ފެންނަން ހުރީ ދުރު ދުރުގައި އަތުރާފައި ހުރި މޭޒު ތަކެކެވެ. ކޮންމެ މޭޒެއްގެ ވެސް ސުފުރާމަތި ވަރަށް ވެސް ތިޔާތްގެވެ. ކުޅުދިޔާ ކޮށްލާހާ ގިނަ ވައްތަރުގެ ކާ އެއްޗެހިންނާއި ކަރު ތެންމާލަން ރަނގަޅު ބުއިންތަކުންނެވެ. އެންމެ މަތީ ތަރިތަކުގެ ރެސްޓޯރެންޓެކޭ ތަފާތެއް ނެވެ. މޭޒުމަތީގެ ޒީނަތްތެރިކަމާ އެތުރުން ގަޑުވެސް ހަމަ މޮޅީއެވެ.
ސިފަކޮށް މިދިނީ ރަސްމީ ހަފްލާއަކަށް ތައްޔާރު ކޮށްފައި ހުރި ޖާފަތެއް ނޫނެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ޕްރައިމަރީ ސްކޫލު، އިސްކަންދަރު ސްކޫލުގައި ކުރިއަށްގެންދިޔަ ކެއްކުމުގެ މުބާރާތެއްގައި ތައްޔާރު ކުރިހާ ކާ އެއްޗެހީގެ ވާހަކައާއި އިންސާފު ކޮށްފައިހުރިލެއް މޮޅުކަމުގެ ވާހަކައެވެ.

އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ "ޓީޗާސް ކަލިނަރީ ޗެލެންޖު"ގައި ތައްޔާރުކުރި ބައެއް ކާއެއްޗެހި --- ފޮޓޯ/ އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް
އިސްކަންދަރު ޓީޗާސް ކަލިނަރީ ޗެލެންޖުގެ ނަމުގައި ކުރިއަށްދިޔަ އެ މުބާރާތަކީ މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލުގައި ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފޯރިއާއެކު ކުރިއަށްދިޔަ އެއް މުބާރާތެވެ.
އެ މުބާރާތުގެ މައުލޫމާތު ދެއްވަމުން އިސްކަންދަރު ސްކޫލުގެ ލީޑިން ޓީޗަރެއް ކަމަށްވާ އަބްދުﷲ ޝިހާމް ވިދާޅުވީ، އެ މުބާރާތުގައި ސްކޫލުގެ ހީވާގި މުދައްރިސުންގެ އިތުރުން ސްކޫލްގެ އެކި ފަންތީގެ ސްޓާފުންނާއި މެނޭޖްމަންޓުގެ ބޭފުޅުން ވެސް ބައިވެރިވި ކަމަށެވެ.

އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ "ޓީޗާސް ކަލިނަރީ ޗެލެންޖު"ގައި ތައްޔާރުކުރި ބައެއް ކާއެއްޗެހި --- ފޮޓޯ/ އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް
މުޅި ސްކޫލަށް އާއްމުކޮށް ހުޅުވާލި އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން 88 ބައިވެރިން ބައިވެރިވިއިރު މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަން ޝިހާމް ފާހަގަކުރެއްވިއެވެ.
އިންތިޒާމް ކޮމެޓީން ބުނާ އައިޓަމްތަކެއް ހިމަނައިގެން ރޭގަނޑުގެ ނާސްތާއެއް ތައްޔާރު ކުރުމަށް ކުރިއަށްދިޔަ އެ މުބާރާތުގައި ޓީމުތައް ކެއްކީ ސްކޫލު ތެރޭގައި ކުޑަ ބަދިގެއެއް ހަދައިގެން، ވަގުތުންނެވެ. އަދި މުބާރާތް އިތުރަށް ފުރިހަމަވީ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ ޝެފުން ބައިވެރިވުމެވެ.

އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ "ޓީޗާސް ކަލިނަރީ ޗެލެންޖު"ގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް
މުބާރާތުގައި ބައިވެރިވި، އިސްކަންދަރު ސްކޫލުގެ ގްރޭޑް 8 އަދި 10ގެ ދަރިވަރުންނަށް ކެމިސްޓްރީ މާއްދާ ކިޔަވައިދެއްވާ މަރިޔަމް ޖައްނަތު ޝަރީފް ވިދާޅުވީ، ޓީޗަރުން ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލުގައި ފާހަގަކުރާ ހަރަކާތްތަކަކީ ޓީޗަރުންގެ ބުރަ މަސައްކަތުން ދުރުވެ، ޓީޗަރުންގެ މުހިއްމުކަން އިހުސާސް ކުރެވޭ ފަދަ ހަރަކާތްތަކެއް ކަމަށެވެ.
"ހުރިހާ ހަރަކާތެއް ވެސް ވަރަށް އޯގަނައިޒްކޮށް މިދަނީ. ވަރަށް މަޖާ. ޓީޗަރުންގެ އަގުވަޒަން ކުރެވޭ ގޮތަކަށް ހަރަކާތްތައް ކުރިއަށްދަނީ. އަސްލު ޓީޗަރުންނަށް ހާއްސަ ހަފްލާއެއް ބޭއްވުމަށްވުރެ މިކަހަލަ ހަރަކާތްތައް ބޭއްވުމުން ޓީޗަރުންގެ ތެރޭގައި އޮންނަ ގުޅުން ވަރަށް ބަދަހިވޭ،" އިސްކަންދަރު ސްކޫލަށް މިއަހަރު ގުޅިވަޑައިގަތް ޖައްނަތު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ "ޓީޗާސް ކަލިނަރީ ޗެލެންޖު"ގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް
ޓީޗަރުންނާއެކު ކެއްކުމުގައި އަމަލީ ގޮތުން ބައިވެރިވި އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވި ގޮތުގައި، ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އިސްކަންދަރު ސްކޫލުން ހިންގި ކެއްކުމުގެ މުބާރާތަކީ ޓީޗަރުން އަދާކުރާ ބުރަ މަސައްކަތުން ބޭރުގަ ތަފާތު ކަމެއް ކޮށްލުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.
"މިފަދަ ކަމެއް ކުރީމަ ޓީޗަރުންގެ ތެރޭގައި އޮންނަ ގުޅުން ރަނގަޅުވެ ޕާފޯމަންސް ވެސް ރަނގަޅު ވެގެންދާނެ. އެކަން މުބާރާތުގެ ތެރެއިން ވެސް ވަނީ ފެނިފަ. ޓީޗަރުން އަސްލު ވަރަށް ހިތްހަމަ ޖެހިފަ ތިބީ،" ޑެޕިއުޓީ ޕްރިންސިޕަލް ކަމާ މީގެ ދެ އަހަރު ކުރިން ހަވާލުވި މުޖާހިދު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ "ޓީޗާސް ކަލިނަރީ ޗެލެންޖު"ގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް
ޝިހާމް ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ މާކްސްއަށް ބަލައި މުބާރާތުގެ އެންމެ މޮޅު ތިން ޓީމަކަށް އެވޯޑް ދިނުމަށް ނިންމާފައިވާއިރު އެންމެ މަގްބޫލް ޓީމަށް ވަކި އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ އެންމެ މަޝްހޫރު ޓީމް ހޮވާނީ އިސްކަންދަރު ސްކޫލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ، ބައިވެރިވި ކޮންމެ ޓީމެއްގެ ފޮޓޯތައް ހިމެނޭ ޕޯސްޓަށް އެންމެ ގިނަ 'ލައިކް' ލިބޭ ޓީމަކަށެވެ.
ޝިހާމް ވިދާޅުވި ގޮތުގައި މާދަމާގެ އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށް ގެންދާ އެ މުބާރާތަށް ވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

އިސްކަންދަރު ސްކޫލުގައި ކުރިއަށްދިޔަ "ޓީޗާސް ކަލިނަރީ ޗެލެންޖު"ގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް ފޭސްބުކް ޕޭޖް
އިސްކަންދަރު ސްކޫލުގެ ޓީޗަރުންގެ ތެރޭގައި ވަރުގަދަ ކެއްކުމުގެ މުބާރާތެއް މިއަހަރު ކުރިއަށްދިޔަ އިރު ޓީޗަރުންގެ ދުވަހުގައި ކެއްކުމަކީ އެ ސްކޫލުގެ ސަގާފަތެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަހު އެ ސްކޫލުން ވަނީ ބޯކިބާ މުބާރާތެއް ވެސް ބާއްވާފައެވެ.
އޭގެ އިތުރުން މިއަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅިގެން އިސްކަންދަރު ސްކޫލުން ހިންގި ހަރަކާތްތަކުގެ ތެރެއިން ސެލްފީ ޗެލެންޖު މުބާރާތަކާއި މަދަހަ އަދި ލަވަ ކިޔުމުގެ މުބާރާތް ވެސް ފާހަގަ ކޮށްލަންޖެހެއެވެ.