ކިރްގިސްތާނުގެ ވަރުގަދަ ކުޅުންތެރިޔާ ބަލިކޮށް، ރާއްޖޭގެ އަލީ ފަޔާޒް ގަދަ 16އަށް

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގެ 9 ބޯލް އިވެންޓުގައި ކިރްގިސްތާނުގެ ކުޅުންތެރިޔާ ބަލިކުރި ރާއްޖޭގެ އަލީ ފަޔާޒް ---

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ވާދަކޮށް ކިރްގިސްތާންގެ ކާމިޔާބު ކުޅުންތެރިއެއް ބަލިކޮށް، ރާއްޖޭގެ ހަތަރުވަނަ ބިލިއާޑް ކުޅުންތެރިޔާ އަލީ ފަޔާޒް ގަދަ 16އަށް ދަތުރުކޮށްފިއެވެ.

ތުރުކުމެނިސްތާނުގައި ކުރިއަށްދާ އެ ގޭމްސްގެ ފިރިހެނުންގެ 9 ބޯލް ޕޫލްގެ ގަދަ 32ގައި ވާދަކޮށް، ފަޔާޒް ބަލިކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، ކާމިޔާބީތަކެއް ހޯދާފައިވާ ކިރްގިސްތާނުގެ ސަގީންބައެވް ކަނީބެކްއެވެ.

އިއްޔެ ކުޅުނު އެ މެޗުގައި ރާއްޖޭގެ އަލީ ފަޔާޒް އަދި ކިރްގިސްތާނު ކުޅުންތެރިޔާގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މޮޅު ކުޅުމަކާއެކު އެ މެޗު އަލީ ފަޔާޒް ކާމިޔާބުކޮށްފައިވަނީ 9-7 އިންނެވެ. އެ މޮޅާއެކު އަލީ ފަޔާޒަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ.

އަލީ ފަޔާޒް ބަލިކުރި ސަގީންބައެވް ކަނީބެކް އަކީ ފްރީ ޕިރަމިޑް ވޯލްޑް ކަޕްގައި ރަން މެޑެއްޔަކާއި ރިހި މެޑެލް އަދި ލޯ މެޑެއްޔެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޭނާ ވަނީ ދެ ފަހަރު ޑައިނަމިކް ޕިރަމިޑް ވޯލްޑް ކަޕް ކާމިޔާބުކޮށް، ކޮމްބައިންޑް ޕިރަމިޑް ވޯލްޑް ކަޕްގެ ރިހި މެޑެލް ދެ ފަހަރު ހޯދައިފައެވެ.

ފިރިހެނުންގެ 9 ބޯލް ޕޫލް އިވެންޓްގެ ގަދަ 32ގައި ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ވެސް އިއްޔެ ވާދަކޮށްފައިވެއެވެ. އެ މެޗުގައި ތައިލެންޑްގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ މަކަމޮންޓްރީ ޓަނުޓް އަތުން ޝަރީފް ބަލިވެފައިވަނީ 9-1 އިންނެވެ. މަކަމޮންޓްރީ ޓަނުޓްއަކީ ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޅުންތެރިއެކެވެ.

ގަދަ 16ގައި އަލީ ފަޔާޒް މިއަދު ނުކުންނަން ޖެހޭނީ ހޮންކޮންގެ ލޯ ހޯ ސަމްއާ ދެކޮޅަށެވެ. އޭގެ އިތުރުން އެ ގޭމްސްގެ އަންހެނުންގެ 9 ބޯލް ޕޫލް އިވެންޓުގައި ވެސް ރާއްޖޭގެ ދެ ކުޅުންތެރިން ވާދަކުރާނެއެވެ. ޗައިނާގެ ލިއު ޝާޝާއާ ދެކޮޅަށް ރާއްޖޭގެ އާމިނަތު ފާތީ ނުކުންނަން ޖެހޭއިރު، ރާއްޖޭގެ އާމިނަތު އަޒްރާ ނުކުންނަން ޖެހޭނީ ޗައިނީސް ޓައިޕޭގެ ޗޯ ޗިއޭ ޔޫއާ ދެކޮޅަށެވެ.

comment ކޮމެންޓް