ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމުގެ އަމުރަކަށް ހައިކޯޓުގައި އެދުމަށް މޮނިކޮން އަމުރާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ގޭންގް މަރާމާރީ ގިނަ ވެފައިވާ ދުވަސްވަރާ ދިމާކޮށް ނުވަ މީހަކަށް އަމުރު ނެރެދިނުމަށް އެދި ހުށަހެޅުމަށް ކޮމިޓީން ނިންމާފައިވާ އިރު އަމުރަށް އެދޭނެ ދުވަހެއް އަދި ސާފެއްނުވެ އެވެ.
ފުލުހުން ހޯމް މިނިސްޓްރީއަށް ފޮނުވީ 16 މީހެއްގެ ފައިގައި ޓެގު އަޅުވައިދިނުމަށް އެދި ފާސްކޮށްދިނުމަށެވެ. ކޮމިޝަނާ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ވެސް އިންނަވާ ގޮތަށް އެކުލަވާލާފައިވާ ކޮމިޓީން ނިންމާފައި ވަނީ ނުވަ މީހެއްގެ ފައިފައި ޓެގު އެޅުވުމަށް އެދި ހުށަހެޅުމަށެވެ.
ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ނަސީރު ވަކިވި ފަހުން މިއީ ކުށްވެރިންގެ ޓެގު އަޅުވާ ފުރަތަމަ ފަހަރެވެ.
މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރެދިނުމަށް ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދެއްވާފައިވާ ކޮމިޓީގައި ތިއްބަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ހިމެނޭ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.
މީގެ ކުރިން މޮނިކޮށް އަމުރު ނެރުނުމުގެ ބާރު އޮންނަނީ ހޯމް މިނިސްޓަރާ މަތިކޮށްފަ އެވެ. އެކަމަކު ކޮމިޓީއަކާ މަތިކޮށް އެކަން ކުރަން ފެށީ 2016 ޖޫން މަހުގެ ތެރޭގަ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައި ވަނީ ދާހިލީ ވުޒާރާ ހިންގަވާ، ހޯމް މިނިސްޓަރަށެވެ.
އަދި އެ ގާނޫނުގައި ބުނާ ގޮތުން އެ އަމުރުގައިވާ ކަންތައްތަކަށް ބަދަލު ގެނައުމަށް ކޯޓަށް ހުށަހެޅޭނީ ވެސް ހޯމް މިނިސްޓަރަށެވެ. އަދި މޮނިކޮން އަމުރު ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ހުއްޓާލުމުގެ ބާރު ވެސް ދީފައި ވަނީ ހޯމް މިނިސްޓަރަށެވެ.