ސްޓެލްކޯއިން ކަރަންޓު ދެމުންދަނީ ގެއްލުމުގައި ކަމަށާއި އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ ގެއްލުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށްވުރެ ބޮޑުކޮށް ނަގާތީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން ބަލާ މައްސަލައިގައި މިއަދު ވަނީ ފެނަކައިގެ އެމްޑީ ޝަރީފް އާއި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމާއި ސްޓެލްކޯގެ އެމްޑީ އަހުމަދު ޒުހޫރު އަދި އެމްޑަބުލިއުއެސްސީ ގެ އެމްޑީ ފަޒުލް ރަޝީދު ހާޒިރުކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ ސްޓެލްކޯ ހިންގަނީ ދަރަނީގައި ކަމަށެވެ. އެގޮތުން މިހާރުވެސް 1.6 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"ހުރިހާ ހަރަދެއް ކޮށްފައި ސްޓެލްކޯ އަތުގަި އެއްޗެއް ނޯވޭ. ދަރަނީގެ ގޮތުގައި މިދިއަ އަހަރަށް ބަލައިފިއްޔާ 60 މިލިއަން އޭގެ ކުރީ އަހަރު 100 މިލިއަނުގެ ދަރަންޏެއް އެބައޮތް" ޒުހޫރު ވިދާޅުވި އެވެ.
މާލެއަށް އެކަނި ބަލައިފިނަމަ އެޖެސްޓް ކުރެވޭ ކަމަށާއި އެހެންނަމަވެސް ރަށްރަށުގައި ކ އަތޮޅުގެ ރަށްރަށް ފިޔަވައި އެހެން ހުރިހާ ރަށަކުން ލިބެނީ ގެއްލުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށް މިހާރު ކަރަންދޭ ރޭޓުން ކަރަންޓު ނަގައިގެން ހަރަދެއް ނުޗަލާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ 2010 ވަނަ އަހަރު ކަރަންޓު ދޫކުރި އަގުތަކަށް ބަލާއިރު މިހާރުވެސް 30 ޕަސެންޓް އަގު ކުޑަވާނެ ކަމަށެވެ.
" 2010 ވަނަ އަހަރު ޓެރޮފް ކަނޑައެޅިގައި އޮތް އިރު 100 ޔުނިޓް ރޭންޖުގައި އޮތީ 3.75، 200 ޔުނިޓް ރޭންޖުގައި އޮތީ 4.25، މިއަދު 100 ރުނިޓް ރޭންޖުގައި މިއޮތީ 2.2، އަދި 200 ޔުނިޓް ރޭންޖުގައި 2.75" ޒުހޫރު ވިދާޅުވި އެވެ.