އިންޑިއާގައި އަނެއްކާވެސް ނޫސްވެރިއެއް މަރާލައިފި

އިންޑިއާގައި މަރާލި ނޫސްވެރިޔާ ޝަންތާނޫ ބޯމިކް

އިންޑިއާގެ އުތުރުގެ އިރުމަތީ ސަރަހައްދެއްގައި ހިނގަމުންދިޔަ ހަމަނުޖެހުން ކަވަރު ކުރަމުންދިޔަ އިންޑިއާގެ ނޫސްވެރިއަކު މަރާލައިފިއެވެ.

މިއީ މި މަހުގެ ތެރޭގައި އިންޑިއާގައި މަރާލި ދެވަނަ ނޫސްވެރިޔާއެވެ.

އިންޑިއާގެ ޓްރިޕޫތާ ސްޓޭޓްގެ އަގަރުތާލާގައި ސިފައިންނާ ސިޔާސީ ބައެއް ފަރާތްތަކުގެ ދެމެދުގައި ދަނޑިބުރިން ހަމަލާތަކެއްދިން ހާދިސާ ކަވަރުކުރަމުން ދަނިކޮށް މަރާލި ނޫސްވެރިޔާގެ ނަމަކީ ޝަންތާނޫ ބޯމިކްއެވެ.

ހަދިސާ ހިނގި ސްޓޭޓްގެ ޕޮލިސް ސުޕްރިންޑެންޓް އަބީޖީތް ސަބްތަރްޖީ އެސޯސިއޭޓެޑް ޕްރެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާގައި ވަރަށް ގިނަ ފުލުހުން ވެސް ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް އަބީޖީތު ވިދާޅުވިއެވެ.

މީގެ ދެ ހަފުތާ ކުރިން އިންޑިއާގެ މާޝްހޫރު ނޫސްވެރިއެއްކަމަށްވާ ގައުރީ ލަންކޭޝް މަރައިލައިފައިވަނީ ހިންދޫންގެ ހަރުކަށި ސިޔާސަތަށް ފާޑު ކިޔާތީއެވެ. ގައުރީ މަރައިލައިފައިވަނީ އޭނާ ގެއަށް ވަންނަން އުޅެނިކޮށް ކާކުކަން ނޭނގޭ ތިންމީހުން ދިން ޑީބަގެ ހަމަލާއެއްގައެވެ. ގައުރީގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެެވެ.

ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރިޕޯޓާސް ވިތުއައުޓް ބޯޑާސް އިން ވަނީ އިންޑިއާ ހިމަނައިފައެވެ.

comment ކޮމެންޓް