ބިލެއްފަހީގައި އިންޖީނުގެއެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ށ. ބިލެއްފަހީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަން --- ފޮޓޯ: ފެނަކަ

ށ. ބިލެއްފަހީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ވާތީ އެ ރަށުގައި އައު އިންޖީނުގެއެއް އަޅާއިދޭނެ ބަޔަކު ހޯދަން ފެނަކައިން މިއަދު އިއުލާންކޮށްފި އެވެ.

ފެނަކައިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގެއަކީ ޕްރީ ފެބްރިކޭޓެޑް އިންޖީނުގެއެއް ކަމަށެވެ.

ފެނަކައިން ބުނީ އިންޖީނުގެ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހު އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، އަމިއްލަ ތަކެތީގައި އެ އިންޖީނުގެ އިމާރާތް ކުރެވޭނެ އަންދާސީ ހިސާބު އަންނަ ބުރާސްފަތި ދުވަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ފެނަކައި މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އެ ރަށުގައި މިވަގުތު ކަރަންޓު ދެމުން ދަނީ ވަގުތީ ގޮތުން ހަދާފައިވާ ތަނެއްގައި ކަމަށާއި އަދި އެ ތަނަކީ އެންމެ ފުރިހަމަ ގޮތެއްގައި ކަރަންޓް ދެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އައު އިންޖީނުގެ އިމާރާތް ކުރެވެންދެން ކަރަންޓް ދޭ ތަނެއް ހެދުމުގެ މަސައްކަތް މިހާރު ވެސް ފެށިފައިވާ ކަމަށާއި ދެ ހަފްތާ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ބިލެއް ފަހީގައި ޕްރީ ފެބްރިކޭޓެޑް އިންޖީނުގެއެއް ހަދަން ނިންމި މައިގަނޑު ސަބަބަކީ އެ ފަދަ ގޮތަކަށް އިންޖީނުގެ ހެދުމަކީ އަގުގެ ގޮތުން ބެލި ކަމުގައިވީ ނަމަވެސް އަގު ހެޔޮވާނެ ގޮތެއް ކަމަށް ވާތީ އެވެ. އަދި ވިދާޅުވީ އާންމުކޮށް އަޅާ އިންޖީނުގެތަކަށް ވުރެ އަވަހަށް އެފަދަ އިންޖީނުގެތައް އިމާރާތް ކުރެވުމަކީ ވެސް ލިބިގެންދާ ފަސޭހައެއް ކަމަށެވެ.

"އާންމު އިންޖީނުގެތެކަށް ވުރެ މިކަހަލަ އިންޖީނުގެތަކުގެ އުމުރު ދިގުވެފައި މަރާމާތުގެ ބައި މަދުވާނެ. އަދި އަލިފާން ނުހިފާ ޒާތުގެ ތަކެތި ބޭނުންކޮށްގެން މި އިމާރާތް ހަދާނީ. އެއީ ރައްކާތެރި ކަމުގެ ގޮތުން ބެލިޔަސް ލިބޭ ޔަގީން ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ބިލެއްފަށްސަށް އެންމެ އިންޖީނެއް ބަހައްޓައިގެން ކަރަންޓް ދިން ނަމަވެސް ކުރި އަށް އޮތް ތަނުގައި އިތުރު އިންޖީނުތަކެއް އެ ރަށަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ކަރަންޓުގެ ހާލަތު އެރަށުގައި ރަނގަޅު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ބިލެއްފަހި އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު އެ ކުންފުނީގެ ކަމާބެހޭ ބޭފުޅުން ވިދާޅުން ވިދާޅުވާ ގޮތުން އެ އިންޖީނުގޭގައި ރޯވީ އިންޖީނެއްގެ ޓާބޯގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށެވެ. ގޮތުން ނަމަވެސް އެއީ ވުން ވަރަށް ދުރު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ހިނގި ގޮތް އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. ބިލެއްފަހީގެ އިންޖޫނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 2.27 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބިލެއްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އެތަނުގައި އެއްކޮށް އަލިފާން ހިފައި އިންޖީނުގެ ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަލުން ކަރަންޓް ދިނުމަށް އެ ރަށަށް ވަނީ އެ އަތޮޅު ފޭދޫން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސް ވަގުތީ ސެޓަޕެއް ގާއިމްކޮށްފަ އެވެ.

ބޮޑުމިނުގައި ގާތްގަނޑަކަށް 1.9 ކިލޯ މީޓަރު އަދި ފުޅާމިނުގައި 600 ވަރަކަށް މީޓަރު ހުންނަ ބިލެއްފައްސަކީ އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ރަށެކެވެ.

comment ކޮމެންޓް