ޕްރެޒިޓެންޑްސް ކަޕް ރެކްރިއޭޝަނަލް ފުޓްސެލް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

ޕްރެޒިޓެންޑްސް ކަޕް ރެކްރިއޭޝަން ފުޓްސެލް މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފަށަން ފުޓުބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ނިންމައިފި އެވެ.

އޮފީސް ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 45 ޓީމެއް ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 38 ޓީމާއި އަންހެން ހަތް ޓީމެވެ.

އެފްއޭއެމުން ބުނީ މިމުބާރާތުގައި ފިރިހެން ބައިން ވާދަކުރާ ޓީމްތައް ވަނީ އަށް ގްރޫޕަކަށް ބަހާލައިފައިވާނެ ކަމަށާއި، އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމް ދެވަނަ ބުރަށް ދަތުރުކުރާނެ އެވެ. އަދި ދެވަނަ ބުރުގައި 16 ޓީމް ވާދަކުރާއިރު، ދެވަނަ ބުރު ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ ނޮކްއައުޓް އުސޫލުން ކަމަށް އެފްއޭއެމުން ބުނެއެވެ.

މިމުބާރާތުގެ އަންހެންބައި ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. އެގޮތުން ކޮންމެ ގުރޫޕަކުންވެސް ސެމީ ފައިނަލަށް ދަތުރުކުރާނީ ގުރޫޕްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

ޖުމްލަ 99 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތް މިމުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ އެޓާނީ ޖެނެރަލް(އޭޖީ) އޮފީހާއި ފެނަކައެވެ.

މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށާއި އަންހެން ޗެމްޕިއަން ޓީމަށް ހުށައެޅިފައިވާ ފައިސާގެ އިނާމަކީ އެއްލަކަ ރުފިޔާއެވެ.

އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގައެވެ.

comment ކޮމެންޓް