އެމްޑީޕީ ޗެއާޕާސަންގެ ނައިބުގެ އިންތިހާބު ފަސްކޮށްފި

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 156 ވަނަ ބައްދަލުބުމުގެ ތެރެއިން: ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ޝަކުވާ ހުށައެޅުމަށް އިތުރު މުއްދަތު ދިނުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ އިންތިހާބު ފަސްކުރަން އެ ޕާޓީން ނިންމައިފި އެވެ.

މީގެ ކުރިން އެ އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އެމްޑީޕީިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ އިންތިހާބީ މަގާމްތަކުގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު( އިދާރީ އަދި މާލީ)ގެ އިންތިހާބު ލަސްކޮށްފައިވާ ކަމަށާއި އެ އިންތިހާބު ލަސްކުރީ ޕާޓީގެ މެމްބަރުންނަށް އިންތިހާބާ ގުޅުވައިގެން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެ އިންތިހާބު ދެން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އަދި ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މާދަމާގެ ނިޔަލަށް ކަމަށް ވަނީ ބުނެފަ އެވެ.

އިންތިހާބާ ގުޅޭ ޝަކުވާ ސީދާ އެ ޕާޓީގެ އޮފީހަށް ހުށަހެޅޭނެ ކަމަށާއި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ އަދި ރީ ރަޖިސްޓްރޭޝަން ހުށައެޅޭނެ ކަމަށް އެ ޕާޓީ އިން ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ އިންތިހާބަށް އަލުން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް