"ބޮސް"ގެ ލަވަތަކުގެ މިލްކުވެރިއަކީ ކާކު؟

8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހިންދީ އަދި އިނގިރޭސި ރީތި ރާގުތަކަށް ދިވެހި ލަވަ ހަދައިގެން ކިޔުމަކީ ވަރަށް އާންމު ކަމެކެވެ. ރާއްޖޭގައި އެއީ މާކަ ބޮޑު މައްސަލައަކަށް ވެސް ނުވެއެވެ. އެހެންކަމުން މިފަދަ އުފެއްދުންތަކުގެ މިލްކުވެރިކަމުގެ މައްސަލަތަކަކީ ރާއްޖޭގައި އެހާ އާންމުކަމެއް ނޫނެވެ.

ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)އަށް މިވަނީ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. ބަޔަކު އޭނާއަށް "ލަނޑެއް ދިނީ"އެވެ.

ފަހަކަށް އައިސް މިފަދަ ކަންކަމާ ނަހުލާއަށް ވަނީ ކުރިމަތި ލާން ޖެހިފައެވެ. މިދިޔަ އަހަރު ނަހުލާގެ "ބީ" އިއުލާނު ކުރުމާއެކު އެހެން މީހަކު ވަނީ އެނަން ރަޖިސްޓްރީ ކޮށްލާފައެވެ. އޭނާއަށް "ބީ" އަނބުރާ ހޯދުނީ އެތައް މަސައްކަތަކަށް ފަހުއެވެ.

މިއުޒިކާއި ވީޑިއޯ ފަދަ ތަކެއްޗަކީ، ފޭސްބުކް، ޓްވިޓަރ، ޔޫޓިއުބް އަދި ސައުންޑްކްލައުޑް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަރަށް ބޮޑަށް ބަލާ ތަކެއްޗެވެ. ޚާއްސަކޮށް މިފަދަ ތަކެތީގެ މިލްކުވެރިކަމުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް އެފަރާތްތަކުން ބަލައެވެ. އެގޮތުން، ސޯޝަލް މީޑިއާއަކަށް އަޕްލޯޑްކޮށްފައިވާ ލަވައެއް، މިއުޒިކެއް ނުވަތަ ވީޑިއޯއެއްގައި މިފަދަ މައްސަލައެއް އުޅޭކަމަށް ބުނެ، ރިޕޯޓްކުރުމުން އެތަކެތި ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ރިމޫވްކުރެއެވެ.

އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ނަހޫ ތައްޔާރުވަމުންދާ ފިލްމު "ބޮސް"ގެ ލަވަތަކަށްވެސް މިވަނީ، އެހެންނެވެ. ބޮސްގެ ލަވަތައް އަޕްލޯޑް ކުރުމާއި އެކު އެއީ އެހެން ފަރާތެއްގެ ހައްގެއް ކަމަށް ބުނެ ސައުންޑް ކުލައުޑުން އެތަކެތި ނަގަނީއެވެ. މިގޮތަށް ނަގަނީ ކޮންމެވެސް ފަރާތަކުން، ބޮސްގެ ލަވަތަކުގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދާތީއެވެ.

މިއީ ފަހަރެއްގައި ލަވަތަކަށް ލިބޭ ތަރުހީބު ކުޑަކުރުމަށް، ނަހޫގެ ވާދަވެރީންގެ ފަރާތުން ކުރިމަތިވާ ކަމަކަށް ނުވެދާނެބާއެވެ؟

"އަޅުގަނޑުމެން ސައުންޑްކްލައުޑަށް ލަވަތަށް އަޕްލޯޑްކޮށްލާއިރަށް ކޮންމެވެސް އެހެން މީހެއްގެ ހައްގެއް ކަމަށް ބުނެ މެސެޖެއް ފޮނުވާފައި ލަވަތައް ރިމޫވްކުރަނީ. ދެން އަނެއްކާ އެއަށް ލިޔެގެން އަޅުގަނޑު އަލުން މި އަޕްލޯޑް ކުރަނީ. އެގޮތަށް ކުރާއިރު ކުރިން ލިބުނު ލައިކްސް ނުހުރޭ،" ބޮސްގެ ލަވަތަކަށް ދިމާވި މިލްކުވެރިކަމުގެ މައްސަލަ ނަހޫ ކިޔައިދިނެވެ.

އެހެން ނަމަވެސް "ބޮސް"ގެ ލަވަތަކަކީ ސީދާ އެ ފިލްމަށް ހަދާފައިވާ ލަވަތަކެކެވެ. އެ ލަވަތަކުގައި އެހެން އެއްވެސް ފަރާތެއްގެ ހައްގެއް ނޯންނާނޭކަކަމަށް ނަހޫ ބުންޏެވެ.

ބޮސްގެ ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ، މިސްޓީ، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ)، ފަތޯ، ހުސައިން ޞަބާޙް، އަދި މުނާޒެވެ. ލަވަތައް ހަދާފައި ވަނީ، މައުޞޫމް ޝާކިރު، އާދަމް ހަލީމް އަދުނާން، އަދި މުޙައްމަދު އްބަދުލްޣަނީ (ތޭރަ) އެވެ.

ނަހޫ ބުނީ، ބޮސްގެ ހުރިހާ ލަވަތަކަކީ ވެސް ސީދާ އެ ފިލްމަށް ހަދާފައިވާ މިއުޒިކާއި ލަތައް ކަމަށާއި، އެ ލަވަތައް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެސް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެ ހުރިހާ މިއުޒިކާއި ލަވައެއް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެސް ކޮށްފައި. އަދި މިހާރު ވާނީ ހުރިހާ ޑޮކިއުމެންޓެއްވެސް ސައުންޑްކްލައުޑާ ހިއްސާކޮށްފައި،" ކާމިޔާބު އެތަކެއް ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރު ބުންޏެވެ.

ނަހުލާ ބުނި ގޮތުގައި އޭނާ މިދާއިރާއަށް ނުކުމެ މަގްބޫލުކަން ހޯދަން ފެށީއްސުރެ އޭނާއަށް ތަފާތު ގޮންޖެހުން ތައް ވަނީ ކުރިމަތި ވެފައެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

ނަހޫ އޭނާގެ "ބޮސް"އަށް މި ދިމާވާ އުދަގޫތަށްވެސް ހައްލު ކުރާނެކަން ޔަގީނެވެ. އޭނާ ބުނި ގޮތުގައި މިފަދަ ކަންކަން ކުރުމުން ސާބިތުވަނީ މިފިލްމްގެ ލަވަތައް ވެސް އާންމުންނަށް ވަރަށް ކަމުގޮއްސި ކަމެވެ. އެކަމާ ކަންބޮޑުވާ ބަޔަކު ތިބުމަކީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ބުނެއެވެ.

ރާއްޖޭގައި މިވަގުތު ތިބި އެންމެ ކާމިޔާބު ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދުގެ އަޑުން ކިޔާދީފައިވާ ބޮސްގެ ހިތްގައިމު ލަވަތަށް ރިލީޒްކުރީ ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ. އެގޮތުން ސައުންޑް ކްލައުޑާއި މައިޓޯންސް އިންވެސް އެ ރީތި ލަވަތަށް އަޑުއެހޭގޮތަށް ނަހޫ ހަދައިދިނެވެ.

މީގެ ކުރީން އަހަރެމެންގެ ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނައިން އިވެނީ ހިންދީ ރީތި ރާގުތަކުގެ ކޮޕީ ލަވަތަކުގެ އަޑެވެ. އެހެން ނަމަވެސް މިހާރު އެ މަންޒަރު މިވަނީ ބަދަލުވާން ފަށައިފައެވެ. އަލަށް ނެރޭ ފިލްމުތަކުގައި އަމިއްލަ ރާގުތައް ހިމެނުމަށް ކޮންމެ ޕްރޮޑަކްޝަން ޓީމަކުންވެސް އިސްކަން ދެއެވެ. އެހެންކަމުން ކޮންމެ މީހަކު ކުރި ނަމަވެސް، ދިވެހި އަމިއްލަ އުފެއްދުންތަކެއް، މިގޮތަށް ޒާތީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ދިވެހި އަމިއްލަވަންތަ އުފެއްދުންތައް އިތުރުވީ ވަރަކަށް މި ފަންނުގައި ދިވެހީންގެ ކުރިއެރުން ފެނިގެން ދާނެއެވެ.

ނަހޫ ބުނީ، ބޮސްގެ ލަވަތައް ދެން އެގޮތަށް ސައުންޑްކްލައުޑުން ނުނަގާނެ ކަމަށެވެ. ބޮސްގެ ލަވަ ތަކަކީ ނަހުލާގެ މިލްކެއް ކަމުގައި ސާބިތުކޮށް ދިނުމުން، ސައުންޑުކްލައުޑުން ވަނީ މާފަށްއެދި އެލަވަތައް އަލުން އަޕްލޯޑް ކޮށްފައެވެ.

ނަހޫގެ އަމިއްލަ ވާހަކަށް އޭނާ ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒު ލައްވައި ޑައިރެކްޓްކުރާ، "ބޮސް"އަކީ، ދިވެހީންގެ ހިތްތަކުން އަދިވެސް ފޮހެވިގެން ނުދާ މަޝްހޫރު ފިލްމުތައް ކަމަށްވާ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ، ލޯތްބާއި ޖަޒުބާތުން ފުރިގެންވާ، "ނަހޫ ސްޓައިލް"ގެ ލޯބީގެ ފިލްމެކެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ ބޮސްގެ ލީޑުރޯލުން ފެނިގެން ދަނީ، ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާންއެވެ. ފިލްމުގެ ޓިކެޓް މިމަހުގެ 26ގައި ވިއްކަން ފަށާނެއެވެ.

comment ކޮމެންޓް