މާލެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބަނުން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
ގާތް ގަޑަކަށް މެންދުރުފަހު 1:00 ހާއިރު ގަލޮޅާއި ހެންވޭރުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުމަށް ފަހު އަލުން ކަރަންޓް ލިބުނީ އޭގެ 20 ވަރަކަށް މިނެޓް ފަހުންނެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަރަންޓް ކެނޑެން ދިމާވީ އެތަނުގެ ޖަނަރޭޓަރެއް ހުއްޓިގެން ކަމަށާއި ނަމަވެސް މައްސަލަ ހައްލު ކުރުމަށްފަހު ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައިވާ ކަމަށެވެ.
އިއްޔެ ވެސް ވަނީ މާލޭގެ ބޮޑު ސަރަހައްދަކުން ދެ ގަޑިއިރެއްހާއިރަށް ކަރަންޓް ކެނޑިފައެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިދިޔަ އޯގަސްޓު މަހުގެ ތެރޭގައިވެސް މާލެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ ފަހަރު ކަރަންޓު ކެނޑިފައިވަނީ، ޓްރާންސް ފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށްޓަކައި މިހާރު އޮތް ކަރަންޓް ސިސްޓަމާ ގުޅޭ ދިރާސާއެއް ހެދުމަށް ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މިދިޔަ މަހު ފަހުކޮޅު ބުނެފައެވެ.