ފްލެޓް ލިބުނު މީހުންގެ ވަނަވަރު ހޯދުމަށް މަޖިލީހަށް މައްސަލައެއް ވައްދައިފި

މީގެ ކުރިން ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމެޓީއަށް ވަނީ ފްލެޓް ލިބުނު މީހުންގެ ވަނަވަރު ހޯދުމަށް އެދި މައްސަލަ އެއް ހުށަހަޅާފައި. ސަން ފޮޓޯ/ އަލީ ނަސީރު

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރި އިރު މީހުންގެ ވަނަވަރު އާންމުކޮށްފައުނުވާތީ އެކަންކޮށްފައިވާ އުސޫލްތަކަކީ ކޮބައިކަން ހޯދުމަށް ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅުނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނެވެ.

އެ ތިން މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލާގައި ބުނަނީ ފްލެޓް ލިބޭ މީހުންގެ ތެރޭގައި ފްލެޓް ލިބުން އެންމެ ހައްގުނުވާ ގިނަ ފަރާތްތަކެއް ހިމެނޭ ކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށާއި މީގެ ކުރިން އާންމުކުރާ ލިސްޓްތަކުގައި ނަމާއި އެޑްރެސް އަދި ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ހާމަކޮށްފައިވާ ކަމަށެވެ.

"މި ފްލެޓްތައް ދިނުމަށް ޝޯޓް ލިސްޓް ކުރެވިފައިވާ ފަރާތްތަކަކީ ކޮބާ ކަމާއި، މިކަންކަން ކުރުމުގައި ގެންގުޅެފައިވާ އުސޫލުތަކަކީ ކޮބައިކަން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ސާފު ވާން ޖެހޭ،" އިދިކޮޅު ތިން މެންބަރުން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން އަޅާ ފްލެޓްތަކަކީ އެތަންތަން އެންމެ ހައްގުވާ ފަރާތްތަކަށް ދެފުށް ފެންނަ ގޮތަށް ދޫކުރެވޭ ތަންތަން ކަމުގައި ކަށަވަރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްސޫލިއްޔަތެއް ކަމަށް ވެސް އެ ތިން މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތައް ލިބިފައި ވަނީ 661 މީހަކަށެވެ. ފްލެޓް ލިބުނު މީހުންގެ ނަންތަކުގެ ބަދަލުގައި ހައުސިން މިނިސްޓްރީން އާންމުކުރީ ފޯމު ނަންބަރެވެ.

comment ކޮމެންޓް