މަޑުއްވަރީގައި މޫދަށް ދިޔަ ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް -- ފޮޓޯ: އެމްއެންޑީއެފް

މ. މަޑުއްވަރީގައި މޫދަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

މޫދަށްގޮސް އުޅެނިކޮސް ގެއްލިގެން ހޯދަމުން ދަނީ މ. މަޑުއްވަރީ އާބާދީ ގުލްޝަންގޭ 60 އަހަރުގެ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެމީހާގެ ނަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

އެމީހާ އެންމެ ފަހުން ފެނިފައި ވަނީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު މަޑުއްވަރީ ފުއްޓަރު ފަރާތުގައި ފައިގައި ވެލި މޮޑެން އިންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިމީހާ ލައިގެންހުރި މުންޑު އެ ރަށު ހުޅަނގު ފަރާތު މޫދުން އެމީހާގެ އާއިލާގެ މީހަކަށް ވަނީ ފެނިފައި،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ނުވައެއް ޖަހާ އެހާކަންހާއިރު ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް