ކޮލިފައިންގައި ރާއްޖެ ކޮޅަށް ތަޖިކިސްތާނުން 14 ލަނޑު ޖަހައިފި

އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާނު ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ ބަލިވީ 14-0 ލަނޑުގެ ނަތީޖާއަކުން -- ފޮޓޯ/ އޭއެފްސީ

އޭއެފްސީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ.

ކޮލިފައިން 'ގްރޫޕް ބީ'ގެ މެޗުތައް ކުރިއަށްގެންދާ ގައުމު ކަމަށްވާ ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 0-14 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ދެން ނުކުންނާނީ މި މަހުގެ 24 ވަނަ ދުވަހު ސީރިއާ އާ ދެކޮޅަށެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އޮމާން އަތުން ރާއްޖެ ބަލިވީ 8-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމަށް އިރުޝާދުދެނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އެވެ. އޭނާއަކީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ބީޖީ ސްޕޯޓްސް ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން އިރުޝާދުދިން ކޯޗެކެވެ.

ކޮލިފައިންގައި ރާއްޖޭގެ ޓީމު ހިމެނެނީ 'ގްރޫޕް ބީ'ގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އަދި ތުރުކުމެނިސްތާނެވެ.

ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމު ވަނީ މިއަހަރު ނޭޕާލްގައި ބޭއްވި 15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 9-0 ލަނޑުގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ނޭޕާލް އަތުން ބަލިވީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގައި ރާއްޖޭގެ ގްރޫޕްގައި ހިމެނުނު އިންޑިއާއާއި ނޭޕާލް ވަނީ ފައިނަލުގައި ވާދަކޮށްފައެވެ. އެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.

comment ކޮމެންޓް