ތަޖަކިސްތާނަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭގޮތް ހަމަޖައްސައިފި

ތަޖަކިސްތާން --

ތަޖަކިސްތާނަަށް ދަތުރުކުރާ ދިވެހީންނަށް އަންނަ އަހަރުން ފެށިގެން އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ތަޖަކިސްތާން ސަރުކާރުން ހަމަޖައްސައިފިއެވެ.

ތަޖަކިސްތާންގެ އެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެގައުމުގެ ހާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީނަށް ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭން ނިންމި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގުޅުންތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ތަޖަކިސްތާނަކީ ދިވެހީން އެކި ބޭނުންތަކަށް ދަތުރުުކުރާ ގައުމެކެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ދިވެހީން އެ ގައުމަށް ދަނީ ކިޔެވުމުގެ ބޭނުމުގައެވެ. އަދި ސަގާފީ ކަންކަން ތަޖުރިބާކޮށްލުމުގެ ބޭނުމުގައެެވެ.

ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ގިނަ ގައުމުތަކުން، ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިތައް ދީފައިވެއެވެ. އެގޮތުން 2018ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި، މޮރޮކޯއާއި، ތައިލޭންޑް އަދި ޔޫއޭއީއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް އެ ގައުމުތަކުން ވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު އިންޑިއާއާއި ލަންކާގެ އިތުރުން ސައުދީ އަރަބިއާއަށް ދަތުރުކުރުމުގައި ވެސް ލުއިތަކެއް އެ ގައުމުން ވަނީ ދިވެހިންނަށް ދީފައެވެ. އަދި ރާއްޖޭގައި ހުރެގެން ޔޫރަޕުގެ ބައެއް ގައުމުތަކަށް ދަތުރުކުރުމަށް ވިސާ ނެގޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް