ޖޫރިމަނާ ނުދައްކާތީ އެފްކޮންސް ގޮވައިގެން ކޯޓަށް ދަނީ

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތުގެ ތެރެއިން، އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން ކުރި ޖޫރިމަނާގެ މުއްދަތު ހަމަވީއިރު ވެސް ފައިސާ ނުދައްކާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ނިންމައިފިއެވެ.

އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން، އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.

އެ ކުންފުނި ޖޫރިމަނާކުރުމުން މިދިޔަ ސަރުކާރުގައި އެފްކޮންސްއިން އެ މައްސަލަ ތިމާވެއްޓާ ބެހޭ ވުޒާރާގައި އިސްތިއުނާފު ވެސް ކުރިއެވެ. އެކަމަކު، އެ ވުޒާރާއިން ޖޫރިމަނާއެއް ލުޔެއް ނުލިބުމުން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ.

ކޯޓުން ވެސް ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދީފައެއް ނުވެއެވެ. އެކަމަކު، އެ މައްސަލައިގެ ޝަރީއަތް އެބަ ހިނގައެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ ކޯޓަށް ގެންދަން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުރަތަމަ 2022 ވަނަ އަހަރު އެފްކޮންސް ޖޫރިމަނާ ކުރުމަށް ފަހު، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އެންގިއެވެ. އެކަމަކު، އެ މުއްދަތުގައި ވެސް ފައިސާ ނުދައްކައެވެ. އެހެންވެ، ފަހުން ދިން މުއްދަތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަމަވީއިރު އަދިވެސް އެ ފައިސާ ދައްކާފައިނުވެއެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން 2022 އަހަރުގެ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއް ވެސް ވަނީ ކޮށްފައެވެ. އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވެއެވެ.

އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށް ފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެ ތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް