ސަން މީޑީއާގެ އެހީ ރޮހިންގާ މުސްލިމުންގެ އަތަށް

ސަން މީޑިއާއިން ރޮހިންގާ މުސްލިމުންނަށް އަންނައުނު ހަދިޔާ ކުރަނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެގައުމުގެ ސިފައިން ހިންގަމުންދާ ގަތުލުއާއްމަށް ކެތް ނުކުރެވިގެން އެ ގައުމު ދޫކޮށް އަވަށްޓެރި ބަންގުލަދޭޝްއަށް އެތެރެވެފައިވާ ރޮހިންގާ މުސްލިމުންނަށް ސަން މީޑީއާ ގުރޫޕުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސަން ރޮހިންގާ މުސްލުމުންގެ ކޭޕްތަކަށް މި ނަމުގައި ސަންގެ ދެ ނޫސްވެރިން ބަންގްލަދޭޝް އަށް ކުރަމުންދާ ދަތުރުގައި އެ މުސްލިމުންނާއި އެހީ ހަވާލުކޮށްފައި ވަނީ އެންމެ ގިނަ އަދަދެއްގެ ބަޔަކު ބަނގްލަދޭޝްއަށް އެތެރެވާ ޓެކްނާފް ސަރަހައްދުގަ އެވެ.

އެގޮތުން މިއަދު ހެނދުނު ވަނީ އެ ވަގުތު ޓެކްނަފުގައި ތިބި 200 އަށްވުރެ ގިނަ ރޮހިންގާ މުސްލިމުންނަށް އަންނައުނާއި މިފްކޯ މަސްދަޅު ބަހާފަ އެވެ.

މިފްކޯގެ އުފެއްދުމެއް ކަމަށްވާ ފަސްމީރު މަސްދަޅެއް ރޮހިންގާ ކުޑަކުއްޖަކު ހިފަހައްޓައިގެން: ސަން މީޑިއާއިން ވަނީ އަންނައުނާއި މަސްދަޅު ބަހާފައިވޭ-- ސަން ފޮޓޯ/ ޙުސައިން ޙަސަން

ރޮހިންގާ މުސްލިމުންނަށް ސަން މީޑީއާގެ މުވައްޒަފުންނާއި އިސްވެރިން އަދި ޖުމުލަކޮށް ސަންގެ ހުރިހާ ކިޔުންތެރިން ހިމެނޭ ގޮތަށް އެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގެ، ޓެކްނަފް ސަރަހައްދުގައި ހަރަކާތްތެރިވާ މުސްލިމު ޖަމައަތްތަކާއި އެ އަވަށުގެ ކިޔަވާ ކުދިންގެ އެހީތެރިކަމާއި އެކުއެވެ.

މިއަދު ރޮހިންގާ މުސްލިމުންނަށް ފޯރުކޮށްދިން އެހީއާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕްގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ އެ އެހީ އަކީ ސަންގެ މުވައްޒަފުންނާއި ސަންގެ ކިޔުންތެރިންގެ ނަމުގައި އަދި ދިވެހީންގެ ނަމުގައި އެ މުސްލިމުންނަށް ވެދިން އެހީއެއް ކަމަށެވެ.

ވަގުތީ ގިޔަލެއްގެ ގޮތުގައި ހުރި ތަނެއްގައި ތެރޭގައި ރޮހިންގާ މީހުންތަކެއް މަޑުކޮށްލައިގެން--- ސަން ފޮޓޯ

ސިނާން ވިދާޅުވީ ސަން އިން ބަންގުލަދޭޝްގައި ތިބި ރޮހިންގާ މުސްލިމުންގެ ގާތަށް ގޮސް އެ މީހުންގެ ހާލަތު ސަން މެދުވެރިކޮށް ދިވެހިންނާ ހިސާބަށް ގެނެސްދޭން ނިންމީ އެފަދަ އިންސާނީ ކާރިސާތަކުގެ މައުލޫމާތަށް ދިވެހިން ހުންނަ ޝައުގެއްގެ ބޮޑުކަމުންނާއި އެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން ވެސް ހާލުގައި ޖެހިފައި ތިބި އެ މުސްލިމުންނަށް ކިތަންމެ ކުޑަ ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުން. އަދި ހަމަ ހަނދުމަ ފުޅު ކޮށްދޭން ބޭނުންވޭ އެހީ ފޮނުވާއިރު ވީހާވެސް ބޮޑަށް އެ މުސްލިމުންނާއި ހިސާބަށް އެހީ ފޯރާނެ ގޮތަކަށް އެކަން ކުރިއަށް ގެންދިޔުމަށް،" ސިނާން ވިދާޅުވިއެވެ.

ރޮހިންގާ ތުއްތު ކުދިންތަކަކަށް ސަން މީޑިއާއިން މަސްދަޅުތަކެއް ހަދިޔާ ކުރަނީ--- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ސަންގެ ދެ ނޫސްވެރިއަކު މިހާރު ބަނގްލަދޭޝް އަށް ކުރާ ދަތުރުގައި ވަނީ އެ ގައުމުގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކުތުޕަލަންގް ރެފިއުޖީ ކޭމްޕަށް ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ އިތުރުން މިޔަންމާއިން ރޮހިންގާ މުސްލިމުން އެތެރެވާ ބޯޑަރު ކައިރިއަށް ގޮސް އެ ތަނުގައި ވަމުންދާ ގޮތް ކިޔާދީފަ އެވެ. ސަންގެ ނޫސްވެރިން ދަތުރު ނިންމާލުމަށްފަހު މާލެ އަންނާނީ މާދަމާ އެވެ.

comment ކޮމެންޓް