ގާސިމް އިބްރާހިމްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފި

ގާސިމް އިބްރާހީމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް މިއަދު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ އެ އެޕަރޭޭޝަނަށް ފަހު ގާސިމް މިވަގުތު އޮންނެވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައެ އައިސީޔޫގައި ކަމަށާއި އެމަނިކުފާނުގެ ހާލަތާ ގުޅޭ ގޮތުން އަދި އާއިލާއިން މައުލޫމާތެއް ނުލިބޭ ކަމަށެވެ.

ގާސިމްގެ އާއިލާއިން މީގެ ކުރިން ބުނެފައި ވަނީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ ޑޮކްޓަރު ލަފާދީފައި ވަނީ ކޮރޮނަރީ އެންޖީއޯޕްލާސްޓީ އަދި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެއްދެވުމަށެވެ.

ބޭސްފަރުވާ އަށް ސިންގަޕޫރަށް ގާސިމް ފުރާވަޑައިގަތީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ ގާސިމަށް ފަރުވާދީފައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގަ އެވެ.

ކަރެކްޝަންސް އިން ފުރަތަމަ ނިންމީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ނިންމުން މުރާޖާކޮށްދިނުމަށް ގާސިމްގެ އާއިލާ އިން އެދުމުން ވަނީ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްދީފަ އެވެ. އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ އެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

އަދި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަން ޖެހޭ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް