ސިއްހީ ދިރާސާކުރުމުގެ އޮނިގަނޑެއް ކަނޑައަޅައި ދިރާސާގެ ގައުމީ ސިޔާސަތެއް އެކުލަވާލައިފި

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ނެރެދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި ސިއްހީ ދިރާސާތައް ކުރުމަށް އިސްކަންދޭނެ ދާއިރާތަކެއް ކަނޑައަޅައި ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތެއް އެކުލަވާލައި މިއަދު އާންމުކޮށްފިއެވެ.

ސިއްހީ ދިރާސާ ކުރުމުގެ ގައުމީ އޮނިގަނޑެއް ކަނޑައަޅައި ކުރެވޭ ދިރާސާތަކަކީ ސައިންޓިފިކް ސުލޫކީ މިންގަނޑު ތަކެއްގެ ދަށުން ކުރެވޭ ދިރާސާތަކެއް ކަމުގައި ކަށަވަރުކުރުމުގެ ބޭނުމުގައި އެކުލަވާލި ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތު ނެރެދެއްވީ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު އެކުލަވާލި ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތުގައި މައިގަނޑު ފަސް ދާއިރާއެއް ވަނީ ހިމަނާފައެވެ.

ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތު ނެރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތުން އެ ސިޔާސަތުގައި ސިއްހީ ދިރާސާ ކުރުމުގައި އިސްކަންދެވޭނެ ދާއިރާތައް ކަނޑައަޅައި ދިރާސާ ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް، ސިއްހީ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތު އަރުޝީފު ކުރުމާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ.

އޭގެ އިތުރުން ސިއްހީ ދިރާސާ ކުރާ މުއައްސަސާތަކާއި އެހީދޭ ފަރާތްތަކާއި ތައުލީމު ހާސިލް ކުރަމުންދާ ފަރާތްތަކާއި ދިރާސާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ދިރާސާ ކުރުމުގެ ގާބިލްކަން އިތުރުކޮށް އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބާރު އަޅާނެއެވެ.

އަދި ސިއްހީ ދިރާސާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، ފިނޭންސް މިނިސްޓްރީ އާއި އެހީ ދޭ ފަރާތްތަކާ ގުޅިގެން މާލީ އެހީތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ސިޔާސަތުގައި ބަޔާން ކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ދާއިރާގެ ދިރާސާތައް ހެދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އަދި ދިރާސާތަކަށް ދިވެހި މުޖުތަމައު އަހުލުވެރިވެފައި ނުވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އާއްމު ދިރާސާތަކާ ހިލާފަށް ސިއްހީ ދާއިރާގެ ދިރާސާތަކަކީ ގޮންޖެހުންތައް ބޮޑު ޓެކްނިކަލް މަސައްކަތްތައް ގިނަ ދާއިރާއެއް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވިދާޅުވީ، ރާއްޖެއަކީ ސަރަހައްދީ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތެއް އެކުލަވާލި ކުޑަ ގައުމު ކަމަށެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން"ގެ ހަތަރު ވަނަ އަދަދު ރ. އަރްވިންދް މާތުރް ނެރެދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި ސިއްހީ ދިރާސާގެ ގައުމީ ސިޔާސަތުގެ ދަށުން ހަދާ ދިރާސާތަކުން ހޯދޭ ހެކިތަކުގެ މައްޗަށް ގޮތް ނިންމުމަށް މަގުފަހިވެގެންދާނެ ކަން ފާހަގަކުރައްވާ އޭނާ ވަނީ، ރާއްޖޭން ލިބެންހުރި ހެކިތައް ބޭނުންކޮށްގެން ސިޔާސަތުތައް ކަނޑައެޅުމަށް އެހެން މިނިސްޓްރީތަކަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން"ގެ ހަތަރު ވަނަ އަދަދު ވެސް ވަނީ ނެރެފައެވެ.

މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިނަކީ ސިއްހީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކާއި އެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށާއި ރާއްޖޭގެ ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް އުފެއްދުމަށް މަގުފަހި ކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ފޮތެކެވެ.

comment ކޮމެންޓް