ކޮންވެންޝަން ސެންޓަރުގެ ފައިސާއިން ތިން މީހަކު ލަންކާއިން ގޯތި ގަތް: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު: އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރުން ކޯޓަށް ނުފޫޒު ފޯރުވާފައި ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރުމަށް ދައުލަތުން ހަރަދު ކުރި ފައިސާއިން ތިން މީހަކު ސްރީ ލަންކާއިން ގޯތި ގަތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވުމުން މޫސަ ވިދާޅުވީ އެމްޑީޕީން ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު އައްޑޫގެ ކޮންވެންޝަން ސެންޓަރު ހަދައި ނިމުނުފަހުން ތިން މީހަކު ލަންކާއިން ގޯތި ގަނެގެން އުޅޭކަން އެނގޭ ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަނުގެ ވާހަކަ އެމްޑީޕީން ދައްކާއިރު އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީ ސަރުކާރުން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހަދައި ނިމުނުއިރު ލަންކާއިން ތިން މީހަކު ގޯތި ގަނެގެން އުޅޭކަން އަޅުގަނޑަށް އެނގޭ. ހޮޓާ ވެސް ގަތް ކަން އެނގޭ. މިވާހަކަވެސް ހިނގާ ދައްކަމާ. ކޮރަޕްޝަނުގެ ވާހަކައޭ ކިޔާފައި މިރޭ މިތާނގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތަށް އަތޮޅު އޮފީހުގެ ދިދަ ނަގާ މީހާގެ ގެއަށް ސިމެންތި ކޮތަޅެއް ގެންދިޔައިމަ އެމީހާ ފަހަތަކުުން ނޫން ދުވާނީ. ހިންގަވާ ކޮރަޕްޝަނުގެ ލިސްޓް ނަަންގަވައިގެން ބަލައިލަން ކޮން ބައެއްތޯ ވައްކަން ކޮށްގެން އުޅެނީ. ކޮން ބައެއްތޯ ކޮރަޕްޓް ވެފައޮތީ،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކޮރަޕްޝަނުގެ ވާހަކަ އެމްޑީޕީން ދައްކަމުން ދާއިރު ދިވެހި ދައުލަތަށް ލިބޭ ފައިސާ ތަފާތު އިންވެސްޓުތައް ކުރުމަށާއި އަދި މަގުތަކުގައި ތާރު އަޅަމަށާއި އެހެނިހެން ކަންކަމަށް ހަރަދު ކުރަމުންދާ ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ސަތާރަ ވަނަ ސާކު ސަމިޓަށް ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރަކީ 150 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި ތަނެކެވެ. އެތަން އިމާރާތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެކު ހައުސިން މިނިސްޓްރީން ނެގޯޝިއޭޓްކޮށްގެން އެ ކުންފުނިން ބިޑު ކުރި 210 މިލިއަން ރުފިޔާ 150 މިލިއަން ރުފިޔާ އަށް ކުޑަކުރި ކަމަށެވެ.

comment ކޮމެންޓް