"ރޭސް 3" އަށް ސިދާރްތު ނޫނެކޭ ބުނީ ކީއްވެ؟

މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފަ އެވެ. ފިލްމުގެ ނެގެޓިވް ލީޑުން ސުޕަސްޓާ ސަލްމާން ޚާން ފެނިގެން ދިއުމުގެ އިތުރުން އަންހެން ލީޑުން ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. އެހެންކަމުން މިހާރު ވެސް ގިނަ ބައެއްގެ ހިތް ވަނީ ފިލްމަށް ދީފަ އެވެ.

ވަރުގަދަ ކާސްޓެއް ފިލްމަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފިލްމުގެ ދެވަނަ ލީޑު ހުށަހެޅީ ސިދާރްތު މަލޯތުރާ އަށެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ސިދާރްތު ވަނީ ފިލްމަށް ނޫނެކޭ ބުނެފަ އެވެ.

އެހާ ހިސާބުން ދެން ސުވާލު އުފެދުނީ ސަލްމާން އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުމުން، ސިދާރްތު ނޫނެކޭ ބުނީ ކީއްވެބާ އެވެ؟

ޚަބަރުތައް ބުނާ ގޮތުން ސިދާރްތަށް ފިލްމުގެ ސްކްރިޕްޓް ކަމުނުދިޔައީ އެވެ. އެހެންކަމުން ސްކްރިޕްޓު ކިޔުމަށްފަހު ފިލްމު ރިޖެކްޓު ކޮށްލީ އެވެ.

ސިދާރްތު އަކީ ސަލްމާނުގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި އޭނާ ފިލްމު ދޫކޮށްލީ ދެ ހީރޯ އިން އުޅޭ ފިލްމަކަށް ވުމުން، ނުވަތަ އޭނާގެ ރޯލު ކުޑަވެގެން ނޫން ކަމަށް ސިދާރްތުގެ ގާތް ފަރާތަކުން ވަނީ ބުނެފަ އެވެ.

ސިދާރްތު ވަނީ މީގެ ކުރިން އަކްޝޭ ކުމާރު އާއެކު 'ބްރަދާސް'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ސިދާރްތު ފިލްމު ދޫކޮށްލުމުން، ދެން އެ ރޯލު ހުށަހަޅާނެ އެކްޓަރެއް އަދި ނޭނގެ އެވެ. ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.

comment ކޮމެންޓް