އިންޑިއާގެ ޖަލުތަކުގައި ފަރުވާ ނުލިބި މަރުވާ މީހުންގެ އާއިލާތަކަށް ބަދަލުދެނީ

އިންޑިއާގެ ދިދަ ހިފައިގެން އެގައުމުގެ ރައްޔިތުންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ޖަލުތަކުގައި ބައްޔެއްވެ ފަރުވާ ނުދީ މަރުވާ ގައިދީންގެ އާއިލާތަކަށް އަދުލުވެރި ބަދަލެއް ދޭން ޖެހޭ ގޮތަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.

އިންޑިއާގެ ހައިކޯޓުގެ މައްޗަށް ސުމޯޓޯ ހިންގުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް އަދި އޭގެ ފަހުންވެސް ބައްޔެއްގައި ފަރުވާ ނުލިބި ޖަލުތަކުގައި މަރުވި މީހުންގެ މައުލޫމާތު ބަލައި އެމީހުންގެ އާއިލާތަކަށް އަދުލުވެރި ބަދަލު ދޭން ޖެހޭ ކަމަށެވެ.

އިންޑިއާގެ ޖަލުތަކަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށް ސުޕްރީމް ކޯޓުން ފެށި މަސައްކަތުގައި އަދިވެސް އިތުރު ބަދަލުތަކެއް ގެނައުމަށް ދައުލަތަށާއި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަނީ އަމުރުކޮށްފައެވެ.

އެގޮތުން ކުށެއްގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް ޖަލަށް ލެވޭ މީހުންނަށް ކައުންސިލިން ދިނުމަށާއި ކޮންމެހެން ކައުންސިލުން ދޭން ޖެހޭ ގައިދީންނަށް ކައުންސިލިން ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ހަމަ އެއާއެކު އިންޑިއާގެ ސުޕްރީމް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވަނީ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން ސިއްހީ ފަރުވާ ބޭނުންވަނީ ކޮން ބަޔަކަށްތޯ ބަލައި ސިއްހީ ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަ އިސްކަމެއް ދީގެން ސިއްހީ ފަރުވާ ދިނުމަށެވެ.

ގައިދީންނަށް ދޭ އާއިލީ ބައްދަލުވުންތަކާއި ލޯޔަރު ބައްދަލުވުން އަދި ފޯނު ކޯލުތަކަށް ދެވޭ ވަގުތު ދިގުކުރުމަށާއި ގަވާއިދުން ބައްދަލުވުންތައް ދިނުމަށްވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި ޖަލުގެ އޮފިސަރުންނަށް އެމީހުންގެ ޑިއުޓީއަކީ ކޮބައިކަން ކިޔައިދީ ގައިދީންނަށް ލިބެންޖެހޭ ހިދުމަތްތަކާއި ހައްގުތައް ކިޔައިދީ ތަމްރީން ޕްރޮގްރާމެއް ހިންގުމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ކުޑަކުދިންނާއި ގުޅިގެންވެސް ސުޕްރީމް ކޯޓުން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ތެރެއިން ބައްޔަކާ ނުލައި މަރުވާ ކުދިންގެ މައްސަލަތައް ސީރިއަށް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް ވަނީ އަމުރުކޮށްފައެވެ.

އަމުރުގައި ބުނެފައިވަނީ އެމީހުންނަކީ އަޅާލުމާއި އެހީތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ އެކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް