ހުޅުމާލޭގައި ކުއްލި ދެ މަރު: މަރުވީ އަންހެނަކާއި ފިރިހެނެއް

ހުޅުމާލެ ސެންޓްރަލް ޕާކު: ފުޓްބޯޅަ ކުޅުނު ޒުވާނަކު މަރުވިއިރު، ގެނބިގެން އަންހެން ކުއްޖަކު ވަނީ މަރުވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭގައި ކުއްލި ގޮތަށް މިރޭ ދެ ޒުވާނަކު މަރުވެއްޖެ އެވެ. އެކަކު މަރުވީ ފުޓްބޯޅަ ކުޅުމަށްފަހު މެއަށް ތަދެއް އަރައިގެންނެވެ. މޫދަށް އެރިއުޅެނިކޮށް، ގެނބިގެން މަރުވީ 18 އަހަރުގެ އަންހެނެކެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސާލިހް ވިދާޅުވީ، މިރޭ 8:30 ކަންހާއިރު ފުރަތަމަ އެ ހޮސްޕިޓަލަށް ގެނައީ އުމުރުން 22 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެކެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ދެ ފިރިހެނުންގެ ތެރެއިން މަރުވެފައި ވަނީ އަހުމަދު ހާމީން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ވަޒީފާ އަދާ ކުރަމުންދަނީ ބޭންކް އޮފް މޯލްޑިިވްސްގެ ހުޅުމާލެ ބްރާންޗުގައެވެ.

ތިމަރަފުއްޓަށް އުފަން ދެ ޒުވާނުންްގެ ތެރެއިން 22 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާއިރު، 21 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

ނަމަވެސް ލިބިފައިވާ ޝޮކްގެ ސަބަބުން އޭނާއަށް ވާހަކަ ނުދެއްކޭ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

ގުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ އާޝިޔާ ވިދާޅުވީ، އެ ދެ ޒުވާނުން ހޮސްޕިޓަލަށް ގެނައިއިރު ގައިގާ ވެލި ހުރި ކަމަށެވެ. ނަމަވެސް އެ ދެމީހުން ހޮސްޕިޓަލަށް ގެނައި ކޮންތަނަކުން ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލަށް މިރޭ ދެން ގެންދިޔައީ އަންހެނެކެވެ. މޫދަށް އެރިއުޅެނިކޮށް ގެނބިގެން ގެނައީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް