ޅ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން އެ އަތޮޅު ނައިފަރުގެ މުޢައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ''ޗަންޕަލާރ ހޯލްޑިންގްސް އެންޑް ކުރެއްދޫ ހޯލްޑިންގް: އިންޓަރ އޮފީސް ވޮލީ ބޯލް ޓޯރނަމެންޓް 2017'' ގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފިއެވެ.
ފެނަކަ އިން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލްގައި ހޮސްޕިޓަލް ޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމްތަކަށާއި، ކުޅުންތެރިންނަށް އަދި މުބާރާތް ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ތައްޓާއި މެޑަލް އާއި ހަނދާނީ ފިލާ އަދި ސެޓްފިކޭޓް ހަވާލުކުރިއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްމެޗު ވަނީ އިއްޔެ ކުޅެ ނިމިފައެވެ. ބައްދަލުކޮށްފައިވަނީ ޓީމް ހޮސްޕިޓަލްއާއި ޔުނައިޓެޑް ބީއެމްއެލް ޓީމެވެ. މި މެޗު 1-3 ސެޓުން ކާމިޔާބުކޮށް ޗެމްޕިއަން ކަން ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލް އެވެ. މުބާރާތުގެ ދެ ޑިވިޝަންގެ ވެސް އެންމެ މޮޅު ހަ ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗް ވެސް ވަނީ ހޮވާފައެވެ.
ނިމިގެން ދިޔަ މުބާރާތުގައި ނައިފަރުގައި ގާއިމް ވެފައިވާ ޖުމްލަ 13 މުއައްސަސާއަކުން ބައިވެރިވެގެން ޖުމްލަ 10 ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ އަންހެން ހަތަރު ޓީމާއި ފިރިހެން ހަ ޓީމެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓިމްތަކަކީ، ޓީމްފެނަކަ، ޔުނައިޓެޑް ބީއެމްއެލް، ނައިފަރު ޕޮލިސް، ޓީމް އިފްތިތާޙް، ކައުންސިލް، ޓީމް ހޮސްޕިޓަލް އަދި ވީސީއެން (ވިލާ ކޮލެޖް ނައިފަރު ކެމްޕަސް) އެވެ.
އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ރަށުގައި ގާއިމް ކޮށްފައިވާ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކުރުވުމުވެ. އަދި ވޮލީ ބޯޅަ ކުޅުމަށް ޝައުގުވެރިވާ ދެޖިންސުގެ ފަރާތްތަކަށް އެފުރުސަތުވެސް ހޯދައިދިނުމެވެ. އަދި ހަމައެއާއެކު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އާއްމު ރައްޔިތުންނަށް ސިއްހަތާގުޅޭ ތަފާތު މެސެޖްތައް ފޯރުކޮށް ދިނުމެވެ. މިގޮތުން ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް އަންހެން ޑިވިޝަން ފައިނަލް މެޗު ކުޅުނު ގަޑީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ކުރެއްދޫ ރިސޯޓް، ހުރަވަޅި އައިލެންޑް ރިސޯޓް، ކުޑަދޫ މޯލްޑިވްސް އަދި. ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ. މިއީ ޅ. އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކުރެވިގެން ނައިފަރުގައި ބޭއްވި މިފަދަ ދެވަނަ މުބާރާތެވެ. އަދި އަންނަ އަހަރުވެސް މިއަށްވުރެ ރަނގަޅު ފެންވަރެއްގައި މިފަދަ އިތުރު މުބާރާތެއް ބާއްވަން ވަނީ ނިންމާފައެވެ.
ޅ.އަތޮޅު ހޮސްޕިޓަލަކީ ފަހަކަށް އައިސް ތަފާތު ގިނަ ހަރަކާތްތަކެއް ސިއްހަތާ ގުޅުވައިގެން އާއްމު ރައްޔިތުންނަށާއި، ސްކޫލްގެ ދަރިވަރުންނަށް އަދި ރަށުގައި އަދި ރަށުންބޭރުގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް އަމާޒުކޮށްގެންގެން ހިންގާ ހޮސްޕިޓަލެއްކަން ފާހަގަކުރެވެއެވެ. އަދި ހަމައެއާއެކު ރަށުފެންވަރުގައި ބާއްވާ ގިނަ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ ހޮސްޕިޓަލެކެވެ.