ބަންގަލަދޭޝްގެ ޓެކްނަފް ބޯޑަރަށް ދެވުނު ތަނާހެން ބައްދައްލުކުރީ ޖޯރުހުރި ޒުވާނަކާއެވެ. ބޮލުގައި ތާކިހަލެއް އާޅާފައިވާ އެ ޒުވާނާ ލައިގެން ހުރީ ޖުއްބާއެކެވެ. ހިތް ހެޔޮ ކަމާއި މަޑު މައިތިރި ކަމާއެކު އޭނާ އަހަރަމެންނާއި ވާހަކަ ދެއްކިއެވެ. އެއީ އެ އަވަށުގައި ދިރިއުޅޭ އުމުރުން 22 އަހަރުގެ ޝޮބީރުއެވެ.
"ރޮހިންގާ މުސްލިމުން އަންނަ ސަރަހައްދަށް އަހަރެން ގެންގޮސް ދީފާނަން. އަހަރަމެންގެ މަސައްކަތަކީ އެމީހުންނަށް އެހީވުން. މިހާރުވެސް ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން އައިސްފި،" އެ ޒުވާނާ ވާހަކަ ފެށީ މިހެންނެވެ.

ޝޮބީރު ރޮހިންގާ މުސްލިމުންނަށް އެހީ ބެހުމުގައި- އޭނާގެ މަސައްކަތަކީ އެ ސަރަހއްދަށް އެތެރެވާ ރޮހިންގާ މުސްލިމުންނަށް ހިދުމަތް ކުރުން--ސަން ފޮޓޯ/ އަލީ ބިން އަބްދުﷲ(ބަނގްލަދޭޝް)
އެހެން ބުނެފައި އޭނާ އަހަރަމެން ދަތުރު ކުރި ސީއެންޖީ (ކުރޮޅި) ގައި އިށިންދެއްޖެއެވެ. އަދި އަހަރަމެން ދާންވީ މަންޒިލު ޑްރައިވަރަށް ކިޔައިދިނެވެ. އެހާ ހިސާބުން އަދި ނިންމާލީކީއެއް ނޫނެވެ. އަހަރަމެން އެ ތަނުގައި ކުރި ހުރިހާ މަސައްކަތެއްގައި ބައިވެރިވިއެވެ. އަހަރަމެން ކުރި އުނދަގޫ ދަތުރު ފަސޭހަ ކޮށްދީ ރޮހިންގާ މުސްލިމުންނާއި ގުޅޭ އެތައް މައުލޫމަތެއް ހޯދަން އޭނާ އެހީވިއެވެ.
އޭނާގެ އެހީތެރިކަމާ އެކު އެ ދަތުރުގައި ގިނަ އަދަދެއްގެ ބައެއްގެ އިންޓަވިއު އަހަރަމެން ކުރި އިރު ވީޑިއޯ ކެމެރާގެ ޒަރިއްޔާއިން އެ މަންޒަރުތައް ސަން ނިއުސް ރޫމުގެ ބޭނުމަށް ރެކޯޑް ކޮށްދިނީ ވެސް އޭނާ އެވެ. އެތައް އިރަކަށް ދެމިގެން ދިޔަ އިންޓަވިއުތައް އޭނާ ނަގައިދިނީ ފޫހި ކަމެއް ނެތިއެވެ.

ޝޮބީރު ރޮހިންގާ މުސްލިމުންނަށް އެހީ ބެހުމުގައި- އޭނާގެ މަސައްކަތަކީ އެ ސަރަހއްދަށް އެތެރެވާ ރޮހިންގާ މުސްލިމުންނަށް ހިދުމަތް ކުރުން--ސަން ފޮޓޯ/ އަލީ ބިން އަބްދުﷲ(ބަނގްލަދޭޝް)
އެދުވަހުގެ ބައްދަލުވުން ދިގު ދެމިގެން ގޮސް ރޮހިންގާ މުސްލިމުން ބަނދަރު ކުރާ ސަރަހައްދު ޝަހުދިއްޕަރަށް ދާން ނިންމައިފީމެވެ. އެ ދަތުރުގައި ވެސް އޭނާ ބައިވެރިވިއެވެ. އަދި އަަރެމެންނަށް މަގު ދައްކާދިނުމާއި އިންޓަވިއުތައް ނެގުމުގައި އެހީވީ ޝަކުވާއެއް ނެތިއެވެ. ބަންގުލަދޭޝް އާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދުގެ ފާލަމުގައި ދިވެހި ދިދަ ހިފައިންގެ ސަންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ހަސަނާއެކު އަޅުގަނޑު ހުއްޓިގެން ހުރި ތާރީހީ ފޮޓޯ ނެގައި ދިނީ ވެސް ޝޮބީރު އެވެ.
އެ ދަތުރުގައި އޭނާ ކުރާ މަސައްކަތާއި އަދި ދިރިއުޅުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ އެނާގެ މަސައްކަތްތަކަކީ އޭނާ ދިރިއުޅޭ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމެވެ. އަދި އޭނާ މީހުންނަށް ދީނަށް ގޮވާލުމުގެ މަސައްކަތުގައި ބައިވެރިވާއިރު އޭނާއަކީ ގުރުއާން ދަސްކޮށްދޭ މުދައްރިސެއް ވެސް މެއެވެ.ޝޮބީރު ބުނާ ގޮތުން އިސްލާމް ދީން އުނގަންނައިދިނުމާއި މިސްކިތްތައް ބެލެހެއްޓުމަކީ އޭނާގެ މުޅި ދިރިއުޅުމުގެ އަސާސް ކަމަށެވެ.

އުމުރުން 20 އަހަރުގެ ޝޮބީރު(ބަނގްލަދޭޝް)--ސަން ފޮޓޯ/ ހުސައިން ހަސަން
ރޮހިންގާ މުސްލިމުން އެ ގައުމަށް އެތެރެވާން ފެށި ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރީ އެ މީހުންނަށް ހިދުމަތް ދިނުމުގައެވެ. ހުރިހާ ވަގުތެއް ހުސް ކުރަނީ އެ މުސްލިމު އަހުންނަށް ގޮތެއް ހޯދައި ދިނުމަށެވެ. އަދި ޓެކްނަފް ސަރަހައްދަށް އަންނަ ރެފިއުޖީން ކުތުޕަލަންގް ކޭމްޕަށް ފޮނުވުމުގެ މަސައްކަތުގައި އޭނާ މަސައްކަތް ކުރެއެވެ.
ޝޮބީރު އަޅުގަނޑުމެން ޓެކްނަފް ސަރަހައްދަށް ކުރި ދެ ދަތުރުގައިވެސް އެހީތެރިކަން ފޯރުކޮށްދިން އިރު އޭނާ ބަދަލުގައި އެއްވެސް ފައިސާއެއް ބޭނުމެއްނުވިއެވެ. އެދުނީ އޭނާއަށާއި އޭނާގެ އެކުވެރިންނަށް ހެޔޮ ރަހުމަތްލެއްވުމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރަން އެދުނެވެ. އޭނާ ބުނީ އަހަރަމެން ފަދަ ކުޑަ ގައުމަކުން ރޮހިންގާ މުސްލިމުންގެ ހާލަތު ގެނެސް ދިނުމަށް އެގައުމަށް އައި ކަމަކީ އެކަމުން އުފާވެރިކަން ލިބުނު ކަމެއް ކަމަށެވެ.

ށޮބީރު ކެމެރާ ހިފައްޓައިގެން-- އޭނާ ވަނީ ސަން ރޮހިންގާ ކޭމްޕަތަކަށް ކުރި ދަތުރުގައި އެހީތެރިވެދީފައި--ސަން ފޮޓޯ/ މުހައްމަދު ސަމާހް
ޝޮބީރާއި ދިމާވި ކުޑަ ވަގުތު ކޮޅުން އޭނާ އަހަރަމެންގެ ގާތް ރަހުމަތްތެރިއަކަށް ބަދަލުވިއެވެ. އޭނާ ދައްކާ ވަހަކަ އަހަރަމެންނަށް ފަހުމް ނުވި ނަމަވެސް އޭނާގެ އަހްލާގާއި އޭނާގެ މިޖާޒް އަހަރަމެން އާޝޯހު ކޮށްލިއެވެ. އަދި އޭނާ ރޮހިންގާ މުސްލިމުންނަށް ފޯރުކޮށްދިން އެހީތެރިކަން އަހަރަމެންގެ ހިތް ދަމައިގަތެވެ.