ތުރުކީގެ އެއާޕޯޓަކަށް ޖައްސަން މަސައްކަތް ކުރި ބޯޓެއް ވެއްޓިއްޖެ

އިސްތަންބޫލުގެ އެއާޕޯޓަށް ވެއްޓުނު ބޯޓުގައި ރޯވުމުގެ ސަބަބުން އަލިފާން ނިއްވަނީ -- ފޮޓޯ: ޓުވިޓާ

އިސްތަންބޫލް (ސެޕްޓެމްބަރު 22): ތުރުކީގެ އިސްތަންބޫލުގެ އަތާތުރުކް އެއާޕޯޓުގައި އިއްޔެ ޖައްސަން އުޅުނު ޕްރައިވެޓް ޖެޓެއް ވެއްޓުމުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްތަންބޫލުން ސައިޕްރަސްއަށް ދަތުރު ކުރަމުން ދިޔަ އެބޯޓު އަނބުރާލީ ފްލައިޓުގައި މައްސަލައެއް އުޅޭ ކަމަށް ބެލެވުމުންނެވެ. އަދި ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި އެއް ފުރޮޅު ފަޅައިގެން ގޮސް، އޭގެ ސަބަބުން ރަންވޭއިން ކައްސާލައި ބޯޓުގައި ރޯވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ހާދިސާގައި ބޯޓުން ދަތުރުކުރަމުން ދިޔަ ފަސިންޖަރަށާއި، ދެ ޕައިލެޓުންނާއި ކުރޫ މެމްބަރަށް އަނިޔާވި ނަމަވެސް އެމީހުން ހާލު ސީރިއަސް ނޫން ކަމަށް ތުރުކީގެ މީޑިއާތަކުން ބުނެ އެވެ.

އަދި އެ ހާދިސާގެ ސަބަބުން އަތާތުރުކް އެއާޕޯޓުގެ ދެ ރަންވޭއެއް ބަންދު ކުރި ނަމަވެސް މިހާރު އެ ދެ ރަންވޭ ވެސް ބޭނުން ކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ރޮއިޓާސް)

comment ކޮމެންޓް