ކުދި ވެލާތަކެއް ގެންގުޅުނު މީހަކު ދޮޅުލައްކައެއްހާ ރުފިޔާ އިން ޖޫރިމަނާ ކޮށްފި

އެޓޯލް މެރިން ސެންޓަރުން ބަލަހައްޓާ ވެލާތައް-- ފޮޓޯ: އެޓޯލް މެރިން ސެންޓަރު

ރ. މާކުރަތުގައި ކުދި ވެލާތަކެއް ހިފައިގެން ގެންގުޅުނު މައްސަލާގައި އެތަކެތި ގެންގުޅުނު މީހާ 149،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

ރ. މާކުރަތުގެ ގެއެއްގައި ބަޔަކު ފޮރުވައިގެން ގެންގުޅުނު ކުދި ވެލާތަކެއް ފުލުހުންނާއި އީޕީއޭ ގުޅިގެން ހޯދައި މިދިޔަ މަހުގެ ތެރޭގައި ވަނީ މޫދަށް ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރ. މާކުރަތުގައި ވެލާ ހިފައި ގެންގުޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރި މައްސަލާގައި އެރަށު، ހަކި މުހައްމަދު މުސްތަފާ ނަމަކަށް ކިޔާ މީހަކު 12 ކުދި ވެލާ ހިފައިގެން ގެންގުޅުނު ކަމަށް ފުލުހުންގެ ބަޔާނުންނާއި އެ މީހާ ވެސް އިއުތިރާފު ވެފައިވާ ކަމަށެވެ.

އެގޮތުން މުހައްމަދު މުސްތަފާ ޖޫރިމަނާ ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތެއް ހިފައި ގެންގުޅެ އެއަށް ގޯނާކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅާފައިވުމާ އެކު ވެސް އެ ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް މިދިޔަ އަހަރުގެ އޭޕްރިލް، 4 ވަނަ ދުވަހުން ފެށިގެން ވަނީ ހިމާޔަތްކޮށްފަ އެވެ.

އަދި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ގެންގުޅުމާއި އެއަށް ގޯނާއެއް ކުރުމަކީ މަނާކަމެއްކަމުގައި ވެސް ކަނޑައަޅާފައިވާ އިރު އެކަމާ ހިލާފުވާ ފަރާތްތަކާ ދޭތެރޭ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އީޕީއޭ އިން ދަނީ ގާނޫނީ ފިޔަވަޅު އަޅަމުންނެވެ.

comment ކޮމެންޓް