސަލްވާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކި އިރު އެއަޑުގައިވި އިޝްގީކަން ސަލްވާގެ ގައިން ހީބހިހަލުވައިލިގޮތަށް ހިތާއި ކުޅެލިއެވެ. ހިތް ލޯބުން ފުރުނުއިރު އުފާވެރިކަން ސަލްވާގެ ދެލޮލުން ކަރުނައިގެ މުތީތައް ނިރާލައިފިއެވެ.

"ލަވް ޔޫ މޯ ހަބީބީ....." ސަލްވައަށް ދެލޯ މަރައިލެވުނީ ހައިކަލްގެ ފަރާތުން ލިބުނު ހަދިޔާތަކުން ލިބުނު އަރާމެއްގެ ބޮޑުކަމުންނެވެ. އެއިން ކޮންމެފަހަރަކު ސަލްވާ ހެއްދެވިފަރާތަށް ހަމްދުކުރެއެވެ. މިހާ ލޯބިވާ ފިރިޔަކު ލިބުނުކަމީ ނަސީބެކެވެ.

ހައިކަލްއާއި ސަލްވާ ދުންއަރަ އަރާ ހުރި ކޮފީ ބޯން ޗެރީ ގަސްދޮށުގައި ހުރި ބެންޗެއްގައި ޖައްސައިލިއެވެ. ޒެލްއާއި ދާލިޔާ އެމެރަލްޑް ފެހި ދޫލައެއްހެން ލޮލުކޮޅަށް ފެތުރިފައިވާ ރީތި ވިނަގަނޑުމަތީގައި ކުޅެންތިބި މަންޒަރުންވެސް ހިތް އުފާވާނެއެވެ. ދެކުދިން ބައެއްފަހަރު ތޮޅެލާ އެކަކު އަނެކަކަށް ކުދި އަނިޔާވެސް ކޮށްލަފައި އިރުކޮޅަކުން ރައްޓެހިވާނެއެވެ. މަޖާ ކަންތައް ކޮށް ތުއްތު ބަހުރުވައިން ވާހަކަދައްކަ ދައްކާފައި އަދި ބައްދާލާފައި ދޮނެއްވެސް ދީފާނެއެވެ. ޚާއްސަކޮށް ދާލިޔާ އެކަހަލަ ކަންތައްކުރުމުން ޒެލް ރުޅިއައިސްގެން ތުންކޮޅު ފޮހެލާނެއެވެ. ދާލިޔާ ލޯ އަޅައިލާނެއެވެ. ކުޑަކުދިންގެ ހިތުގައިވެސް ލޯބިލައްވާފައިވެއެވެ. ނަމަވެސް މައުސޫމްކޮށެވެ. ބޮޑުވެ ފުރާފުރިހަމަވަމުން ދާވަރަކަށް އެހެން ޖަޒުބާތުތައްފަދައިން އެބައިވެސް ގަދަވަނީއެވެ. އެންމެ އަޖައިބުވާ ތަންކޮޅަކީ އެދެކުދިންވެސް ވިޝާމްގެ މަތިން ހަދާންކޮށްފައި ވިޝާމްގެ ވާހަކަ ދެއްކިކަމެވެ.

ކޮޓަރިއަށް ވަދެފާ ހައިކަލް ފޮތުގެ ތެރެއިން ފެނުނުސިޓީ އުރައެއް ނަގާފައި ދައްކައިލިއެވެ. ބުމަ އަރުވައިލުމުން ސަލްވާ ކުޑަކޮށް ހީލިއެވެ. ދެން ދުވަހަކުވެސް ހައިކަލްއަށް ނާންގާ ސިއްރެއް ނުބާއްވަން ސަލްވާ ނިންމިއެވެ. އެއީ ވިޝާމް މާއިޒްއަތަށް ދީފައި ފޮނުވި ވަދާއީ ސިޓީކަމުގައި ސަލްވާ ބުނުމުން ހައިކަލް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ގިވް މީ މައި ހާޓް ބެކް...." ވަރަށް އަސަރުހުރި ޖުމްލައެކެވެ. ވިޝާމްގެ ހިތަށް އަނިޔާވެފައިވާވަރު އެޖުމްލަ ހެކިދީފިއެވެ. ނަމަވެސް ސަލްވާ ވިޝާމްގެ ހިތް އަނބުރާނުދީ ކުރާނެކަމެއްނެތެވެ. ސަލްވާއަކީ އެހެންމީހެއްގެ ހައްގެކެވެ. ސަލްވާ ލޯބިވަނީ ހަމައެކަނި ފިރިމީހާދެކެއެވެ. ސަލްވާ އުއްމީދުކުރަނީ ވިޝާމްގެ ހިތުން އޭނަގެ ނަން ފޮހެވި އެހިތުގައި އެހެން އަންހެންކުއްޖަކު ރަނިކަން ކުރާނެ ދުވަހަކަށެވެ. ވިޝާމް ދުނިޔޭގެ ކޮންމެތަނެއްގައި ހުއްޓަސް އޭނަގެ ހެޔޮ ދުޢާތައް ވިޝާމްއާއިއެކުވެއެވެ. އޭނަދެކެ ތެދުވެރި ލޯތްބެއްވި ވިޝާމްއަށް އުފާވެރި ހަޔާތެއް ލިބުމަށް އޭނަ އަބަދުވެސް އެދޭނެއެވެ. އަދި ސަލްވާގެ ހިތުން ވިޝާމްއަދި އަޒަލްގެ ނަންވެސް ފިލައިގެނެއް ނުދާނެއެވެ. ޒެލް ދޭތެރެއަކުން ވިޝާމް ކޮބާހެއްޔޭ ކިޔާފައި ސުވާލުކުރާއިރަށް ސަލްވާ އެހަދާންކުރަން މަޖުބޫރުވެދެއެވެ. ޒެލްގެ މައުސޫމް ހިތުން ވިޝާމް ނުފިލާއިރު ސަލްވާ އަދި ހައިކަލްއަށްވެސް ވިޝާމް މަތިން ހަދާން ނައްތައެއްނުލެވޭނެއެވެ. ނަމަވެސް މިހާރު ސަލްވާއަށްވަނީ އޭނަ ދުވަހަކު ހީނުކުރާ ތަސައްވަރު ނުކުރެވޭވަރުގެ ހުވަފެނީ ދިރިއުޅުމެއް ލިބިފައެވެ. އެންމެ ލޯބިވާ ފިރިމީހާއާއި ދަރިފުޅާއިއެކު އޭނަ އުޅެނީ ދުނިޔެމަތީގެ ސުވަރުގެކަމުގައި ސިފަކުރެވޭފަދަ އަރާމުތަނެއްގައެވެ. ރަގަޅަށް އުޅޭ އަޅުތަކުންނަށް ދުނިޔޭގައިވެސް ނަސީބު ލައްވައޭ ބުނާ ސަބަބަކީ އެއީއެވެ. ހައިކަލްއާއި ސަލްވާގެ ކޮންމެ ދުވަހެއް ހޭދަވެގެންދަނީ ހެއްދެވިފަރާތަށް ހަމްދާއި ޝުކުރުކުރާ ހާލުގައި ދެދުނިޔެ ހޯދަން މަސައްކަތްކުރަމުންނެވެ. އެދެމަފިރިންގެ ދޭތެރޭގައިވާ ލޯބީގެ ގުޅުން ދުވަހެއް ދުވަހަކަށް ފުންވެ އުފާވެރިކަން އިތުރުވެ އަބަދަށްޓަކާ އެކީގައި ހަޔާތުގެ ދަތުރުފެށިއެވެ.

ނިމުނީ

infinity loading...
×
DB released 01.