54 ވަކީލުންގެ ހުއްދަ އަނބުރާ ދިނުމަށް ގޮވާލައި އިތުރު 35 ވަކީލަކު ޕެޓިޝަނެއް ހުށަހަޅައިފި

ސަސްޕެންޑު ކުރި ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި ---

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި 56 ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި އިތުރު 35 ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ ޕެޓިޝަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

"ސަން" އަށް ކޮޕީ ލިބިފައިވާ އެ ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހިމެނިވަޑައިގަންނަވައެވެ.

އެ ޕެޓިޝަންގައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކީ ވެސް އެއްވެސް ފަރާތަކާ މެދު ތުހުމަތުކުރެވޭ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހުގީގުކޮށްގެން ނޫނީ އެއްވެސް ފަރާތަކާ މެދު ފިޔަވަޅު ނޭޅުން ކަމަށެވެ.

ސަބަބަކީ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަކާ މެދު ފިޔަވަޅު އަޅަންޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ ތަހުގީގަކުން ކަމުގައިވާތީ ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.

އެހެންކަމުން ތަހުގީގު ނިމެންދެން އެ 54 ވަކީލުންގެ ހުއްދަ ހިފަހައްޓާފައިވާ ހިފެހެއްޓުން ދޫކޮށްދިނުމަކީ އެބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ޕެޓިޝަންގައިވެއެވެ.

އިންސާފުވެރިކަމާއި އިހްސާންތެރިކަމާއެކު އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެ ވަކީލުން ސަސްޕެންޑުކޮށް ޑީޖޭއޭ އިން ކުރި އިއުލާނުގައި ވަނީ ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސްއެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ ވަކީލުން އަދުލު އިންސާފުގެ ދާއިރާގެ މަސައްކަތާ ބެހިފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އޭގެއިތުރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްތިސޯސްތަކާއި ކޯޓުގެ އިޖުރާއަތުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ދަތިކޮށް ކޯޓުގެ ހުރުމަތް އެ ވަކީކުން ކެނޑި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް