އަންގާރަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ގާސިމަށް އަންގައިފި

ކޯޓު ރޫމްތެރެއަށް ވެއްޓުމުން ގާސިމް ހޮސްޕިޓަލަށް ގެންދަވަނީ --- ފޮޓޯ: ސޯޝަލް މީޑިއާ

ސިންގަޕޫރުގައި ބޭސްފަރުވާއަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަންގައިފި އެވެ.

ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ފުރަތަމަ ފަހަރަށް އެ ސާވިސް އިން ވަނީ އިތުރުކޮށްދީފައި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ހަމަވުމުން އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ގާސިމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލުގުމާން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްދޭން އެމަނިކުފާނުގެ އާއިލާއިން އެދުނު ކަމަށެވެ. ނަމަވެސް މެޑިކަލް ބޯޑުން ނިންމީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ވަނީ ގާސިމްގެ ހިތުގެ އޮޕަރޭޝަނެއްކޮށްފައެވެ. ޖުމްހޫރީ ޕާޓީން ބުނީ އެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.

ޑޮކްޓަރު ލަފާދެއްވާފައި ވަނީ ގާސިމްގެ ހާލަތު ސްޓޭބަލް ވަންދެން އެމަނިކުފާނުގެ ކޮންޑިޝަން ގާތުން މޮނިޓާ ކުރުމަށް ކަމަށް އެމަނިކުފާނުގެ ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ވަނީ ވިދާޅުވެފައެވެ.

އަދި އެމަނިކުފާނަށް ވައިގެމަގުން ދަތުކުރެވޭނީ އަންނަ ޑިސެމްބަރުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ވެސް ދަރިކަލުން ޔަގްސާން ވަނީ ވިދާޅުވެފައެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށް، ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެއްގޮތަށް ޖަލުގައި ބަންދުކޮށްގެން ހުކުމް ތަންފީޒު ކުރަން އަދި ނުފަށާނީ ގާސިމްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ކަރެންޝަނަލް ސާވިސްއިން ވަނީ ބުނެފައިވެ އެވެ. ގާސިމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭގައި ހުންނަވައިގެން ޖަލު ހުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ވަނީ ދީފަ އެވެ.

comment ކޮމެންޓް