ބަރިސްޓާގެ ބެސްޓް އިންޓަނޭޝަނަލް ފްރެންޗައިޒް ޕާޓްނަރަކަށް ބަރިސްޓާ މޯލްޑިސް!

ބަރިސްޓާ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ވަދީފް ހަސަން ސައީދު  "ބެސްޓް އިންޓަނޭޝަނަލް ފްރެންޗައިޒް ޕާޓްނަރ 2017" އެވޯޑާ ހަވާލުވަނީ -- ސަން ފޮޓޯ/ ބަރިސްޓާ

ދެކުނު އޭޝިއާގެ މަޝްހޫރު ކޮފީ ފްރެންޗައިޒެއް ކަމަށްވާ ބަރިސްޓާ ކޮފީ އިންޑިއާ ލިމެޓެޑްގެ "ބެސްޓް އިންޓަނޭޝަނަލް ފްރެންޗައިޒް ޕާޓްނަރ 2017" އެވޯޑް ބަރިސްޓާ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.

މީގެ ހަ މަސްކުރީން ރާއްޖޭގައި ޚިދުމަތް ދޭންފެށި، ބަރިސްޓާ މޯލްޑިވްސްއަށް މި އެވޯޑް ލިބިފައި ވަނީ، އަވައްޓެރި ސްރީލަންކާ، ނޭޕާލް، ބަނގުލަދޭޝް އަދި މިޔަންމާ ފަދަ ގައުމުތަކުގެ ބަރިސްޓާ ފްރެންޗައިޒްތައް ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

ބެސްޓް ފްރެންޗައިޒް ޕާޓްނަރ އެވޯޑް ދިނުމަށް ބަރިސްޓާ އިންޑިއާ ޕްރައިވެޓް ލިމިޓެޑުން ބަލާފައި ވަނީ، ބްރޭންޑްގެ ފެންވަރު ހިފެހެއްޓުމާއި ކަސްޓަމަރުންނާ މުއާމަލާތްކުރުމާއި، މާކެޓް ކުރުމާއި އަދި ޚިދުމަތުގެ ފެންވަރަށެވެ.

މިއީ ރާއްޖޭގައި މިފަދަ ބައިނަލްއަގްވާމީ ފްރެންޗައިޒަކަށް މިފަދަ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަރިސްޓާ މޯލްޑިވަސްއަށް އެވޯޑް ހަވާލުކޮށްފައި ވަނީ، ނިއުދިއްލީގައި ބޭއްވި، ބަރިސްޓާގެ 2017 ވަނަ އަހަރުގެ އަހަރީ އެވޯޑް ހަފްލާގައެވެ. ބަރިސްޓާ މޯލްޑިވްސްގެ ފަރާތުން އެވޯޑާ ހަވާލުވީ، ބަރިސްޓާ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ވަދީފް ހަސަން ސައީދެވެ.

ބަރިސްޓާ އަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް މަގުބޫލް ކޮފީ ބްރޭންޑެކެވެ. އަދި މީގެ ކުރީން ވެސް އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ އަދި އެތަނުގައި ދިރިއުޅޭ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ.

"ބަރިސްޓާއަކީ ކަސްޓަމަރުންނަށް ޚާއްސަ ބްރޭންޑެއް. އަޅުގަނޑުމެން ޔަގީންކަން އަރުވަން، ކަސްޓަމަރުން ބޭނުންވާ ގޮތަށް އަޅުގަނޑުމެންގެ ކާތަކެއްޗާއި ބުއިންތައް، ތައްޔާރުކޮށްދޭނޭކަން،" ވަދީފް ވިދާޅުވިއެވެ.

ބަރިސްޓާއިން ވަނީ މި ހަފްތާތެރޭގައި މުޅިން އާ މެނޫތަކެއް ވެސް ތައާރަފްކޮށްފައެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވެހުގެ ތެރޭގައި ބަސްޓާ ލޯޔަލިޓީ ކާޑް ތައާރަފްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް