ފަސޭހަ ކަމާއެކު އެވަޓަން ބަލިކޮށް ޔުނައިޓެޑުން ތަފާތު ދައްކާލައިފި

ޔުނައިޓެޑްގެ ލުކާކޫ އެވަޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ--- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ފަސޭހަ ކަމާއެކު އެވަޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތަފާތު ދައްކާލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު އެ ޓީމަށް ތާވަލުގެ ދެ ވަނަ ލިބެނީ ވާދަވެރި ސިޓީ އާ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުގެ ގޮތުން އެއްވަރުވި ނަމަވެސް ޖެހި ލަނޑު ސިޓީ އަށް ވުރެ މަދުވީމައެވެ. އެ ދެ ޓީމަށް ކުޅުނު ފަސް މެޗުން ވަނީ 13 ޕޮއިންޓު ލިބިފައެވެ.

ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭޕީ

މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ޔުނައިޓެޑްގެ ޑިފެންޑަރު އެންޓޯނިއޯ ވެލެންސިއާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެވަޓަންގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހި ނިކުތް ބޯޅަ ވެލެންސިއާ ވަނީ ކޯލުގެ ކަނަށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގައި އެވަޓަން އަށް ނަތީޖާ އެއްވަރު ކުރާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ވޭން ރޫނީ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. އޭނާގެ ދެ ހަމަލާ ވެސް ޔުނައިޓެޑްގެ ކީޕަރު ޑިގެއާ ވަނީ މަތަކޮށްފައެވެ.

ޔުނައިޓެޑްގެ ފެލައިނީ އެވަޓަންގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ--- ފޮޓޯ: އޭޕީ

ޔުނައިޓެޑްގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ލުކާކޫގެ ޕާހަކުން އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހެންރިކް މިކިތާރިޔަންއެވެ. ޔުނައިޓެޑްގެ ތިން ވަނަ ލަނޑު 89 މިނެޓުގައި ލުކާކޫ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ފަހު ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އެންތޮނީ މާޝިއަލް އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޔުނައިޓެޑުން ސީޒަނެއް އެންމެ ރަނގަޅަށް ފެށި ފަހަރެވެ. ޖުމްލަ ފަސް މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ހަތަރު މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެފައެވެ. އަދި ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ލަނޑެވެ.

comment ކޮމެންޓް