އަންނަ އަހަރުގެ ސަމިޓު ބާއްވާ ގައުމަކަށް ވުމަށް ރާއްޖޭން ޝައުގުވެރިކަން ފާޅުކޮށްފި

ރާއްޖޭގެ ދިދައާއެކު ސޭސްގައި ބައިވެރިވާ ދިވެހި ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން ---

(އޮޑިޝާ، އިންޑިއާ)- މިހާރު އިންޑިއާގައި ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ދެވަަނަ ސަމިޓް ބާއްވަން ރާއްޖެއާއެކު އިތުރު ތިން ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރު ސިޓީގައި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާ ސޭސްގައި ސާކުގެ އަށް ގައުމުގެ ތެރެއިން ޕާކިސްތާން ފިޔަވައި ހުރިހާ ގައުމެއްގެ ޒުވާނުންނާ ބެހޭ ވުޒާރާތަކުގެ އިސްވެރިން ދަނީ ބައިވެރިވަމުންނެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ)ގެ ސެކްރެޓޭރިއެޓް އެޑްމިން ޖަޔަންތަ ކުމާރު ވިދާޅުވީ، ސޭސްގެ ދެވަނަ ސަމިޓް ބާއްވަން ރާވަމުންދަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

އަދި އެ ސަމިޓް ބޭއްވުމަށް ހަތަރު ގައުމަކުން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށާއި ރާއްޖެއަކީ އެކަމަށް އެންމެ ވާދަކުރާ އެއް ގައުމު ކަމަށެވެ.

އަންނަ އަހަރުގެ ސޭސް ސަމިޓް ބާއްވަން ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެއާއެކު ދެން ހިމެނެނީ ސްރީ ލަންކާ، ނޭޕާލް އަދި ބަނގުލަދޭޝް އެވެ. ނަމަވެސް އަންނަ އަހަރުގެ ސަމިޓް ބާއްވާނެ ގައުމެއް އިއުލާން ކުރާނީ މާދަމާ އޮންނަ ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ސޭސްގެ ދެވަނަ ސަމިޓް ރާއްޖޭގައި ބާއްވަން ޝައުގުވެރިކަން ފާޅުކުރީ ދިވެހި ޒުވާނުން ކުރިއަރުވައި ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ރަފީ ޖަމިއްޔާއިންނެވެ. ރަފީ ޖަމިއްޔާ އަކީ އައިވައިސީގައި ހިމެނޭ ރާއްޖޭގެ ރަސްމީ އެންޖީއޯއެވެ.

ރަފީ ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާގެ އިތުރުން އައިވައިސީގެ އެމްބެސެޑަރު އާއިޝަތު ރަފިއްޔާ ސަން އަށް ވިދާޅުވީ، އަންނަ އަހަރުގެ ސަމިޓް ރާއްޖޭގައި ބޭއްވުމަށް އެ ޖަމިއްޔާއިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ސޭސްގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިންގެ މެދުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރު ތަމްސީލް ކުރެއްވުމަށް ވަޑައިގެން އުޅުއްވާ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ އަހުމަދު ވެސް ވަނީ ޒުވާނުންގެ ކުރިއެރުމަށް ރާއްޖޭގައި ބާއްވާ ކޮންމެ ހަރަކާތަކަށް ވެސް ދިވެހި ސަރުކާރުން ޝައުގުވެރިކަންވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް