ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ދެ ދުވަހުގެ ޓެލަތޯނެއް ފަށައިފި

ދިވެހި ދިދަ ހިފައިންގެ ތުއްތު ކުއްޖަކު ރޮހިންގާ މުސްލިމުންގެ ކޭމްޕެއްގައި: --- ސަން ފޮޓޯ/ ޙުސައިން ޙަސަން

މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންމަށް އެ ގައުމުގެ އަސްކަރިއްޔާ އިސްވެ އޮވެ ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެ ގައުމު ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ މުސްލިމުންނަށް އެހީވުމަށް ދެ ދުވަހުގެ ހާއްސަ ޓެލަތޯންއެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން 'ރޮހިންގާ މުސްލިމުންނާއި އެކު ދިވެހިން' މިނަމުގައި މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި ޓެލެތޯންގައި ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ދެ ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ޓެލިތޯންގައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރޮހިންގާ މުސްލިމުންނާ ގުޅޭ ތަފާތު އެކި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިހާރު ފެށިގެން ކުރިއަށްދޭ ޓެލެތޯންގައި ވާހަކަފުޅު ދައްކަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް ވިދާޅުވީ ދެ ދުވަހުގެ މުއްދަތަކަށް ޓެލެތޯންގެ މުއްދަތު އިތުރުކުރަން ނިންމީ ރާއްޖޭގެ އެކި ރަށް ރަށުން އެއްކޮށްފައިވާ ފައިސާ އެ ފަރާތްތަކުން ޓެލެތޯން މެދުވެރިކޮށް ހަދިޔާ ކުރުމަށް ބޭނުންވާތީ ކަމަށެވެ.

މާދަމާ ރޭ 12 ޖަހަން ދެން އެ ޓެލެތޯން ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރުގެ ފަރާތުން ހުޅުވާފައިވާ ފަންޑް ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ޖުމްލަ ލިބުނު ފައިސާގެ އަދަދު ހާމަ ކުރާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

comment ކޮމެންޓް