އެޗްޑީސީން ރޮހިންޔާ ފަންޑަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެޗްޑީސީގެ ފަރާތުން ވަނީ 1,036,613.10 ރުފިޔާ ހަދިޔާކޮށްފައި -- ފޮޓޯ/ އެޗްޑީސީ

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް ދިވެހީންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ފަރާތުން، 1,036,613.10 ރުފިޔާ ހަދިޔާކޮށްފިއެވެ.

'ރޮހިންޔާގެ މުސްލިމުންނާއެކު ދިވެހީން' މިނަމުގައި އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން، ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ދެ ދުވަހުގެ ޓެލެތޯންގައި، މިފައިސާ ފަންޑަށް ޖަމާކުރުމަށް ހަވާލުކޮށްދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައިމަން އެވެ. ފަންޑުގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ، ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން މިއަދު އެ ކުންފުނީގެ ފަރާތުން ފަންޑަށް ހަދިޔާކުރި ފައިސާއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭ އިންވެސްޓަރުންނާއި، އެޗްޑީސީގެ މުވައްޒަފުންނާއި، އެ ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން އެއްކުރި ފައިސާ ކަމަށެވެ.

ސައިމަން ވިދާޅުވީ، މިއަދު ހަދިޔާކުރި ފައިސާގެ އިތުރުން އަދިވެސް، އެ ކުންފުނިން ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު ވެސް ހުޅުމާލޭ އެކި ސަރަހައްދުގައި އެޗްޑީސީގެ ފަރާތުން ބަހައްޓާފައިވާ ފަންޑު ފޮށިތައް މިމަހުގެ 30ގެ ނިޔަލަށް ބަހައްޓާނޭ ކަމަށެވެ. ފައިސާ ޖަމާކުރުމުގެ މަސައްކަތުގައި އެޗްޑީސީއާއި ހުޅުމާލެ ކޮމިއުނިޓީގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން، މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ދެ ދުވަހުގެ ޓެލެތޯނަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް