މީގެ ކުރިން ރަށެއްގައި ކުޅިވަރެއް ނުވަތަ ރަށުގެ ތަރައްގީގައި ކަމެއް ކުރި ނަމަވެސް އިސްނަގައިގެން މަސައްކަތް ކުރާތަން ފެންނާނީ ރަށުގެ މެދު އުމުރު ފުރައިގެ ހަރު މީހުންނެވެ. ރަށު ކަތީބުންނާއި އަތޮޅުވެރިންގެ ގޮތުގައި ތިބެ ކަންކަން ނިންމުމުގައި ވެސް އުޅުނީ އެއް ބަޔެކެވެ.
ނަމަވެސް އެދުވަސް މާޒީއާއެކުވެ ގޮސްފިއެވެ. މިއަދު މިވަނީ އެ ނިޒާމް ބަދަލުވެފައެވެ. ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މިއަދު ޒުވާނުން ހިއްސާ ކުރާއިރު، ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރާ އިޖްތިމާއީ އަދި އިގްތިސާދީ މަސައްކަތްތަކުގައި ގިނައީ ނޫކަށި ފުރައިގެ ޒުވާނުންނެވެ.
ކަންކަން ނިންމުމުގައާއި ހިންގުމުގައި މިއަދު ޒުވާނުންގެ ދައުރު ބޮޑެވެ. ރަށާއި އަތޮޅު ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންނަށް ބަލާލުމުން ވެސް އެކަން ފެނިގެންދެއެވެ.
ކަންކަމުގައާއި އިސް މަގާމުތަކުގައި ޒުވާނުން މަސައްކަތް ކުރި ނަމަވެސް، އެކަމުން ތަޖުރިބާ ހޯދުމަކީ ޒުވާނުންނަށް ފަހިވެފައި ނެތް، ނުވަތަ މަދުން ލިބޭ ފުރުސަތެކެވެ. އެއީ އިސްކަމެއް ދޭންޖެހޭ، ދިވެހި ޒުވާނުން ކުރިއަރައި ދިއުމަށް މުހިއްމު ކަމެކެވެ.
އެކަމުގެ ހެއްކަކަށް އިންޑިއާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ހިމެނޭ އެންމެ ހަގު ޒުވާނާ މަރިޔަމް ރިފާގެ ތަޖުރިބާ ފުދޭނެއެވެ.
އުމުރުން މިހާރު 19 އަހަރުގެ ރިފާ (ރިފޫ) މީގެކުރިން ރާއްޖޭން ބޭރު ގައުމަކަށް އާއިލާގެ މެމްބަރުންނާ ވަކިން ދަތުރެއް ކޮށްފައެއް ނެތެވެ. މުޅިން ވެސް ކަންކަން ކޮށްދީފައި ހުރީ އާއިލާގެ ގާތް މެމްބަރުންނެވެ.
އެހެންކަމުން ތަފާތު އެކި މިޒާޖުގެ ޒުވާނުންނާ އެކީގައި ކުރި މިދަތުރުގައި އޭނާއަށް އުދަނގޫ ތަކެއް ކުރިމަތިވިއެވެ. އެކަން އޭނާ އަމިއްލައަށް ވެސް ގަބޫލު ކުރެއެވެ.
ނަމަވެސް ރިފޫ ބުނި ގޮތުގައި، ޒުވާނުންގެ ސަމިޓުގައި ބައިވެރިވާން އިންޑިއާއަށް މިކުރި ދަތުރަކީ އޭނާގެ ދިރިއުޅުމުގައި އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެތައް ގައުމެއްގެ ބައިވެރިންނާއެކު ކުރިއަށްދާ ސަމިޓުގެ ސަބަބުން އޭނާއަށް މުޅިން އާ ރަހުމަތްތެރިންތަކެއް ލިބިއްޖެއެވެ.
އެކި ސަގާފަތާއި ދީނުގެ މީހުންނާއި ވިސްނުމުގެ ތަފާތުހުރި އެކި މިޒާޖުގެ މީހުންނާ އެކީގައި އުޅެން ދަސްވެ، އިސްނަގައިގެން ކަންކަމާ ކުރިމަތިލާން ކެރިއްޖެއެވެ. އެކަން އަމަލީ ގޮތުން ވެސް އޭނާ ދަނީ ސަމިޓުގައި ދައްކަމުންނެވެ.
ރިފޫ ބުނީ، އިންޑިއާއަށް ކުރި ދަތުރުން އޭނާއަށް ލިބުނު ތަޖުރިބާ ތަކަކީ ކޮންމެ ޒުވާނަކަށް ވެސް މުހިއްމު ކަންތައްތަކެއް ކަމަށެވެ. ވަޒީފާގެ ތަޖުރިބާގެ އިތުރުން އެކި ވިސްނުމާ ފިކުރުގެ މީހުންނާއެކު އުޅެން ދަސްވުމަކީ ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާވާނެ ކަމެއް ކަމަށް ރިފޫ ގަބޫލުކުރެއެވެ.
އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގެ ވެރިރަށް ބުބަނޭޝްވަރުގައި ކުރިއަށްދާ ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އެންމެ ހަގު ޒުވާނުންގެ ތެރޭގައި ހިމެނޭ އުމުރުން 21 އަހަރުގެ އާމިނަތު ވަފާ ވަލީދަކީ ވެސް ރާއްޖޭން ބޭރުގައި ބާއްވާ ޒުވާނުންގެ ހަރަކާތެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ޒުވާނެކެވެ.
ރަފީ ޖަމިއްޔާއިން އާއްމުކޮށް ހުޅުވާލި ފުރުސަތެއްގައި ކުރިމަތިލައިގެން ހޮވުނު ވަފާ ބުނާގޮތުން މިއީ މުސްތަގްބަލުގެ ލީޑަރަކަށްވުމަށް ކެރިއަރުގައި އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް އޭނާގެ ކަންބޮޑުވުމަކީ އެފަދަ ފުރުސަތުތައް ރާއްޖޭގެ ޒުވާނުންނަށް އެކަށީގެންވާ ވަރަށް ނުލިބުމެވެ. އަދި ފުރުސަތުތައް ހުރި ނަމަވެސް އެކަންކަން ގިނަ ޒުވާނުންނަށް ނޭނގި އޮތުމެވެ.
"ޒުވާނުންނަށް ހިންގާ ޕްރޮގްރާމްތައް ހުރެދާނެ. އެކަަމަކު ގިނަ މީހުންނަކަށް ނޭނގެ އެ ހުންނަ ކަމެއް. ހުރި ނަމަވެސް މި ހުންނަނީ ބައެއް މީހުންނަށް ރިޒާވް ކޮށްފަ،" ގައުމީ ޔުނިވާސިޓީގައި ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލް ކުރަމުންދާ ވަފާ ބުންޏެވެ.
ވަފާ ބުނާގޮތުން، ސަރުކާރުގެ ނުވަތަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ޒުވާނުންނަށް ހިންގާ ޕްރޮގްރާމްތަކުގައި ތަޖުރިބާ ނެތް އާދައިގެ ޒުވާނުން ބައިވެރި ކުރުވުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތަޖުރިބާ ނެތް ޒުވާނުންގެ އުއްމީދުތައް އާވެ ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމަށް އޭނާ ދެކެއެވެ.
މައި ކޮލެޖުގައި އޮފީސް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލް ކުރަމުންދާ ފާތިމަތު ނަޝާ، 21، ބުނާގޮތުން ބައެއް ޒުވާނުންނަށް ބޭރު ގައުމުތަކަށް ގޮސް ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ލިބެއެވެ. ނަމަވެސް އެ ފުރުސަތުތައް އާދައިގެ ޒުވާނުންނަށް ލިބޭލެއް މަދުކަން އޭނާ ފާގަހަކުރިއެވެ.
އެކަން އެގޮތަށްވަނީ ލިބޭ ފުރުސަތުތަށް އާއްމުނުކޮށް، ސަރުކާރާ ގުޅުން އޮންނަ ކޮންމެވެސް ޒުވާނަކަށް އެ ފުރުސަތު ދޭތީ ކަމަށް ނަޝާ ދެކެއެވެ.
"ޒުވާނުންނަށް ފުރުސަތު ލިބޭ. އެއީ އަޅުނގަޑު ގަބޫލުކުރާ ގޮތަކީ. ނަމަވެސް މައްސަލައަކީ އެ ފުރުސަތުތައް އިނގޭނެ ގޮތެއް ނެތުން. ރަފީ ޖަމިއްޔާ ކަހަލަ އެންޖީއޯ ނެތްނަމަ ނޭނގޭނެ ގިނަ ޒުވާނުންނަކަށް،" މެލޭޝިއާގައި ބޭއްވި ސަރަހައްދީ ގައުމުތަކުގެ ސަމިޓެއްގައި ބައިވެރިވި ނަޝާ ބުންޏެވެ.
ރަފީ ޖަމިއްޔާގައި ވަރަށް ފާހަގަކޮށްލެވޭ، ހިންގުންތެރިި ޒުވާނެއް ކަމަށްވާ ފާތިމަތު ހަނާއު، 21، ބުނިގޮތުގައި ރާއްޖެއާ ރާއްޖޭން ބޭރުގައި ލިބޭ ފުރުސަތުތައް ފަހިކޮށްދީގެން ޒުވާނުންނަށް އެކި މިޒާޖުގެ އަދި ދިމާވާ އެކި ކަހަލަ ކަންކަމުގައި އަމިއްލައަށް އުޅެން ދަސްވުމުން ކަސިޔާރުވެ ގޯސްމަގުންދާ ޒުވާނުން ރާއްޖޭގައި މަދުވާނެއެވެ.
އަދި ޒުވާނުންނަށް އެންމެ ބޭނުންވަނީ ބާރުވެރިވާނެ ފުރުސަތު ތަކެއް ނަމަވެސް އެފަދަ ފުރުސަތުތަކާއި ތަމްރީނުތައް ރާއްޖޭގައި ހިންގާ މިންވަރު ވަރަށް މަދުކަމަށް ހަނާއު ވެސް ފާހަގަކުރެއެވެ.
އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ރަފީ ޖަމިއްޔާއިން ކުރަމުންދާ ކަންތައްތަކަށް ޝުކުރު އަދާކޮށް، ޒުވާނުންނަށް ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އަމިއްލަ ޖަމިއްޔާތަކުން އިސްނެގުމަށް ޒުވާނެއްގެ ހައިސިއްޔަތުން ހަނާއު ގޮވާލިއެވެ.