ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެފްއޭއެމުން ހިންގި ހަރަކާތަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިޔަންމާގެ އަސްކަރިއްޔާ އާއި ބުދިސްޓުންގެ ފަރާތުން ލާ އިންސާނީ އަނިޔާ ލިބެމުންދާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގި ޚާއްސަ ހަރަކާތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ރޭ ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި އެ ޚާއްސަ ހަރަކާތުގައި މިނިސްޓަރުންގެ ޓީމަކާއި މަޖިލިސް މެމްބަރުންގެ ޓީމަކާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެންޓަރުންގެ ޓީމަކާއި ފިލްމީތަރިންގެ ޓީމެއްގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމާއި ވެޓަރަންސް ޓީމެއް ވަނީ ބައިވެރި ވެފައެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އިވެންޓުގެ ތެރޭގައި އެ ޓީމު ތަކުގެ މެދުގައި މެޗުތަކެއް ކުޅުނުއިރު، ފުރަތަމަ މެޗުގައި ބައްދަލު ކުރީ މިނިސްޓަރުންގެ ޓީމަކާއި މަޖިލިސް މެމްބަރުންގެ ޓީމެކެވެ. އެ މެޗު މަޖިލިސް މެމްބަރުންގެ ޓީމު ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ. ދެވަނަ މެޗުގައި މެނޭޖިން ޑިރެކްޓަރުން ޓީމާއި ވެޓަރަންސް ޓީމު ބައްދަލުކޮށް މެނޭޖިން ޑިރެކްޓަރުންގެ ޓީމު ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.

ތިން ވަނަ މެޗުގައި ފިލްމުސްޓާރުންގެ ޓީމާއި ގައުމީ ޓީމު ވާދަކުރި އިރު، ފަހު މެޗުގައި ވާދަ ކުރީ ގައުމީ ޓީމާއި ހުރިހާ ޓީމެއް އެއްކޮށްގެން ނިކުތް ޓީމަކާއެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މެޗުތަކުގެ ތެރެއިން ވަކި ވަރަކަށް ފައިސާ ހަދިޔާ ކޮށްގެން ޕެނަލްޓީ ޖެހުމުގެ ފުރުސަތު އާންމުނަށް ހުޅުވާލިއިރު، ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަ ކުދިންނެއް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ގައުމީ ޓީމު ކުޅުނު މެޗުގައި ކެޕްޓަންކަން ކޮށްލުމުގެ ފުރުސަތުގެ ބޭނުން ވެސް ބައެއް ފަރާތްތަކުން ވަނީ ހިފާފައެވެ.

އެ އިވެންޓުގައި އެންމެ ފޯރި ގަދަކޮށް ކުރިއަށް ދިޔަ ހަރަކާތަކީ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން މެނޭޖިން ޑިރެކްޓަރުންގެ ޖޯޒީ ނީލަން ކިޔުމެވެ. އެގޮތުން ގިނަ އަދަދެއްގެ ޖޯޒީ ނީލާން ކިޔާފައިވާއިރު އެންމެ ބޮޑު އަގުގައި ވިކިފައި ވަނީ މިނިސްޓަރުންގެ ޓީމުގައި ހިމެނުނު ރައީސުލްޖުމޫހުރިިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖޯޒީއެވެ. މެޗުގައި ބައިވެރިވެވަޑައި ނުގަތަސް ރައީސްގެ 18 ނަމްބަރު ޖޯޒީ ވަނީ 1.5 މިލިއަން ރުފިޔާ އަށް ވިކިފައެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ކުޅުނު ފުޓުބޯޅަ މެޗުގައި ފިނޭންސް މިނިސްޓަރު މުނައްވަރު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ އިތުރުން ބޮޑު އަގުގައި ވިކުނު އެހެން ޖޯޒީތަކަށް ބަލާލާއިރު، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ޖޯޒީ ވަނީ ފަސް ލައްކަ ރުފިޔާއަށް ވިކިފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ގެ ޖޯޒީ 150،000 ރުފިޔާއަށް ވިކިފައިވާއިރު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ޖޯޒީ އެއްލަކަ ރުފިޔާ އަށް ވަނީ ވިކިފައެވެ. އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ޖޯޒީ ވަނީ 120،000 ރުފިޔާ އަށް ވިކިފައެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުގެ ޖޯޒީ ވަނީ 10،100 އެމެރިކާ ޑޮލަރު (156،046 ރުފިޔާ) އަށް ވިކިފައެވެ.

އިސްލާމިކް މިނިސްޓަރ ޒިޔާއު ބާގިރު އަށް އަމިއްލަ ފަރާތަކުން ފައިސާ ހަދިޔާ ކުރަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ އިތުރުން ވެސް ގިނަ މެމްބަރުންތަކަކާއި މިނިސްޓަރުންގެ އިތުރުން މެނޭޖިން ޑިރެކްޓަރުންގެ ޖޯޒީ ވަނީ ވިކިފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ ޖޯޒީ ވެސް ވަނީ ބޮޑު އަގުގައި ވިކިފައެވެ.

ކާމިޔާބު އެހަރަކާތަށް ތިން މިލިއަނަށްވުރެ އިތުރަށް ފައިސާ ލިބުނު އިރު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު "ސަން" އަށް ވިދާޅުވީ މުޅި ހަރަތާކުން ލިބުނު ޖުމްލަ ފައިސާގެ އަދަދު ފަހުން ހާމަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް