ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމު، "ނޭދެން ވަކިވާކަށް" ޕްރިމިއަރކޮށްފިއެވެ.
މަޝްހޫރު ކޮސްޓިއުމް ޑިޒައިނަރ ޖާދުﷲ އިސްމާއިލް (ޖާދު) އާއި، ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ) އަދި މަޝްހޫރު ބަޠަލް ޔޫސުފް ޝަފީއު (ޔޫއްޕެ) ލީޑުރޯލުން ފެނިގެންދާ "ނޭދެން ވަކިވާކަށް" ޕްރިމިއަރކުރުން އޮތީ ރޭ އޮލިމްޕަސް ސިނަމާގައެވެ. މި ފިލްމު ޕްރިމިއަރކޮށްދެއްވީ ކުރީގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަސްލަމް ރަޝީދުއެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަހުދީ އަހުމަދުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މާއެނބޫ ތައްޔާރުކޮށްފައިވާ "ނޭދެން ވަކިވާކަށް" ވަނީ މާލޭގައި ހުންނަ ޝްވެކް ސިނަމާއާއި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނާމާގައިވެސް ރޭ ޕްރިމިއަރކޮށްފައެވެ.
މިހާރަކަށް އައިސް ދިވެހި މުޖްތަމައުގައިވެސް ވަރަށް އާންމުކޮށް ދިމާވާ އިޖްތިމާއީ ތަފާތު މައްސަލަތަކެއް ދައްކުވައިދޭ މި ފިލްމުގެ ބޮޑުބައި ކުޅެފައި ވަނީ އއ. ތޮއްޑޫގައެވެ. އަދި މާލެއާއި ހުޅުމާލޭގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވެއެވެ.
"ނޭދެން ވަކިވާކަށް" އަކީ، ޒީނާ ނަމަކަށް ކިޔާ އަންހެންކުއްޖެއް (އަޒޫ)ގެ ހަޔާތުގައި ދިމާވާ ލޯބީގެ އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޒީނާގެ ފުރަތަމަ ލޯބިވެރިޔާ އަހްމަދު އަޒްމީލް (އަޒޭ)އާ ދެމީހުން ކައިވެނިކުރަން ތައްޔާރުވެފައި ވަނިކޮށް، ދިމާވި އެކްސިޑެންޓެއްގައި އެ ދެމީހުންގެ ލޯބީގައި ދާއިމީ ސިއްކައެއް ޖެހުމާ ގުޅިގެން ޒީނާ އޭނާގެ ރަށަށް (ތޮއްޑުއަށް) ދިރިއުޅުން ބަދަލުކުރެއެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ޒީނާ ރަށުގައި ހުއްޓައި އެރަށަށް، ރަހްމަތްތެރިއެއްގެ ކައިވެނި ހަފްލާއަށް ޒިޔާރަތްކުރާ ޒުވާނެއް ކަމަށްވާ ޖާދު (ނިޒާމް)އާ ދިމާވެ އެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ފެށެއެވެ. އެހެން ނަމަވެސް ނިޒާމް ރާއްޖޭން ބޭރަށް ކިޔަވަން ދާތަނުން، އެ ދެމީހުންގެ ދެމެދަށް "ކަތުރުފަނި" ވަދެ، ބޮޑު އޮޅުވާލުމެއްގެ ތެރޭން އެ ލޯތްބަށްވެސް ނިމުން ގެނެއެވެ. ދެން ޒީނާއަށް ލޯބީގެ ގޮތުން ގުޅެވެނީ، ނިޒާމްގެ އެއްބަނޑު އެއްބަފާ ބޭބެ ޝިއާން (ޔޫސުފް ޝަފީއު)އާއެވެ.

ދިވެހި ފިލްމު "ނޭދެން ވަކިވާކަށް"ގެ ޕްރިމިއަރ ޝޯގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ނަހަމަގޮތުގައި އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް ބޭނުންކުރުމާއި، ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމާއި، ގެވެށި އަނިޔާއާއި، ތަނެއްދޮރެއް ނުބަލައި ހިތަށް އެރިހާގޮތަކަށް ކަންކަން ކުރުމުން ދިމާވާ ހިތްދަތި، އަދި އަސަރުގަދަ މި ފިލްމުގެ ފުރަތަމަ ޝޯއަަށް ދިޔަ ބައެއް ބެލުންތެރީން ބުނަނީ "މި ފިލްމަކީ ބަލާލަން ހަމަ ކަމުދާ ފިލްމެއް" ކަމަށެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ޔޫއްޕެގެ އެކްޓިންއާ މެދު ސުވާލެއް އުފައްދާނޭ ޖާގައެއް ނެތްއިރު، އަޒޫއާއި ޖާދުގެ އެކްޓިންވެސް ވަރަށް ކަމުދާކަމަށް ބެލުންތެރީން ބުނެއެވެ.
މާއެނބޫގެ 12 ވަނަ ފީޗާ ފިލްމު ފިލްމް ރޭ ރިލީޒް ކޮށްފައި ވާއިރު އެ ފިލްމާ ދޭތެރޭ ޕްރޮޑިއުސަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
"ފިލްމުގެ ކަންކަން ދިޔަގޮތާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ. އަޅުގަނޑު ދަންނަވާނީ ނޭދެން ވަކިވާކަށް މިއީ ބެލުންތެރީންނަށް ވެސް ވަރަށް ކަމުދާނޭ ފިލްމެކޭ،" ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑުއުސަރު ބުންޏެވެ.
ފިލްމުގައި ޖާދުގެ އެކްޓިންއާ ދޭތެރޭގައި މާއެނބޫ ބުނީ، "ޖާދުއަށް އެ ރޯލް ހަވާލުކުރީ ކޮންފިޑެންސާއެކު އެއްވެސް ވަރަކަށް ޖެހިލުމެއް ނެތި. އިރާދަކުރެއްވިއްޔާ އޭނާ ސާބިތުކޮށްދީފި އެކަން. އޭނާ ހަމަ ވަރަށް މޮޅު،" ކަމަށެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
"ނޭދެން ވަކިވާކަށް"ގެ ޓިކެޓް އޮލިމްޕަހާއި މާލެ އަދި ހުޅުމާލޭ ޝްވެކް ސިނަމާއި ލިބެން ހުންނާނެއެވެ. އަދި ހަމަޖެހިފައިވާ ގޮތުން މި ފިލްމުގެ 10 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ އިރު ހުރިހާ ޝޯތަކެއްގެ ވެސް ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.
މި ފިލްމުގައި ފެންނަ އިތުރު ތަރީންގެ ތެރޭގައި ނާޝިދާ (ނާއްކޮ)، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ސައީދު، އާރިފާ އިބްރާހީމް އަދި އިބްރާހީމް ރިޔާޒް (ބައޯ)އާއި އަލީ ޝާހިދު (ސްޓެޕްއައްޔަ) ފަދަ ތަރީން ހިމެނެއެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ހަތަރު ލަވަ ހިމެނޭ "ނޭދެން ވަކިވާކަށް" ލަވަތައް ކިޔާދީފައި ވަނީ، ދެގޮތެއް ނުވާ ހިތްގައިމު އަޑުގެ ވެރިޔާ ރާފިޔަތު ރަމީޒާއާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަ) އަދި، މަރިޔަމް އަޝްފާގެ އިތުރުން މުމްތާޒު މޫސާއެވެ.
ފިލްމުގެ މަންޒަރުތައް ކެމެރާ ކޮށްފައިވަނީ، އިބްރާހިމް ވިޝާން (ކަނޑި) އެވެ. އޭނާ ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައެވެ. އެ ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.