ޖަޕާން އެއާލައިންސްގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓަކާއި ޖަޕާނުގެ އަސްކަރީ މަތިންދާބޯޓެއް ޖެހި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެއެވެ.
ޖަޕާން އެއާލައިންސްގެ މަތިންދާބޯޓެއް ހަނޭދާ ވައިގެ ބަނދަރުގައި ޖެއްސިތާ ކުޑަ ވަގުތުކޮޅެއް ފަހުން ހިނގި އެ ހާދިސާގައި އެ މަތިންދާބޯޓު ޖެހިފައިވަނީ ޖަޕާނުގެ ކޯސްޓްގާޑުގެ މަތިންދާބޯޓެއްގައެވެ.
އެ ހާދިސާގައި މަރުވި ފަސް މީހުންނަކީ ކޯސްޓްގާޑުގެ މަތިންދާބޯޓުގައި ތިބި ފަސް ފަޅުވެރިންނެވެ. އަލިފާނުގެ ހާދިސާ ހިނގުމާ އެކު ބޯޓުގެ ތެރެއަށް ހުޅުގަނޑު ފެތުރުމުގެ ކުރިން އޭގައި ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. އެ ބޯޓުގައި 379 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ.
ކޯސްޓުގާޑުގެ މަތިންދާ ބޯޓު ދަތުރުކުރަމުން ދިޔައީ މި މަހުގެ އެއްވަނަ ދުވަހު ޖަޕާނަށް އައި ވަރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން އެ ސަރަޙައްދަށް ދިއުމަށެވެ.
އެ ހާދިސާގައި އެކްސިޑެންޓުވި ޖަޕާން އެއާލައިންސްގެ މަތިންދާބޯޓަކީ އެ ޤައުމުގެ އުތުރުގައިވާ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ހޮއްކައިދޯގެ ސިން-ޗިތޮސޭ ވައިގެ ބަނދަރުން ފުރައިގެން ޓޯކިޔޯއަށް ދަތުރު ކުރި ބޯޓެކެވެ. އެ ހާދިސާއާ ގުޅިގެން ހަނޭދާ ވައިގެ ބަނދަރުގެ ހުރިހާ ރަންވޭތަކެއް ވަނީ ވަގުތީ ގޮތުން އޮތީ ބަންދު ކޮށްފައެވެ.
ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ހިންގުމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިދާ ވަނީ އަންގަވައިފައެވެ.