މިޔަންމާގެ ރަކާން ސްޓޭޓްގައި ދިރިއުޅޭ އެގައުމުގެ ބައިމަދު ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އދ. އިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަަފީރު ޑރ. ހާލާ ހަމީދު މިޔަންމާ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ހާލާ އެކަމަށް ގޮވާލެއްވީ ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި 36 ވަނަ އދ. ގެ ހިއުމަން ރައިޓްސް އިންޓަރެކްޓިވް ޑައިލޮގްގައި ތަގުރީރު ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ މިޔަންމާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގައި އދ. އާއި އެހެނިހެން އެޖެންސީތަކާއި ސްޓޭކްހޯލްޑަރުން ކުރަމުންދާ މަސައްކަތުގައި މިޔަންމާ ސަރުކާރުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.
ރޮހިންގާ މުސްލިމުންނަށް މިޔަންމާގެ ސަރުކާރުން ކުރަމުން ދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ހާލާ ވަނީ ގޮވާލައްވައިފައެވެ.
އިންސާނިއްޔަތާ ޚިލާފު އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލައި ބައިނަލްއަގްވާމީ އަދި އިންސާނިއްޔަތުގެ ކަމުގެ ގާނޫނަށް ތަބާވުމަށްވެސް އޭނާ މިޔަންމާ ގެ ސަރުކާރަށް ގޮވާލެއްވިއެވެ.
"މިޔަންމާގެ ރަކީން ސްޓޭޓުގައި ހިނގަމުންދަނީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ ސްޓޭޓުން 380،000 މީހުން މިވަނީ އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފަ. މީގެ ތެރޭގައި ގިނައިން ހިމެނެނި އަންހެނުންނާއި ކުޑަ ކުދިން. މި މީހުން ބަންގްލަދޭޝް އަށް ހިޖުރަ ކުރަނީ ރޭޕު އަދި މަރާލާނެ ކަމުގެ ބިރު އޮތުމުން،" ހާލާ ވިދާޅުވިއެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެކި އެކި ފަންޑު ރެއިސިން އިވެންޓުތަކާއި ޓެލެތޯނުތައް ރާއްޖެއިން ހިންގަމުންދާ ކަމަށް ވެސް ހާލާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.